ރާއްޖޭގެ އެއްވެސް ފަޅުރަށެއް ދަނޑުވެރިކަން ކުރަން އިޒްރޭލަށް އަދި އެ ގައުމުގެ އެއްވެސް ކުންފުންޏަކަށް ދޭން ނިންމާފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް ގަސްތު ކޮށްފައި ވެސް ނުވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބަޔަކަށް ދަނޑުވެރިކަން ކުރަން ރާއްޖެއިން ބިން ދޭން އުޅޭކަމަށް ތުހުމަތުކުރައްވައި ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ޙުސައިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައިގައި އިބްރާހީމް ދީދީ އިއްޔެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކުރަން އިޒްރޭލާ އަދި އެ ގައުމުގެ އެއްވެސް ކުންފުންޏަކާއެކު މަޝްވަރާ ނުކުރައްވާ ކަމަށެވެ.
"އެއްވެސް ރަށެއް އަދި ބިމެއް ވެސް އިޒްރޭލުގެ ބަޔަކަށް އަދި ކުންފުންޏަކަށް ދިނުމަށް ވެސް މަޝްވަރާއެއް ނުކުރަން އަދި ނިންމާފައެއް ވެސް ނުވޭ. އަދި ގަސްތުކޮށްފައެއް ވެސް ނެތް،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
ނަމަވެސް، އިބްރާހީމް ދީދީ ވިދާޅުވީ އިފާޑް އަދި އައިއެފްއޯގެ ވަފުދުތައް އަބަދުވެސް ރާއްޖެ އަންނަ ކަމަށާއި އެމީހުންގެ ކޮންސަލްޓެންސީ ހޯދާ ކަމަށެވެ. އަދި އެފަދަ މީހުންގެ ޕާސްޕޯޓް ބަލައި އެއީ ކޮންގައުމެއްގެ ބައެއްތޯ ބެލުމަކީ އެބޭފުޅުންގެ މޭންޑޭޓެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިޒްރޭލްގެ މިލިޓަރީ ޕޯސްޓެއް ހަދާ ކަމުގެ ތުހުމަތު ކުރެވިފައިވާ ޅ. ދިއްފުށިމާދޫއާ ބެހޭ ގޮތުން އިބްރާހީމް ދީދީ ވިދާޅުވީ އެ ރަށް ވަނީ 11 ޖެނުއަރީ 1987 ން ފެށިގެން އެރަށަކީ ހޯމް މިނިސްޓްރީއަށް ދޫކޮށްފައި ކަމަށާއި އެ ރަށާ ބެހޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އިޒްރޭލުގެ މައްސަލައިގައި މީގެ ކުރިން ވަނީ ޑރ. މައުރޫފް ޙުސައިން އާއި، ޑިފެންސް މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު ސަލާމަތުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިޒްރޭލުގެ ޒަޔަނިސްޓުންގެ ގުރޫޕެއް ކަމަށްވާ “ޓެޝޫވާ އެގްރިކަލްޗަރ” ކިޔާ ބަޔަކު ދަނޑު ހެއްދުމުގެ ބަހަނާގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ގްރޫޕާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރެވުނު އީމެއިލް ތަކުން އެމީހުން ރާއްޖޭގައި “ދަނޑުވެރިކަން ކުރާ” ބިމުގެ މިލްކުވެރިކަން އެމީހުންނަށް ލިބޭނޭތޯ ވާހަކަ ދައްކާފައި ވާކަމަށް ސާފުކޮށް އެނގިފައިވާ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ. ޢަދާލަތުން އޭރު ވަނީ ހއ. ފިއްލަދޫ، މާފަހި، ހދ. ހަނިމާދޫ އަދި އައްޑު ސިޓީގެ ރައްޔިތުން މި ޒަޔަނިސްޓުންގެ ގުރޫޕުގެ ޙަރަކާތްތަކަށް ފާރަވެރިވެ ތިއްބެވުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ. ނަމަވެސް، ރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިޒްރޭލުގެ ދަނޑުވެރިން ރާއްޖެ އައުމާ ދެކޮޅު ހެދުމުން އެމީހުންގެ އެ ދަތުރު ކެންސަލް ކޮށްލާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ވެރިން ރާއްޖޭގެ ރަށްތައް މިފަދަ މީހުންނަށް މިލްކުކޮށް ނުދޭނެޔޭ ބުނެވޭ ފަދަ ވަފާތެރި ކަމެއް ދީނަށްވެސް އަދި ގައުމަށްވެސް އެމީހުންގެ ފަރާތުން ސާބިތު ވެފައި ނުވާ ކަމީ މިއަދު ރާއްޖެއާއި ކުރިމަތި ވެފައިވާ މުސީބަތެއް ކަމަށް ޢަދާލަތުން ސިފަކުރެއެވެ. އެގޮތުން ޢަދާލަތުން ތުހުމަތުކުރާ ގޮތުގައި ޅ. އަތޮޅު ދިއްފުށިމާދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢަކީ ވެސް އިޒްރޭލުގެ ޒަޔަނިސްޓުންނަށް ދިވެހި ސަރުކާރުން ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...