ރާއްޖޭގެ ޚަބަރު ދީނީ ޢިލްމުވެރިންގެ މަހާސިންތާއަށް ނަޒަރެއް!

ދީނީ ޢިލްމުވެރިންގެ މަހާސިންތާއަށް ނަޒަރެއް!

ދީނީ ޢިލްމުވެރިންގެ މަހާސިންތާއަށް ނަޒަރެއް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ފޮޓޯ:- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ވެބްސައިޓް

އަޅުގަނޑަކީ ވަކި ދާއިރާއަކުން ތަޚައްސުސް ވެގެން ހުރި ޢިލްމުވެރިއަކީމެއް ނޫނެވެ. ޢިލްމުވެރިން، ވަކީން ޙާއްސަކޮށް ދީނުގެ ދަންނަބޭކަލުން ކުރައްވާ ކަންކަމަށް ހަޖޫކިޔުމަށް އެކަށޭނަ މީހެއްވެސް ނޫނީމެވެ. މިމަގުން ކަންތައް ހުރުމާއެކު ނިމިދިޔަ ދީނީ ޢިލްމުވެރިންގެ މަހާސިންތާއާއިމެދު ހާޖުކިޔައި، ގޮތް ކިޔާކަށް ގަސްތެއް ނުކުރަމެވެ. އެހެނަސް ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްގެ ވާހަކަ އެންމެ ފުރަތަމަ ލިޔެވުނު ދިވެހި އެއް ނޫސްކަމުގައިވާ ދިއިސްލާމްގެ، މިދަންނަވާ ލިޔުމުގެ ލިޔުންތެރިޔާގެ ޙައިސިއްޔަތުން ހިތުގައި އުފެދުނު ޝުޢޫރުތައް ބަޔާންކުރުމަށް ޤަލަން ހިންގާލަމެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން ވިދާޅުވި ފަދައިން، މިއަދުގެ ޙާލަތަށް ބަލާއިރު ދީނުގައި ހުރި ކުދި ކުދި ފަރުޢީ އިޚްތިލާފުތަކާމެދު ބަހުސްކޮށް، ޢިލްމުވެރިންގެ ހަކަތަ ދުއްވާލުމަކީ އެންމެ ފައިދާހުރި، އަދި އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ.

ބަހުސް ކުރަންވީ ކޮން ކަމަކަށް ތޯއެވެ؟

ބަހުސް ކުރަންވީ ކަންކަން ވަރަށް ގިނައެވެ. އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަމެވެ. މި ދާއިރާގައި އަޅުގަނޑުމެން ކަންބޮޑުވާވަރުގެ މައްސަލަތަކެއް އެބަހުއްޓެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ރަލާ، އޫރުމަހުގެ ވިޔަފާރިން މި ދާއިރާ ވަނީ 'ނަޖިސް' ވެފައެވެ. ޙަރާމް މުދާ ވިއްކައިގެން ލިބޭ ފައިސާއަކީ ޙަރާމް ފައިސާ ކަމަށް ހުކުރު ޚުޠުބާ ތަކާއި، ދީނީ ދަރުސްތަކުން އިވޭއިރު މިއީ އަޅުގަނޑުމެން ފިކުރުކޮށް ނުމެލާ ތިބުން ހެޔޮވާވަރުގެ މައްސަލައެއް ނޫނެވެ. މިމައްސަލަޔަށް އޮތް ހައްލަކީ ކޮބައިކަމާމެދު ބަހުސްކޮށް ޢިލްމީ ޖަވާބެއް ހޯދައިގަތުމީ ޢިލްމުވެރިންގެ މަހާސިންތާއަކުން ކުރެވިދާނެ ކަމެކެވެ. އަދި ކުރަންވެއްޖެ ކަމެކެވެ.

 ވިޔަފާރިއާއި އިޤްތިޞާދުގެ ޢިލްމީ ތަޖުރިބާކާރުންގެ ޕްރެޒެންޓޭޝަނަކުން، ފަތުރުވެރިކަމުގެ ސިނާއަތު މިހާރު ބައްޓަން ކުރެވިފައިވާ ގޮތާއި، މައިގަނޑު ގޮތެއްގައި ރަލާއި އޫރުމަހުން މި ސިނާއަތަށް ވަންނަ އާމްދަނީގެ އިންސައްތަޔަކީ ކޮބައިކަމާ، މި ދެބާވަތުގެ ވިޔަފާރި މި ސިނާއަތުން ވަކިކޮށްލުމުން ސިނާއަތަށް އަންނާނެ ބަދަލުތަކާ އަދިވެސް މި ސިނާއަތާ ގުޅުން ހުރި އެންމެހައި މަޢުލޫމާތު ތަކެއް ދީނީ ޢިލްމުވެރިންނާއި  މަހާސިންތާގައި ހިއްސާ ކުރެވިދާނެއެވެ. އަދި ޢިލްމުވެރިންނާއި މި ހިއްސާކުރެވުނު މަޢުލޫމާތުތަކުގެ މައްޗަށް އެބޭފުޅުން ބަހުސްކޮށް، މި ސިނާއަތުގެ ކުރިމަގު ޙަލާލު މަގުން ހިންގާނެ މަގަކާއި، ރަލާއި އޫރުމަސް ވިއްކާނަމަ އެ ވިއްކައިގެން ލިބޭ ފައިސާޔަށް ޢަމަލު ކުރާނެ ގޮތަކާއި، މިހާރު ހުރި ރިސޯޓުތަކުން މިދެބާވަތުގެ ވިޔަފާރި ހުއްޓާލަން ނިންމާނަމަ، ވަގުތުން ހުއްޓާލަންވީތޯ ނުވަތަ ހުއްޓުމުގައި ގިރާކުރަންވީ ކޮންކޮން ހަރުފަތެއްކަން ކުރަހާލެވިދާނެއެވެ. މި މަގުން މިކަންތައް ކުރާނީ އިޤްތިޞާދީ ދާއިރާގެ ފަންނުވެރިންގެ ފަންނީ ހިއްސާ އާއި އެކުގައެވެ. މީގެ ނަތީޖާއަކީ މުޅީން ޙަލާލު އިޤްތިޞާދީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމް ކުރެވިގެން ދިޔުމެވެ.

