ދިއިސްލާމް މަރަދޫފޭދޫގެ ނަން ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމުމުން އަވަށުގެ ބަޔަކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފި

މަރަދޫފޭދޫގެ ނަން ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމުމުން އަވަށުގެ ބަޔަކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފި

މަރަދޫފޭދޫގެ ނަން ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމުމުން އަވަށުގެ ބަޔަކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަރަދޫފޭދޫގައި ހުންނަ ޒުވާނުންގެ މަރުކަޒު - ފޮޓޯ : ޢަބްދުﷲ ޒާހިރު

އައްޑޫ ސިޓީ މަރަދޫފޭދޫގެ ނަން ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމުމުން އެއަވަށުގެ ރައްޔިތުންގެ ބަޔަކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.

ދިއިސްލާމަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މި ޕެޓިޝަން ރައީސް އޮފީހަށް ހުށައެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ސިޓީ ކައުންސިލްގެ މަރަދޫ މެންބަރު އަބުދުﷲ ތައްޔިބު މީޑިއާ އަށް ވިދާޅުވީ މި ޕެޓިޝަނުގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން މަރަދޫފޭދޫގެ ނަން ބަދަލުކުރަން އުޅެނީ މަރަދޫ އަވަށުގެ ނަމަށް ކަމުގައި ތައްޔިބް ވިދާޅުވި އެވެ.

ކުރީގައި އައްޑު އަތޮޅަށް ނިސްބަތްވާ 6 ރަށް، މިހާރު 4 އަވަށުގެ ގޮތުގައި ބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ހަތަރު އަވަށަކީ ހިތަދޫ އަވަށާއި، މަރަދޫ އަވަށާއި ފޭދޫ އަވަށް އަދި ހުޅުމީދޫ އަވަށެވެ.

މިފަދައިން ނިންމައި ކައުންސިލުން ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް މިދިޔަ މާޗްމަހުގެ ތެރޭގައި މިގޮތަށް ހެދުމަށް ހުށައަޅާފައެވެ. އެހެން ކަމުން، އަވަށެއްގެ ގޮތުގައި ނުހިމެނި އުވިގެންދަނީ 1800 އެއްހާ މީހުން ދިރިއުޅެމުންދާ މަރަދޫފޭދޫ އެވެ.

ތައްޔިބު އަދި ވިދާޅުވީ ތަރައްގީއަށްޓަކައި އައްޑޫ ސިޓިގެ ރަށްތަކުގެ ނަން ބަދަލުކުރުން އެއީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ޕެޓީޝަނާ ގުޅިގެން ދިވެހި ސަރުކާރުން އަންގާވާ ގޮތަކާ މެދު ސިޓީ ކައުންސިލުން އަމަލުކުރާނެ ކަމަށް ތައްޔިބު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ކަނޑައެޅިއިރު، މަރަދޫފޭދޫ ރައްޔިތުންނާ މަޝްވަރާ ނުކުރާކަމަށާއި އެ ރަށުގެ ނަން އައްޑޫ ސިޓީ ކައުންސިލުން ފޮހެލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެ ރަށުގެ ބައެއް ޒުވާނުންތަކެއް މިދޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރާ ބައްދަލުކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމަކީ އެމީހުންގެ އައިޑެންޓިޓީ ގެއްލިގެންދާނެ ކަމަށް ދަނީ ބުނަމުންނެވެ.

ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް މީޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ މަރަދޫ އާއި މަރަދޫފޭދޫގެ ޖިއޮގްރެފިކަލް ބައުންޑަރީއަށް ވެސް ބަލައި، އަދި އެނޫން ކަންތައްތަކަށް ވެސް ރިޢާޔަތްކުރުމަށް ފަހުގައެވެ. އެގޮތުން އެ ދެ އަވަށަށް ތަފާތު ދެ ނަން ބޭނުންކުރި ކަމުގައި ވިޔަސް އެއްފަސްކޮށް ގުޅިފައިވާ އެ އަވަށުގެ ރަސްމީ ނަމަކީ ވެސް މަރަދޫ ކަމަށް ސާދިޤް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ސާކް ސަމިޓާ ދިމާކޮށް އިސްލާމްދީނާ ފުށުއަރާ ބުދުތައް ސަރުކާރުން ބަހައްޓާފައިވާއިރު، އެ ސިޓީގެ ރައްޔިތުންގެ އެހާ ގިނަ ބަޔަކު ސިޓީ ކައުންސިލަށް ވެސް އަދި ރައީސް އޮފީހަށް ވެސް އެމައްސަލަ ޖައްސައި ޕެޓިޝަން ހުށައެޅުން ފަދަ ކަމެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ޓެގް

މަރަދޫފޭދޫ އައްޑޫ ސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.