ކަނޑައެޅިފައިވާ ތާރީހުގައި ވެސް އަދި ފަހުން ވެސް އިޒްރޭލްގެ މަތިންދާބޯޓެއް ރާއްޖެއަށް ދަތުރުކުރަން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ނުފެންނަ ކަމަށް ކަނޑައަޅައި އެކަން ހުއްޓުވައި ދިނުމަށް ގަރާރެއް ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާ ގޮތަށް ކޮމެޓީން މިއަދު ނިންމައިފި އެވެ.
މި ގޮތަށް ނިންމާފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ހުށަހެޅުއްވުމަކަށް ކޮމެޓީގެ މެންބަރުން ބަހުސް ކުރެއްވުމަށް ފަހު އިއްތިފާގުން ފާސްކޮށްގެނެވެ.
ނާޒިމްގެ އެ ހުށަހެޅުއްވުމަކީ، އިޒްރޭލްގެ މަތިންދާބޯޓު ދަތުރުކުރުމުގެ މައްސަލައާއި، އިޒްރޭލުން ދަނޑުވެރިކަން ކުރުމަށް ރާއްޖެ އިން ބިން ދޫކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި، ޅ. ދިއްފުށި މާދޫގައި އިޒްރޭލްގެ މިލިޓަރީ ޕޯސްޓެއް އަޅާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ކޮމެޓީއަށް ހުށަހަޅާފައިވާތީ، އެކަން ދިރާސާ ކޮށް ނިމެންދެން، އިޒްރޭލްގެ މަތިންދާ ބޯޓެއް ޖެއްސުން ކަނޑަޅާފައިވާ ތާރީހުގައި ވެސް އަދި ފަހުން ވެސް އެ ބޯޓު ޖެއްސުމަށް ގައުމީ ސަލާމާތާ ބެހޭ ކޮމެޓީއަށް ނުފެންނަ ކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެކަމަށް މަޖިލީހުގެ ތަޅުމުން ގަރާރެއް ފާސްކޮށް ދިނުމަށް ނާޒިމްގެ އެ ހުށަހެޅުމުގައި ވެއެވެ.
ނާޒިމް ވިދާޅުވީ
މި މައްސަލަ އަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި، ދިވެހި ރައްޔިތުން އިޒްރޭލްގެ ބޯޓެއް ޖައްސާކަށް ނުރުހޭ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގައި އޭނާ އަށް ވެސް މިހާރު އޮޅިފައިވާ ކަމަށާއި، އެއީ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ކޮމެޓީގައި ވިދާޅުވި ވާހަކަތަކާއި އެހެން ތަންތާނގައި ދައްކާ ވާހަކަތައް ތަފާތު ވުމުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުން ނުރުހޭ ކަމެއްގައި އެބޭފުޅުންގެ ބޮލަށް ޒިންމާ އަޅުވާފައި މަޖިލިސް ޗުއްޓީއަށް ދިއުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، ކޮމެޓީން މިކަމަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
"އަދި އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ކޮމެޓީގައި އެދިވަޑައިގެންފައި ވަނީ އިޒްރޭލާ ގުޅުން ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް، މަޖިލީހުން އެކަމަށް ގޮތެއް ނިންމައި ދިނުމަށް" ނާޒިމް ވިދާޅުވި އެވެ.
ޤަރާރު ފާސް ކުރުމަށް ތަޅުމަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ހޯއްދަވާނެ ކަމަށް ކޮމެޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވަނީ މި މައްސަލަ ނިންމަވަމުން ވިދާޅުވެފައެވެ.
އިޒްރޭލުގެ އެއްވެސް މަތިންދާ ބޯޓަކަށް އަދި އެ ގައުމުގެ އެއްވެސް އެއާލައިނަކުން ރާއްޖެ އަށް ދަތުރުކުރުމުގެ ހުއްދަ މިހާތަނަށް ދީފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އާދިލް އިއްޔެ ވިދާޅުވީ، އެ އެއާލައިންގެ ދަތުރުތައް ފެށުމަށް ހުއްދަ ދިނުމަށް ތައްޔާރުވެފައިވާ ކަމަށާއި އަދި އެ ފަރާތުން ފޮނުވަން ޖެހޭ ޝެޑިއުލް ފެނުމުން ހުއްދަ ދެއްވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް އާދިލް ވަނީ މީޑިއާގައި އިޒްރޭލުގެ ބޯޓުތަކަށް ރާއްޖެ ދަތުރުކުރުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން އިޒްރޭލާ އެކު ބަދަހި ކުރަމުން ގެންދާ ގުޅުން ހުއްޓާލުމަށް ގޮވާލާ ގަރާރެއް ޕީޕީއެމްގެ މެމްބަރު އިލްހާމް އަޙްމަދު ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...