ދިއިސްލާމް އައްޑޫ ސިޓީގެ ކުރިމަގަށް އޮތް ޙައްލެއް

އައްޑޫ ސިޓީގެ ކުރިމަގަށް އޮތް ޙައްލެއް

އައްޑޫ ސިޓީގެ ކުރިމަގަށް އޮތް ޙައްލެއް

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ތައްޔާރުކުރީ: މުޙައްމަދު ނާޖިޙު، މ.ހުޅަނގުއައްސޭރި، ސަވާހިލި، އައްޑޫ ސިޓީ

 އައްޑޫ ސިޓީއަކީ އައްޑު އަތޮޅުގައި މީހުން ދިރިއުޅެމުން އައި 6 އެއްކޮށްލައިގެން އުފެދިފައިވާ ސިޓީއެކެވެ. އައްޑޫ ސިޓީގެ ތެރޭގައި ގަން ބައިނަލްއަޤުވާމީ ވައިގެ ބަނދަރުވެސް ހިމެނެއެވެ. މީގެ އިތުރުން އައްޑު އަތޮޅުގެ ބައެއް ފަޅުރަށްތައްވެސްވަނީ ބިމުގެ ގޮތުން ސިޓީގެ ތެރޭގައި ހިމެނިފައެވެ. އޭގެ ތެރޭގައި މަރަދޫއާއި ހިތަދޫއާއި ދޭތެރޭގައި އޮންނަ ހަންކެޑެއާއި، ހިތަދޫގެ ހުޅަނގު އުތުރުކޮޅުން ހިތަދޫއާއި ގުޅިފައިވާ ފަޅުރަށްތަކާއި އަދި މީދޫއާއި ގުޅިފައިވާ ފަޅު ރަށްތައްވެސް އައްޑޫ ސިޓީގެ ތެރޭގައި ހިމެނެއެވެ.

މިގޮތުން އުފެދުނު އައްޑޫ ސިޓީގެ އަވަށްތަކުގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ ކުރިން މީހުން ދިރިއުޅޭ ވަކިވަކި ރަށްތަކުގެ ގޮތުގައި އޮތް 6 ރަށަކީ ވަކިވަކި އަވަށްތަކެއްގެ ގޮތުގައި ބަލައިގެންނެވެ. އެއަވަށްތަކަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫއެވެ. މިގޮތަށް އޮތުމަށްފަހު އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަވަށްތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ޖޯގުރަފީގޮތުން އުފެދިފައި އޮންނަ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވަކި އަވަށެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖެއްސިއެވެ. މިގޮތުން އަލަށް ހަމަޖެހުނު އަވަށްތަކަކީ ހުޅުމީދޫ، ފޭދޫ، މަރަދޫ އަދި ހިތަދޫއެވެ. މިކަން މިމަގުން ކުރުމުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދިވެހި ސަރުކާރުން އިނގިރޭސިންނަށް ގަން ކުއްޔަށް ދިނުމުގެ ސަބަބުން ގަމު މީހުން ފޭދޫއަށް ބަދަލުކޮށް އަދި ފޭދޫ މީހުން މަރަދޫ އިރުދެކުނު ފަރާތަށް ބަދަލުކޮށް، މަރަދޫގައި ފޭދޫމީހުން ދިރިއުޅޭ ސަރަޙައްދުގެ ގޮތުގައި އޮތުމަށްފަހު، 1994 ގައި ވަކި ނަމެއް ލިބިގެންވާ ވަކި ރަށެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ މަރަދޫފޭދޫ މީހުން އެބައިމީހުންގެ އައިޑެންޓީޓީ ގެއްލިއްޖެކަމަށްބުނެ އެކަމާ އިޙުތިޖާޖު ކުރަން ފަށައިފިއެވެ. އަދި ހަމަ އެހެންމެ ހުޅުދޫ މީހުންނާއި މީދޫ މީހުންގެތެރެއިންވެސް ބަޔަކު މީހުން މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

