މިއަދު ގިނަ މުސްލިމުންގެ ދިރިއުޅުމަށް ނަޒަރު ހިންގާލާއިރު މުސްލިމުންނާ އެހެންމީހުންގެ ދިރިއުޅުމާ މާބޮޑު ތަފާތެއްނުފެނެއެވެ. ތިޔަ ހީކުރެއްވީ މުޅިންރަނގަޅަށެވެ. މުސްލިމުން ﷲއަށް އީމާންވެއެވެ. ﷲގެ ޛިކުރުކުރެއެވެ. މިއީ ލައްކަ ބޮޑުތަފާތަކޭ ބުނެވިދާނެވެ. އެހެންނަމަވެސް ދިރުއުމުގެ ހުރިހާކަމަކަށް ބަލާއިރު މުސްލިމެކޭ އެހެން މީހެކޭ ތަފާތެއް ނުފެނެއެވެ. ނަސާރާއިން އާދީއްތަދުވަސް އަޅުކަމަށް ހުސްކުރެއެވެ. ހަފްތާގެ އެހެން ދުވަސްތަކަކީ އަޅުކަން ފުރީވަގުތުތަކެކެވެ. ބުދަށް އަޅުކަންކުރާމީހުން ހެދުނު މަސައްކަތު ނުކުންނައިރު ނޫނީ ދުވަސްފަށާއިރު އެމީހުންގެ ބަގްވާނުމަތީން ހަދާންކުރެއެވެ. އާދެ! ބުނަން މިއުޅެނީ ކޮންމެ ބަޔަކުވެސް ކުޑަވަގުތުކޮޅެއްގައި ބާރުވެރިފަރާތަކަށް ބޯލަބާލާވާހަކައެވެ. އެއަށްފަހު މުޅިދިރިއުޅުމަކީ އަމިއްލަ ޝަހުވަތަށް ހޭދަކުރާވަގުތުތަކެވެ.
ދެންނެވުނު މަންޒަރު ގިނަމުސްލިމުންގެ ޙަޔާތުން ފެނިގެން ނުދޭހެއްޔެވެ؟ ދުވަހެއްގައި މިއޮންނަ 24ގަޑިއިރުގެ ތެރެއިން ފަސްނަމާދަށް ޖުމުލަ ހޭދަވެގެންދާނީ ދެގަޑިއެއްހާ އިރެވެ. މަސައްކަތުގައި ހޭދަކުރާނީ ގިނަވެގެން އަށެއްކަ ގަޑިއިރެވެ. ބާކީ 14 ގަޑި އިރު ތިބާހޭދަކުރަނީ ކޮންކަމަކަށްތޯއެވެ. ﷲ ހަދުމަކުރުމުގައި ހެއްޔެވެ؟ ނޫނީ ތިމާގެ ޖިސްމާނީ އެދުންތަކެއް ލިބިގަތުމާއި އުފަލާއި ހިތްހަމަޖެހުމަށްޓަކައިހެއްޔެވެ؟ މިހެންކަން ހުރިކަމުގައިވިޔަސް އަހަރުމެން އެކަލާނގެ ޙަޟުރަތުގައި ކޮންމެ 24 ގަޑިއިރަކުން މަދުވެގެން ފަސްފަހަރު ދަންނަވަމެވެ. "ހަމަކަށަވަރުންވެސް އަހަރެންގެ ނަމާދާއި، އެހެން އަޅުކަމާއި، އަހަރެންގެ ދިރުމާއި އަދި މަރުވުންވަނީ ޢާލަމްތައް ހައްދަވާގެއްގުޅުވާ ރައްބު (ކަލާނގެ) އަށެވެ. އަހަރެން އެކަލާނގެއާ އެހެންފަރާތެއް އެެއްހަމަކޮށް ޝަރީކުނުކުރަމެވެ." މި އިޤްރާރާއި އަހަރެމެން ދިރިއުޅެމުން ގެންދާގޮތާއި ބެލެންސްކުރެވޭހެއްޔެވެ؟ ބުނާއެއްޗަކީ ވަމުންދާ އިޤުރާރާއި ޢަމަލުކުރާގޮތާ ގުޅެނީ ކިހާމިންވަރަކަށްހޭ؟