 އަޅުގަނޑުމެންގެ އިޤްތިޞާދުގެ ނާރެހަކީ ސައުދި ޢަރަބިޔާ އާއި، އިސްލާމީ އެހެނިހެން ޤައުމުތަކާ ޚިލާފު އެއްޗަކަށް ވީހިނދު އެ ޤައުމުތަކުގެ އިޤްތިޞާދީ ނިޒާމު މިރާއްޖޭގައި ޤާއިމް ކުރެވިދާނެ ކަމުގެ އުއްމީދުގައި ތިބުމަށްވުރެ، މޮޅުގޮތަކީ މިޤައުމާ ގުޅޭގޮތަށް، ޙަލާލު ފައިސާ ލިބޭނެ އިޤްތިޞާދީ ނިޒާމެއް ޤާއިމްކުރުމާމެދު މި ދީބުގެ ދަންނަބޭކަލުން ބަހުސް ކުރުމެވެ. މިފަދަ ބަހުސް އެއް ޢިލްމުވެރިންގެ ބޮޑު މަހާސިންތާއެއްގައި ކުރެވިދާނެއެވެ. އަދި މިއީ އެދެވޭ ނަތީޖާއެއްވެސް ނެރެވިދާނެ ކަމެކެވެ.

ކޮންމެއަކަސް ބަޔާންވި ފަދަ އިޤްތިޞާދީ ނިޒާމެއް ޤާއިމް ކުރުމުގެ ބަހުސްގެ އިތުރަށްވެސް ތަފާތު އެތައް ޢިލްމީ، ނުހަނު ބޭނުންތެރި ބަހުސް ތަކެއް މި ދީބުގެ ޢިލްމުވެރިންގެ މަހާސިންތާއެއްގައި ކުރަން އެބަހުއްޓެވެ. ލިޔެވިދިޔަ ކަންތަކުގެ އިތުރަށް ހަމަ އެންމެ މިސާލަކުން މި ލިޔުމަށް ފުއްދާލާނަމެވެ.

އާދޭހެވެ! ދިވެހި، މުސްލިމް މަންމަޔަކާ މުސްލިމް ބައްޕަޔަކަށް އުފަން، ދިވެހި ދަރީންތަކެއް މިއަދުވަނީ އިސްލާމީ އަޤީދާ އާއި ފެޔަށް ޖެހިފައެވެ. އިސްލާމްދީނާ ބީރައްޓެހި ފިކުރުތަކުން އެދަރީންގެ ސިކުނޑިތައް ވަނީ ދޮވެވިފައެވެ. މިއީ ޤަބޫލުކުރަންޖެހޭ، ޒަހަރެއްފަދަ ހިތި ޙަޤީޤަތެކެވެ. މި ޙަޤީޤަތާއި ކުރިމަތިލައި، މި މައްސަލަ ދިމާވާންޖެހޭ ސަބަބުތައް ދިރާސާ ކުރަން ވެއްޖެއެވެ. އަދި މިކަމަށް އޮތް ހައްލަކީ ކޮބައިކަން ބަލާ ހޯދާން ވެއްޖެއެވެ. މިފަދަ ޙައްސާސީ މައްސަލަތަކުގައި ޢަމަލު ކުރަންވީ ގޮތަކީ ކޮބައިކަން ކަނޑައަޅަން ވެއްޖެއެވެ. މިއީ ޢިލްމުވެރިންގެ މަހާސިންތާއަކުން ކުރެވިދާނެ، އަދި ކުރަންވެއްޖެ ކަމެކެވެ.

ފަހުބަސް

ތަފާތު ފިކުރުތަކެއްގެ ވެރި، ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެލެއްވި މަހާސިންތާއެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވިއްޖެއެވެ. ތަޖުރިބާއިން ކަށަވަރުވީ ދައުވަތު ދީފިނަމަ ކިތަންމެ ފިކުރު ތަފާތު ވިޔަސް ޢިލްމުވެރިން މިފަދަ މަހާސިންތާތަކުގައި ބައިވެރިވެއްލެއްވުމުގެ ޝައުޤުވެރިކަން ހުރިކަމެވެ. ވުމާއެކު ކުރިމަގުގައި ބޭއްވޭ މިފަދަ މަހާސިންތާތަކަކީ ޢިލްމީގޮތުން ބުރަދަން ހުރި ބޮޑެތި ނިންމުންތަކެއް ނިންމާނެ މަހާސިންތާތަކަކަށް ވުން ނުހަނު ބޭނުމެވެ. މުޖުތަޙިދު ޢިލްމުވެރިން ބަހުސް ކުރައްވާ ނިންމަވާފަ ހުރި މައްސަލަތަކާމެދު އިތުރަށް ބަހުސް ކުރުމުގެ ބަދަލުގައި ޒަމާނީ، އައު މައްސަލަތަކާމެދު ބަހުސް ކުރާ މަހާސިންތާތަކެއް ބޭއްވުމުގެ ބޭނުންތެރިކަން ބޮޑެވެ. މިހެންކަމުން މިފަދަ އިތުރު މަހާސިންތާއެއްގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބި ވާހަކަ ޢިލްމުވެރިންނަށް ހާމަކޮށް ދަންނަވަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.