އަޅުގަނޑު ވިސްނާލިއިރު މިކަމަކީ ވަރަށް ފަސޭހައިން ޙައްލު ހޯދެން އޮތް މައްސަލައެކެވެ. މިއާއެކު ޙަޤީޤަތެއްވެސް ހާމަކޮށްލާނަމެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށުގެ މީސްތަކުންނާއި ޚިލާފަށް އައްޑު އަތޮޅު މީހުންގެ އައިޑެންޓިޓީ ކަމުގައި ޒަމާނުއްސުރެ ބަލަމުން އައިސްފައި އޮތީ އައްޑުއެވެ. އައްޑޫ މީހެއް ކުރެން އެމީހެއްގެ ރަށަކީ ކޮބައިހޭ އަހައިފިނަމަ އެންމެ ފުރަތަމަވެސް އަންނާނެ ޖަވާބަކީ އައްޑޫއެވެ. ރަށް އަންނާނީ އެއަށްފަހުގައެވެ. ކުޅުދުއްފުށީ މީހަކާ ދިމާލަށް ތިލަދުންމަތީ މީހެކޭ ނުވަތަ ނައިފަރު މީހަކާ ދިމާލާ ފާދިއްޕޮޅު މީހެކޭ ޢާއްމުކޮށް ނުކިޔައެވެ. އެހެންނަމަވެސް މަރަދޫ މީހެކޭ، ފޭދޫ މީހެކޭ، ހިތަދޫ މީހެކޭ ކިޔުމުގެ ބަދަލުގައި އެމީހުންނާ ދިމާލަށް ޢާއްމުކޮށް ކިޔައި އުޅެނީ އައްޑޫ މީހެކޭއެވެ.

ދެން މިހާރު އަވަށްތައް ބެހިފައިވާ ގޮތަށް ބަލާލާނަމެވެ.

އަވަށުގެ ނަން                 ބޮޑުމިން               އާބާދީ

ހިތަދޫ                        525.7 ހެކްޓަރު           17000

މަރަދޫ                        90 ހެކްޓަރު              5500

ފޭދޫ                         62 ހެކްޓަރު              5000

ހުޅުމީދޫ                       214 ހެކްޓަރު             6000

މިގޮތަށް ބަހާލުމުން 17000 މީހުންގެ އާބާދީއެއް ލިބިގެންވާ އަދި 525 ހެކްޓަރުގެ ބޮޑު ބިމެއް ލިބިގެންވާ ހިތަދޫ އެކަނި އަވަށަކަށްވެފައި އެންމެ 5000 މީހުންގެ އާބާދީއެއް އޮތް އަދި އެންމެ 62 ހެކްޓަރުގެ ބިމެއް ލިބިގެންވާ ފޭދޫވެސް ވަކި އަވަށެއްގެ ގޮތުގައި އޮތުމުން ވަރަށް ބޮޑެތި ތަފާތުތަކެއް އެބައާދެއެވެ. އަދި ހަމަ އެއާއެކު މަރަދޫފޭދޫ މީހުންނާއި، ހުޅުދޫ މީހުންނާއި، މީދޫ މީހުންގެ އައިޑެންޓިޓީ އެބަ ގެއްލިގެން ދެއެވެ.

