ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބަހައްޓާފައިވާ ހުރިހާ މޮނިއުމަންޓްތައް ނެގުމަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު، އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ޞާދިޤް (ސޯބެ) އަށް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މޮނިއުމަންޓްތައް ނެގުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާއިރު، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ ޑިމޮކްރަސީއެއްގައި ބަލިވުމެއް ނޫން ކަމަށެވެ. އަދި އެތައް ބަޔަކު އެ މޮނިއުމަންޓްތަކާ ދެކޮޅަށް އަޑު އުފުލާ އިރު، އެ މޮނިއުމަންޓްތައް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޑިސެމްބަރ 23 ވީ ހުކުރު ދުވަހު "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ޑިމާންޑް ކުރި ކަންތައްތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ބުދު މޮނިއުމަންޓްތައް ނެގުން ހިމެނެއެވެ. އަދި އެދުވަހު އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ބޮޑު މުޒާހަރާގައި ވެސް، އެ ސިޓީގައި މިހާރު ހުރި މޮނިއުމަންޓްތައް ވީހާ ވެސް އަވަހަކަށް ނެގުމަށް ގޮވާލާފައި ވެއެވެ.
މޮނިއުމަންޓްތަކުގެ ނަމުގައި ކާފަރުން އަޅުކަންކުރާ ބުދުތައް އައްޑޫގައި ބަހައްޓާފައިވާ މައްސަލަ މުޅި ރާއްޖޭގައި ހޫނުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ބުދުތައް ބެހެއްޓީ އެމަނިކުފާނަށް އެނގިލައްވައިގެން ނޫން ކަމަށާއި، އެމަނިކުފާނަށް ފެނުނީ އެ ބުދުތައް ތަޅާލާފައި ހުއްޓާ ކަމަށެވެ. އަދި އެ ބުދުތައް ބަހައްޓާފައި ވަނީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤް (ސޯބެ) އާއި އެ ސިޓީގެ ބަޔަކު ގުޅިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...