އެމެރިކާއިން ޕެސިފިކް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާ ކަމަށާއި އެކަމުގެ ސަބަބުން، ޗައިނާ އާއި ވަށައިގެންވާ ހިސާބުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރަމުންދާތީ، ޗައިނާގެ އަސްކަރިއްޔާ އަބަދުވެސް އޮންނާނީ ތައްޔާރީ ހާލަތެއްގައި ކަމުގައި ޗައިނާގެ ރައީސް ހޫ ޖިންޓާއޯ ވިދާޅުވެއްޖެއެވެ.
ރައީސް ހޫ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އަސްކަރިއްޔާ ތަރައްގީކުރުމުގެ ހައްގު ޗައިނާ އަށް ވެސް އޮންނާނެ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ޖޯޖް ލިޓްލް ވިދާޅުވެފައިވެއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޖޯޖް ލިޓްލް ވިދާޅުވީ އެމެރިކާއެކޭ އެއްފަދައިން، އަސްކަރިއްޔާ ތަރައްގީކުރުމާއި ޕްލޭންތައް ކުރުމުގެ ހައްގު ޗައިނާ އަށް ވެސް އޮންނާނެ ކަމަށެވެ. ޗައިނާގެ ކަނޑުގެ ސިފައިން ވަރުގަދަ އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވުމަށާއި އަސްކަރިއްޔާ ޒަމާނީކުރުމަށް ޗައިނާގެ ރައީސް ހޫ ޖިންޓާއޯ ގޮވާލައްވާފައި ވަނިކޮށް ޕެންޓަގަން އިން ބުނީ ޗައިނާގެ އަސްކަރިއްޔާ ތަރައްގީކުރަމުން އަންނައިރު އެކަން ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް އެމެރިކާ އިން އަބަދުވެސް ގޮވާލަމުން އަންނަ ކަމަށާއި އެއީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ސަބަބުން އެދޭ އެދުމެއް ކަމަށެވެ.
ކަނޑުގެ ސިފައިން އަސްކަރީ ކުރުމަތިލުމަކަށް ތައްޔާރުވުމަށް ގޮވާލައްވައި ޗައިނާގެ ރައީސް ވާހަކަ ދައްކަވާފައި ވަނީ އެ ގައުމުގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ މިކަމަށް ގޮވާލައްވާފައި ވަނީ ގައުމީ ސަލާމަތަށްޓަކައި ކަނޑުގެ ސިފައިންގެ ހުށިޔާރުކަން އިތުރުކުރަން ޖެހޭ ކަމަށް ފާހަގަކުރައްވަމުންނެވެ.
ޗައިނާގެ އަސްކަރީ ކުރިއެރުންތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެ އެމެރިކާ އިން ވަރަށް ގިނައިން ވާހަކަ ދައްކަމުންދެއެވެ. އަދި ޗައިނާގެ އަސްކަރީ ހޭދަތައް އިތުރުކުރަމުން ދަނީ ކޮން މަގްސަދެއްގައި ކަން ބުނެދޭން ޖެހޭނެ ކަމަށް އެމެރިކާ އިން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...