އެހެންކަމުން މިކަމަށް އޮތް ޙައްލަކީ އައްޑޫ ސިޓީ ޑިސްޓްރިކްޓް ތަކަކަށް ބަހާލުމެވެ. ޑިސްޓްރިކްޓްތަކެކޭ ބުނީމާ ބައެއް ފަރާތްތަކަށް އަވަށްތަކަކީވެސް ޑިސްޓްރިކްޓްތަކެކޭ ހީވެދާނެއެވެ. އެހެންނަމަވެސް ޒަމާނުއްސުރެ ދިވެހީން އަވަށް ބޭނުން ކުރަންމުން އަންނަނީ ރަށެއްގެ ތެރޭގައި އޮންނަ އެއްބަޔަކު އަނެއްބަޔަކަށް ދެކެފަރިތަމަ ވަރުގެ ކުދި ސަރަޙައްދުތަކަށެވެ. އިނގިރޭސި ބަހުން ބުނާނަމަ އަވަށަކީ ނެއިބަރހުޑްއެކެވެ. ޢާއްމުގޮތެއްގައި އަވަށް އިނގިރޭސިން ބޭނުންކުރާ އިރު ދިވެހި ސަރުކާރުގެ ރަސްމީ އިދާރާތަކުން ބޭނުން ކުރަމުން އަންނަނީ "ވާރޑް" ގެ ގޮތުގައެވެ. އެހެންނަމަވެސް ޑިސްޓްރިކްޓް މިކިޔެނީ އިދާރީ ގޮތުން ހިންގުމަށްޓަކައި ޤައުމެއް ނުވަތަ ސްްޓޭޓެއް ނުވަތަ ސިޓީއެއް ނުވަތަ ޓައުނެއް ބައިކޮށްލާ ބައިތަކަށެވެ. މިގޮތުން ބަލާއިރު ދިވެހި ބަހުގައިވެސް ޑިސްޓްރިކްޓްގެ ބަދަލުގައި ކިޔަން އެކަށީގެންވާ ދިވެހި ނަމެއް އެބައޮތެވެ. އާދެ! އެއީ މަޑުލެވެ. މިގޮތުން އިހުޒަމާނުގައި ދިވެހިރާއްޖެ ޑިސްޓްރިކްޓް ތަކަކަށް ބަހާލާފައި އޮތްއިރު ބައެއް ޑިސްޓްރިކްޓްތަކަށް "މަޑުލު" ކިޔާފައިވެއެވެ. މިގޮތުން މިލަދުންމަޑުލު، މާޅޮސްމަޑުލު ފަދަ އަތޮޅުތައް ހިމެނެއެވެ. ކޮންމެ އަކަސް ކިޔާނީ ޑިސްޓްރިކްޓްތޯ ނުވަތަ މަޑުލުތޯ ނުވަތަ އެނޫންވެސް ނަމެއްތޯ އެއީ ބަސްވާރުންނަށް އޮތްކަމެކެވެ. އަހަރެމެން ދޫވާރުންނަށް އޮތީ އަހަރެމެންގެ ޚިޔާލުތައް މިފަދަ ގޮތަކަށް ފާޅު ކުރުމެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ޚިޔާލަކީ އައްޑޫ ސިޓީ ޑިސްޓްރިކްޓްތަކަށް ބަހާލުމެވެ. މިގޮތަށް ބަހާލުމުން ހިންގުމުގެ ޚަރަދުވެސް ކުޑަވެގެން ދާނެއެވެ. މިގޮތުން ބަހާލެވިދާނެ ގޮތަކީ އައްޑޫ ސިޓީގެ މީހުން ދިއުޅޭ ރަށްތައް ޖޯގުރަފީ ގޮތުން ބެހިފައި އޮތް ދުރުކައިރި މިނަށް ބަލައިގެން 3 ޑިސްޓްރިކްޓަށް ބަހާލުމެވެ. އަދި މިއިން ކޮންމެ ޑިސްޓްރިކްޓެއްގައި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓިވް އޮފީހެއް ޤާއިމު ކުރަންވާނެއެވެ. މިގޮތުން އެއޮފީސްތަކަކީ ސިޓީ ކައުންސިލްގެ އިދާރާގެ ދަށުން ހިނގާ އޮފީސްތަކެވެ. އަދި ކޮންމެ ޑިސްޓްރިކްޓެއްގައި ޑިސްޓްރިކްޓް މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެއެވެ. އޭރުން މިހާރު ހުރި 6 މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި ހުންނާނީ 3 މެޖިސްޓްރޭޓް ކޯޓެވެ. ކޮންމެ ޑިސްޓްރިކްޓެއްގައިވެސް އިޖްތިމާޢީ ގޮތުން ބެހިފައިވާ އަވަށްތަކެއް ހުންނާނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް އަވަށެއްގައި އިދާރީ ގޮތުން ވަކި އޮފީހެއް ނުހުންނާނެއެވެ. އެހެންނަމަވެސް އަވަށުގެ އިޖްތިމާޢީ އެކިކަހަލަ އެއްވުންތަކާއި ބައްދަލުވުންތައް ބޭއްވުމަށް "އަވަށުގެ"އެއް ނުވަތަ "އަވަށު މާލަމެއް" ހުރުމަކީ އިތުރަށް ފުރިހަމަ ވެގެންދާނޭ ކަމެކެވެ. މީގެ އިތުރުން ކޮންމެ ޑިސްޓްރިކްޓެއްގައި ފެންވަރު ރަނގަޅު ޞިއްޚީ މަރުކަޒެއް ނުވަތަ ސިޓީގެ ސެންޓްރަލް ހޮސްޕިޓަލްގެ ގޮތްޕެއް ހުންނަންވާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއްވެސް މިއިން ކޮންމެ ޑިސްޓްރިކްޓެއްގައިވެސް ހުންނަންވާނެއެވެ. މީގެއިތުރުން މުއާސަލާތީ ޚިދުމަތްތަކާއި، ކަރަންޓާއި، ފެނާގުޅޭ އޮފީސްތައް ކޮންމެ ޑިސްޓްރިކްޓެއްގައިވެސް ހުންނަންވާނެއެވެ. ކޮންމެ ޑިސްޓްރިކްޓެއްގައިވެސް އެޑިސްޓްރިކްޓް ތެރޭގައި ކުލީ އުޅަނދުތައް ދަތުރުކުރަންވާނީ އެއްރޭޓެއްގައެވެ. ރޭޓު ބަދަލު ކުރަންޖެހޭނީ އެއްޑިސްޓްރިކްޓުން އަނެއް ޑިސްޓްރިކްޓަށް ދާނަމައެވެ.

