އިންޑިޔާގެ ކޮލްކަތާގެ އޭ.އެމް.އާރް.އައި ހޮސްޕިޓަލްގައި ރޯވެ 88 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިގާފައިވަނީ ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލިފާން ރޯވުމާއެކީ ސްޓާފުން ވަނީ ބަލި މީހުންތައް ދޫކޮށްފައި އެމީހުންގެ ރައްކާތެރިކަންހޯދާފައިކަމަށް އޮފިސަލުން ހާމަކުރެއެވެ. އެހެންކަމުން ގަސްތުގައި މީހުން މެރުމުގެ ތުހުމަތުގައި ހޮސްޕިޓަލްގެ ހަ އޮފިސަލަކު ވަނީ ހައްޔަރުކޮށްފައެވެ.
ވެސްޓް ބަންގާޅު ގެ ސްޓޭޓް މިނިސްޓަރ ފޮރ ޕަބްލިކް ހެލްތް އިންޖިނިއަރިންގ ސުބްރަތާ މުޚަރްޖީ ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގުމުން ހޮސްޕިޓަލް އޮތޯރިޓީން ބަންދުވެފައިވާ ބަލި މީހުން ސަލާމަތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުމަކީ އެމީހުންގެ ފަރާތުން ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ވަރަށް ހިތާމަ ހުރި އަަދި ދެރަ ކަމެއްކަމަށެވެ. ނަމަވެސް އެތަނުގެ އެންމެ އިސްވެރިން ވަނީ އަލިފާން ހިފުމުން އެމީހުންގެ ރައްކާތެރިކަން ހޯދާފައެވެ.
މީހުން ސަލާމަތް ކުރާ މީހުން ވަނީ ސަލާމަތް ކުރެވުނު ބަލި މީހުން އެތާ ކައިރި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީހުން ސަލާމަތް ކުރަން އުޅުނު އޮފިސަލުން ބުނީ ގިނަ މީހުން މަރުވެފަވަނީ ދުމުގެ ސަބަބުން ނޭވާލާން ދަތި ވުމުން ކަމަށެވެ.
އޭ.އެމް.އާރް.އައި ހޮސްޕިޓަލް ކޮމްޕެނީގެ ނައިބު ރައީސް ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލް 3 މަސައްކަތު މީހުން ހިމެނެއެވެ. އަދި ދެން މަރުވެފައިވަނީ ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...