މުސްލިމުންގެ ޢާއްމު ދިރިއުޅުމާއި އެބައިމީހުންނިސްބަތްވާ ދީނަށްތަބާވުމާ މިދެބަޔަށް ބަލާއިރު މުސްލިމު ޝަޚްޞިއްޔަތުގައި ނަހަމަގޮތެއް ހުރެއެވެ. ނުވަތަ އެއީ ބެލެންސެއްނެއް ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. އޭނާގެ ޙަޔާތުގައި މިސްކިތާއި ޢާންމުދިރިއުޅުމާ ފުށޫއަރާފައިވެއެވެ. ކޮންމެ މުސްލިމަކުވެސް އިސްލާމްދީނަކީ ދިރިއުޅުމުގެ މަންހަޖްކަމުގައި ދެކެއެވެ. އެހެންނަމަވެސް ޢަމަލީ ދިރިއުޅުމުގައި އެމަންހަޖަށް ތަބާވެ އިލްތިޒާމްވެގެން އުޅެނީ ކިތައް މީހުންހޭ؟ ޝަހާދަތް ކިޔާ އެކަލިފުޅަށް އިޤްރާރުވެއެވެ. އެކަމަކު ޒިނޭކުރާކަށް، ރާބޯކަށް، ޑްރަގްވިއްކާކަށް، ރިޝްވަތުދޭކަށް، ހިފާކަށް، ވައްކަންކުރާކަށް، ޚިޔާނަތްތެރިވާކަށް، މަލާމާތްކުރާކަށް، ދޮގުހަދާކަށް، ގިނަމީހުން ޖެހިލުމެއްނުވެއެވެ. އަދި ކީއްހެއްޔެވެ؟ ޤައުމަށް، ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ޝަޚްޞިއްޔަތު ހަރުދަނާވާކަމެއްކަމުގައި ހީވާކަހަލައެވެ. ޒަވާޖީ ޙަޔާތައް ޚިޔާނާތްތެރިވުމީ އުފަލެއްކަމުގައި ދެކޭކަހަލައެވެ.ފަރުޟުނަމާދު ކުރާމީހުންވެސް ރިބާގެ މުޢާމަލާތަކުންވިޔަސް އަދި އެހެން މުޢާމަލާތަކުން ވިޔަސް ތިމާއަށް ފައިސާ އިތުރުވަންޏާ ވަރިހަމަ މުސްލިމުން މަދެއްނޫނެވެ. ގޯސްކަމެއް ތިމާމެންނުކުރަނިކޮށް ވަރިހަމަވެގެން އެހެންމީހުން އެފަދަ މަގަކުން ދިޔުމަށް ދޫކޮށްލުމަށް ރުހިގެންވުމާއެކު އެހީތެރިކަންވެސްދެނީ މަދެއްކޮށެއްނޫނެވެ.
މިހާރު ހިތަށްއަރާނެ ސުވާލަކީ އިސްލާމްދީނަށް ތަބާޢާވާ ޙަޤީޤީ މުސްލިމަކަށް ވާނީ ކިހިނެއްހެއްޔެވެ؟ އިޖާބީ މުސްލިމަކަށްވެ މިހާރު ހޭދަކުރަމުންދާ ސަލްބީ ދިރިއުޅުމުން ދުރުވެގެންނާނީ ކިހިނެއްހޭ؟ މިކަމަށްޓަކައި އޮތީ ތިބާގެ ވިސްނުންބަދަލުކޮށްލުމެވެ. ދެން އަމިއްލަ ނަފްސު އިސްލާޙުކުރުމަށް ޢަމަލީ މަންހަޖެއްގެ މަތީން ޢަޒްމާއެކު މަސައްކަތްކުރުމެވެ. ތިބާވިސްނާވީން އީމާންކަމަކީ ހިތުން ކުރާއުންމީދެއްނޫންކަމަށެވެ. އެއީ ހިތުންތެދުކޮށް ބަހާއި ޢަމަލުން ތެދުކުރާ ޢަމަލީ ޙަރަކާތްތަކަކަށް ކިޔާނަމެއްކަމެވެ. އަނަސުބްނުމާލިކް ކީރިތި ރަސޫލާގެ ޙަޟްރަތަށް ވަޑައިގެންދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. މުޢާޛުބްނުޖަބަލު އެބަވިދާޅުވެއެވެ. من شهد أن لا إله إلا الله مخلصًا بها قلبه دخل الجنة މާނައީ އެމީހެެއްގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ﷲފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް ހެކިވެއްޖެ މިހާ (ދަންނާށެވެ!) އޭނާ ސުވަރުގެ ވަދެއްޖެވެ. އިޚްލާޞްތެރިކަމާއެކު ﷲއަށް އީމާންވާ މީހާ އެކަލާނގެއަމުރުފުޅަށް ތަބާވާނެވެ. ހަމައެހެންމެ މިސްކިތުގައި ﷲގެ އަޅެއްގެ ގޮތުގައި ހުރެފައި މިސްކިތުންބޭރުގައި ތިމާގެ ހަވާނަފްސުގެ އަޅަކަށް ބަދަލުވެގެންނުވާނެކަވެ. ކާމިޔާބު އޮތީ އަބަދުވެސް ﷲގެ އަމުރުފުޅުގެ މަތީގައި ސާބިތުވެގެންކަމުގައި ދުށުމެވެ. ތިމާއަކީ ހަމައެކަނި ހުކުރުމުސްލިމަކަށް ވެގެން، ޢީދުމުސްލިމަކަށް ނޫނީ ރޯދަމުސްލިމަކަށްވެގެން އީމާންކަމުގެ ޙައްޤުއަދާނުކުރެވޭނެކަން ދަންނަންވާނެވެ. އެހެންވެ އަބަދުވެސް ކީރިތި ރަސޫލާއަށް ﷲ އެންގެވި ބަސްފުޅުގެ މާނަ ހަދާންކުރުން އެދެވިގެންވެއެވެ. وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ ތިބާ ހައްދަވާ ގެންގުޅުވާ ރައްބު(ވަންތަ ކަލާނގެ)އަށް އަޅުކަންކުރުމުގައި، ތިބާމަރުވެއްޖައުމަށް ދާންދެން ދެމިހުންނާށެވެ. މީގެ މާނައަކީ ދިރިއުޅުމުގެ ހުރިހާވަގުތެއްވެސް އަޅުކަމުގައި ހޭދަކުރުމެވެ. އެބަހީ، އިސްލާމީ މަންހަޖުގެ އަލީގައި ދިރިއުޅުމުގެ ހުރިހާކަމެއް ކުރާހާ ހިނދަކު އެކަންވެގެންދާނީ އަޅުކަމަކަށެވެ. އެހެންކަމުން ކުރާކޮންމެ ކަމެއްގައިވެސް ﷲގެ މަތީންހަނދުމަކުރުމާއި ތިބާވީކޮންމެތަނެއްގައި ތަޤުވާވެރިވުން އެއީ ދިރިއުޅުމުގެ އުޞޫލުކަމުގައި ހެދުމުން އެމަތިވެރި ނިޢުމަތްއޮންނާނީ ﷲގެ ރަޙުމަތުން ފަހިވެފައެވެ.
ނަފްސު އިސްލާޙުކުރުމުގެ ޢަމަލީ މަންހަޖު ހަތަރު ފިޔަވަޅަކުން ފުރިހަމަ ކުރެވިދާނެކަމުގައި ދެކެމެވެ.
1 އަމިއްލަ ނަފްސު މުޙާސަބާކުރުން: އެއީ އިސްލާމްދީނަށް އިހުމާލުވެފައިވާ ވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތަވްބާވުމެވެ. އަދި ދެންކަމެއް ކުރާއިރު ޝަރުޢުގައި އެކަންކުރަން އޮންނަގޮތްބަލައި ޝަރުޢީ މިންގަޑުން ކުރުމެވެ. އެމީހެއްގެ އަމިއްލަ ނަފްސު އިޞްލާޙުކުރުމުކޮށް އެކަން އަމިއްލައަށް ނުކުރާހާ ހިނދަކު ﷲގެ ހެޔޮތަވްފީޤު ތިބާއަށްފަހިނުވާނެތެވެ.
2 ޝަރުޢީ ޢިލްމު ޙާޞިލްކުރުން: ޚާއްޞަކޮށް ފަރުޟު ޢައިނު އަދާކުރެވޭ މިންވަރު އެނގުން މުހިންމެވެ. އަދި ޙަރާމްކަންތަކުން ރައްކާތެރި ވެވޭމިންވަރު މުހިންމެވެ. ޢިލްމަކީ ޖާހިލުކަމުގެ ބުދު ފުޑާލާނެ ހަތިޔާރެވެ. މަގުފުރެދުމުން ރައްކާތެރިކޮށްދޭނެ ނޫރެވެ.
