ރާއްޖޭގެ ޚަބަރު ސައުތު ޕޮލިސް ޑިވިޜަނަށާއި ގިނަ އަތޮޅުތަކަށް ކޮމާންޑަރުން ހަމަޖައްސަވައިފި

ސައުތު ޕޮލިސް ޑިވިޜަނަށާއި ގިނަ އަތޮޅުތަކަށް ކޮމާންޑަރުން ހަމަޖައްސަވައިފި

ސައުތު ޕޮލިސް ޑިވިޜަނަށާއި ގިނަ އަތޮޅުތަކަށް ކޮމާންޑަރުން ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމަށާއި ބައެއް އަތޮޅުތަކުގެ ކޮމާންޑަރުންނަށް ފުލުހުން ހަމަޖައްސައި އެ ފުލުހުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ޑީ.އޯ.ސީ ކޮންފަރެންސް ނިމުގެ ރަސްމިއްޔާތުގައި، ކޮމާންޑަރުންނަށް އަލަށް ޢައްޔަންކުރެއްވި ފުލުހުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ.
ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް ހަމަޖެއްސީ ކުރެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރުއެވެ. ޙުސައިން ސަމީރު މިމަޤާމަށް ހަމަޖެއްސެވިއިރު ހުންނެވީ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑެއްގެ ގޮތުގައެވެ. މީގެ އިތުރުން ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އައްޑޫ ސިޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދުއެވެ. ޏ. އަތޮޅު ކޮމާންޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާނު އެވެ.

އަތޮޅުތަކަށް ކޮމާންޑަރުންގެ ގޮތުގައި ޢައްޔަންކުރެވުނު ފުލުހުންގެ ތެރޭގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ގދ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ފާއިޒް އެވެ. ގއ. އަތޮޅު އެކްޓިންގ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު މަޢުރޫފް އެވެ. ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ލ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ވަލީދު ސަޢީދު އެވެ.

ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ މ. އަތޮޅުގެ އެކްޓިންގ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓާފްސާޖަންޓް އަބޫބަކުރު މުޙައްމަދު އެވެ. ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ވ. އަތޮޅުގެ އެކްޓިންގ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓާފްސާޖަންޓް ލިސާން އަބޫބަކުރު އެވެ. އއ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަދުނާނު ޢަލީ އެވެ. ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ޅ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އާދަމް އަފްރާޙް އެވެ.

ބ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ވަޙީދު އެވެ. އަދި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ށ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޞްޠަފާ އެވެ. ހދ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމް އެވެ. ހއ. އަތޮޅު ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޢަބްދުﷲ އެވެ.

ޑިވިޜަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އެކޮމާންޑަރުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑިވިޜަން ތަކުގައި އަދި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ކޮމާންޑަރުންނަކީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ޙަވާލުކުރެވިފައިވާ ފުލުހުންކަން ހަނދުމަފުޅުކޮށް ދެއްވިއެވެ. މިގޮތުން އެ ޑިވިޜަނެއްގައި އަދި އަތޮޅެއްގައި ހިނގާ ހުރިހާ ކަންކަން ގާތުން ބައްލަވައި އަޅުއްވަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުއްވުމުގައި ފަސްޖެހިވަޑައި ނުގަތުމަށް ކޮމާންޑަރުންގެ ކިބައިން އެދިވަޑައިގަތެވެ.

މީގެ އިތުރުން ކޮންމެ ކޮމާންޑަރަކަށްވެސް ޤާނޫނުގެ ތަރަޙައިގެތެރޭގައި އަދި ފުލުހުން ޢަމަލުކުރުމަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކުގެ ތެރޭގައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމާންޑަރުންނާ މުޚާޠަބުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ކޮންމެ ކޮމާންޑަރަކުވެސް މަސައްކަތް ކުރައްވަންވާނީ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމަށް ކަމަށެވެ. މިއާއެކު ރަށްރަށުގެ ވެށި އަމާންކޮށް، ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމާއެކު ކުށްމަދު ކުރުމަށް އަތޮޅުތަކުގައި ހިންގާ ޙަރަކާތްތައް މިހާރަށްވުރެ އިތުރުކޮށްދެއްވައި ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގަވައި ދެއްވުމަށް ކޮމާންޑަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރަށްރަށުގައި ރައްޔިތުން ކުރާ އިޖުތިމާޢީ އަދި ތަރައްޤީގެ މަސައްކަތްތަކުގައި ފުލުހުން ހުރިހާ ގޮތެއްގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށާއި، ޒުވާނުންނާ ފުރާވަރުގެ ކުދިންނަށް މަގުދައްކައި ޒިންމާދާރު ހަރުދަނާ ބައެއްގެ ގޮތުގައި ޒުވާނުން ދެމެހެއްޓުމަށް ފުލުހުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ޒުވާނުންނަށް ދެއްވުމަށްވެސް ކޮމާންޑަރުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސް ކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގައި އެތައް ރައްޔިތުންނެއްގެ ޙައްޤުތައް ހިމެނޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހުންނާނެ ކަމަށާއި އެތަކެއްޗާއި ކަންކަމުގެ ސިއްރު ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޮމާންޑަރުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އިލްތިމާސް ކުރެއްވިއެވެ.

އަލަށް ހަމަޖެއްސި ކޮމާންޑަރުންގެ މަސައްކަތް ފައްޓަވާނީ 2014 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.