ފުރަތަމަ ހުށަހެޅުން

މިގޮތުން އަޅުގަނޑު ހުށަހަޅާ ޑިސްޓްރިކްޓްތަކަކީ (ގަން ހިމަނައިގެން):

ޑިސްޓްރިކްޓް       އަވަށްތައް                        ބޮޑުމިން          އާބާދީ

ހިތަދޫ             *މާމެންދޫ، މެދެވަލަ، ކޮރޮވަލަ، މޫލެކެޑެ       525.7 ހެކް        17000

ގަން              މަރަދޫ، މަރަދޫފޭދޫ، ފޭދޫ                 417 ހެކް         10500

ހުޅުމީދޫ           ހުޅުދޫ، މީދޫ                         214 ހެކް         6000

* ހިތަދޫގެ އަވަށްތައް ކަނޑައަޅާނީ ހިތަދޫއިންނެވެ. އަޅުގަނޑަކީ ހިތަދޫ މީހަކަށް ނުވާތީ އެރަށުގެ ޒަމާނުއްސުރެ ހުރި ހުރިހާ އަވަށެއްގެ ނަމެއް ނޭނގެއެވެ. އެހެންނަމަވެސް އަޅުގަނޑަށް ލަފާކުރެވޭ ނަންތަކެއް އަވަށްތަކުގެ ގޮތުގައި ޖަހާލީއެވެ.

އިސްވެ ބަހާލެވުނު ގޮތަށް ބަހާލީމަ ގަން ހިމެނިގެންދާނީ ގަން ޑިސްޓްރިކްޓްގެ ތެރޭގައެވެ. އެހެންނަމަވެސް ގަން މުސްތަޤިއްލު ވަކި ތަނެއްގެ ގޮތުގައި ބާއްވާނަމަ އަޅުގަނޑު ދެވަނަ ހުށަހެޅުމާ އެއްގޮތަށް ބަދަލު ކުރެވިދާނެއެވެ.

ދެވަނަ ހުށަހެޅުން

މިގޮތުން އަޅުގަނޑު ހުށަހަޅާ ޑިސްޓްރިކްޓްތަކަކީ (ގަން ނުހިމަނައި):

ޑިސްޓްރިކްޓް       އަވަށްތައް                        ބޮޑުމިން          އާބާދީ

ހިތަދޫ             މާމެންދޫ، މެދެވަލަ، ކޮރޮވަލަ، މޫލެކެޑެ         525.7 ހެކް        17000

*ސަވާހިލި          މަރަދޫ، މަރަދޫފޭދޫ، ފޭދޫ                 152 ހެކް         10500

ހުޅުމީދޫ            ހުޅުދޫ، މީދޫ                         214 ހެކް         6000

* މަރަދޫއާއި، މަރަދޫފޭދޫއާއި، ފޭދޫ ހިމެނޭ ޑިސްޓްރިކްޓަށް ސަވާހިލި ކިޔާފައި މިވަނީ އެރަށްރަށުގެ ފުއްޓަރަށް ވާގޮތަށް އޮތް ކުޑަފަޅުރަށެއް، އެހެނަސް އައްޑޫގެ ތާރީޚުގައި މުހިއްމު ރަށެއްކަމަށްވާ ސަވާހިލިއަށް ނިސްބަތްކޮށެވެ. އަދި ކައިރި މުސްތަޤުބަލެއްގައި އެސަރަޙައްދު ހިއްކައި މިރަށްތައް ގުޅިގެން ދިޔުމުން އެރަށްވެސް މިސަރަޙައްދުގެ ތެރޭގައި ހިމެނިގެން ދާނެތީއެވެ. ދެން ހުޅުމީދޫއަށް ބަލާއިރު އެދެރަށަކީ އެހެން ރަށްތަކާއި ވަކީން އެކަހެރިކޮށް އޮތް ދެރަށަށްވާތީ އެދެރަށް އެއްޑިސްޓްރިކްޓަށް ހެދުމަށް ނިންމީއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ އެޑްރެސްތައް ލިޔާއިރު ބޭނުންކުރާނެ ފަސޭހަ ނިޒާމެއްވެސް އެބައޮތެވެ. މިގޮތުން އެޑްރެސް ލިޔަން އަޅުގަނޑަށް ފެންނަ ގޮތަކީ:

ހިތަދޫ ޑިސްޓްރިކްޓްގެ މާމެންދޫ އަވަށް

މ.މަނުކާނުގެ، ހިތަދޫ، އައްޑޫ ސިޓީ

ހިތަދޫ ޑިސްޓްރިކްޓްގެ މެދެވަލަ އަވަށް

މވ.ތައްކާނުގެ، ހިތަދޫ، އައްޑޫ ސިޓީ

ހިތަދޫ ޑިސްޓްރިކްޓްގެ ކޮރޮވަލަ އަވަށް

ކވ.ރަހާގެ، ހިތަދޫ، އައްޑޫ ސިޓީ

ހިތަދޫ ޑިސްޓްރިކްޓްގެ މޫލެކެޑެ އަވަށް

މކ.ދޮންކޮއްޔާގެ، ހިތަދޫ، އައްޑޫ ސިޓީ

ސަވާހިލި ޑިސްޓްރިކްޓްގެ މަރަދޫ އަވަށް

މ.އެޅެކޮއްޔާގެ، ސަވާހިލި، އައްޑޫ ސިޓީ

ސަވާހިލި ޑިސްޓްރިކްޓްގެ މަރަދޫފޭދޫ އަވަށް

މފ.ފެއުދޫގެ، ސަވާހިލި، އައްޑޫ ސިޓީ

ސަވާހިލި ޑިސްޓްރިކްޓްގެ ފޭދޫ އަވަށް

ފ.އީދިގަލިގެ، ސަވާހިލި، އައްޑޫ ސިޓީ

ހުޅުމީދޫ ޑިސްޓްރިކްޓްގެ ހުޅުދޫ އަވަށް

ހ.ވާރަގެ، ހުޅުމީދޫ، އައްޑޫ ސިޓީ

ހުޅުމީދޫ ޑިސްޓްރިކްޓްގެ މީދޫ އަވަށް

މ.ހަސަންކާރިގެ، ހުޅުމީދޫ، އައްޑޫ ސިޓީ

އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތަކުގައި އެޑްރެސްތައް ލިޔަންވާނީ އިސްވެ ދެންނެވުނު ފަދައިންނެވެ. ދެން ބުނެލަން އޮތީ މ، ހ، ގ، މއ ނުވަތަ ވ ފަދަ އަކުރުތައް މާލޭގައިވެސް ބޭނުންކުރާ ފަދައިން އަޅުގަނޑުމެންނަށްވެސް ބޭނުންކުރެވިދާނެއެވެ. އެގޮތަށް ބޭނުން ކުރަން ފެށުމުން މާލޭގައިވެސް ހަމައެކަނި އެއަކުރުތަކާއެކު ގޭގެ ނަންތައް ބޭނުންކުރުމުގެ ބަދަލުގައި ފަހަތަށް މާލެ ނުވަތަ މާލޭ ސިޓި ބެހިފައިވާ ޑިސްޓްރިކްޓެއްގެ ނަން ލާންވާނެއެވެ. މިގޮތުން މިސާލަކަށް: ހަމައެކަނި "ގ.ދަތުގެ" ޖެހުމުގެ ބަދަލުގައި "ގ.ދަތުގެ، މާލެ" ޖަހަންވާނެއެވެ. އިސްވެ ދެންނެވުނު ބީދައިން މާލެވެސް ޑިސްޓްރިކްޓްތަކަށް ބަހާލެވިދާނެއެވެ. އެއީ އަސްލު މާލޭގެ ޖަޒީރާ އެއީ އެއްޑިސްޓްރިކްޓްކަމަށް ބަލައި އަދި، ހުޅުމާލެ އެއީ އެއްޑިސްޓްރިކްޓްކަމަށް ބަލައި އަދި ވިލިނގިލި ނުވަތަ ވިލިނގިއްޔާއި ގުޅީފަޅު އެއްކޮށް އެއީ އެއްޑިސްޓްރިކްޓްކަމަށް ބެލުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.