
އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް
ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާތީ، އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު ސިލްސިލާކޮށް ފެށި ހަރަކާތުގެ ތެރެއިން މިރޭ ބާއްވަން ރޭވި މުޒާހަރާ ކެންސަލްކޮށްފިއެވެ.
މި ހަރަކާތުގައި އިސްކޮށް އުޅުއްވާ މަދަނީ އިއްތިހާދުގެ އިސް މެމްބަރެއް ކަމުގައިވާ ޢަބްދުﷲ މުޙައްމަދު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިރޭގެ މުޒާހަރާ ކެންސަލްކުރެވުނީ މިހަރަކާތުގެ މެމްބަރަކަށް ދިމާވި ހިތާމަވެރި ޙާދިޘާއެއްގެ ސަބަބުންނެވެ.
މިހަރަކާތުގެ މުޒާހަރާއެއް ދެން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މާދަމާރޭ 20:30 ގައި އާޓިފިޝަލް ބީޗްގައި ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު އަދި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި ވަނީ އިސްލާމްދީން ހިމާޔަތްކުރުމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން ރާއްޖެ ގެނައި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޕިއްލޭ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އަދި ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުގައި ވާހަކަދައްކަމުން، އިސްލާމްދީނަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ އަށް ފުރައްސާރަކޮށް ގޮންޖަހާލި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.
އެހަރަކާތުގެ ބައިވެރިން ވަނީ ޕިއްލޭގެ ވާހަކަ ކުށްވެރިކޮށް ރާއްޖޭގެ ރައީސް ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ބަޔާނެއް ނެރެދެއްވުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން ރާއްޖޭގައި އިސްލާމް ދީނާ ޚިލާފަށް ބަހައްޓާފައިވާ ބުދުތައް ނައްތާލުމަށާއި، މަސާޖް ޕާލާތައް ބަންދުކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި ރާއްޖޭގައި ލާދީނީ ފިކުރުތަކަށް ޖާގަ ނުދިނުމަށް ވެސް ގޮވާލާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...