އެމްޑީޕީގެ ޗެއަރޕާސަން ކަމުން އިސްތިއުފާ ދެއްވީ އެހެން ބޭފުޅުންނަށް ނަމޫނާ ދެއްކެވުމަށް ކަމަށާއި، ނާކާމިޔާބުވީ ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަސްޖެހިފައި ވީނަމަވެސް 2018ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯމޫސާމަނިކު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަވަނީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށް ނުސީދާގޮތެއްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މޫސަ ވިދާޅުވީ ޒުވާން ލީޑަޝިޕަކަށް ޖާގަ ދެއްވުމަށްއޭނާ ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވި ނަމަވެސް އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި އިރު އިސް ސަފުގައި ތިއްބެވި ޕާޓީގެ އެހެން ލީޑަރުންގެ ކިބައިން އެ ނަމޫނާ ފެނިފައި ނުވާކަމަށެވެ.
މޫސަ ވިދާޅުވީ އެންމެންގެ ފަރާތުން އޭނާ އިސްތިއުފާ ދެއްވީވެސް ބައެއް ބޭފުޅުންނަކީ އިސްތިއުފާ ދެއްވުމަށް ކުޑަކޮށް ޖެހިލުން ވެދާނެ ބޭފުޅުން ކަމަށް ހީފުޅުވުމުން ކަމަށެވެ.
މޫސަގެ މި ވާހަކަ ތަކުގެ އަމާޒަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ލީޑަރު މުޙައްމަދު ނަޝީދު ކަމުގައި ބެލެވެއެވެ. އެއީ ނާކާމިޔާބުވީ ލީޑަރުން ކަމުގައި މޫސަ ބައެއް ބޭފުޅުން ސިފަ ކުރެއްވި އިރު ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ނަޝީދު އިސްކޮށް ހުންނަވައިގެން ޕާޓީއަށް ބޮޑެތި ނާކާމިޔާބީ ތަކާއި ކުރިމަތި ވެފައި ވެއެވެ.
އެހެން ކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަންވެސް މޫސަވަނީ ރޭ އިޢުލާނު ކުރައްވާފައެވެ. މޫސަ އަކީ 2018ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިޢުލާނު ކުރެއްވި އެމްޑީޕީގެ އެންމެ ފުރަތަަ ލީޑަރުވެސް މެއެވެ. މި ޕްރައިމަރީގައި މޫސަ އާއި ވާދަ ކުރައްވާނެ ކަމަށް އެންމެ އެންމެ ބޮޑަށް ބެލެވެނީ މޫސަ ސިފަކުރެއްވި ނާކާމިޔާބުވީ ނަމަވެސް އިސްތިއުފާ ދެއްވަން ކެރިވަޑައި ނުގެންނެވި ލީޑަރުން ކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...