3 ބަލީގެ އަސްލު ދެނެގަތުން: އިސްލާމްދީނުގެ ކަންތައްތަކަށް ތަބާނުވެވި ހުރިހުރުމާއި ނޫނީ ﷲގެއަމުރުުފުޅަށް އިހުމާލުވުމަކީ ބައްޔެކެވެ. އެބަލީގެ އަސްލުދެނެގަތުމެވެ. ބަލީގެ ސަބަބު އެނގުމަކުން ނުފުދެއެވެ. މިސާލަކީ ދޮގުހެދުމަކީ ގޯސްކަމަށް މަގުފަހިކޮށްދޭ ސަބަބެކެވެ. އެބަލީގެ އަޞްލަކީ ދުލެވެ. ވީމާ ދޫރައްކާތެރިކުރުމުގެ މުހިންމުކަން ދަންނަންވާނެވެ. އެމީހެއްގެ ދުލާއި އެމީހެއްގެ ފަރުޖު ރައްކާތެރިކުރާނެ ކަމުގެ ގަރަންޓީދޭ މުސްލިމަކަށް ސުވަރުގެ ލިބޭނެކަމުގެ ގަރަންޓީ ރަސޫލާދެއްވާފައިވެއެވެ.
4 ތިމާ އެދޭގޮތާއި ބުއްދި ދޫކޮށް ޝަރުޢުގެ ބަސްއަޑުއަހައި ކިޔަމަންގަތުން: ތިމާއަށް ފެންނަގޮތް ޝަރުޢުގެ އަމުރުގެ މައްޗަށް އިސްކުރެވެނީ ގިނަފަހަރު ބޮޑާކަމުގެ ސަބަބުންނެވެ. އިބިލީސް ފާޅުވެގެންދިޔައީ މިނުރައްކާތެރި ބަލީގެ ތެރެއިންނެވެ.
ނިންމާލަމުން އަޅުގަނޑު ނަފްސު އިސްކުރާ ޙާލު ކިޔުންތެރިންނަށް ދަންނަވަމެވެ. ﷲއަށް ކިޔަމަންގަތުމުގައި ބަލަންވީ އެހެންމީހުން ތިމާއަށްވުރެ ކުރީގައިވާކަމަށެވެ. އޭރުން ތިބާއަށް ކުރެވޭ ހެޔޮކަންތައް ގިނަކަމަށް ދުށުމުގެ ބަލިންރައްކާތެރިވާނެވެ. އަދިއޭގެ ބަދަލު ކުރިއަރާދައި ޞާލިޙުންނާއި މުސްލިޙުންނާ ހަމަކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގެ ރޫޙު އާލާވާނެވެ. ހަމައެހެންމެ ދުނިޔަވީ ކަންކަމުގައި ބަލަންވާނީ ތިބާއަށް ވަރަށްގިނަ ނިޢުމަތްތައް ލިބިފައިވާކަމަށެވެ. އޭރުން ޝުކުރުވެރިވުމުގެ ރޫޙު އުފެދި، ﷲގެ މިންވަރަށް ރުހިގެންވާނެވެ. ހަމައެހެންމެ ހަމައެކަނި ތިމާ ޞާލިޙުމީހަކަށްވުމަކުން ނުފުދޭނެވެ. މުޖްތަމަޢުގެ ރައްކާތެރިވުންވަނީ މުޞްލިހުންތިބުމުގައެވެ. ހަމައެކަނި ޞާލިހުންނެއްނޫނެވެ.
ވަރަށް މުހިއްމު އަދި ވަރަށް އަގުހުރި ނަސޭހަތް ތަކެއް، ވަރަށް ރަނގަޅު މައުލޫމާތުވެސް މިލިޔުމުގައި އެބަހުރި، އަޅުގަނޑު ދިއިސްލާމް ވެބްސައިޓުން ލިޔުންތައް ކިޔާފަި ރައްޓެހިންނަށް ވެސް މިސައިޓަށް ޒިޔާރަތް ކުރުމަށް ބުނަން އިންޓަނެޓުގެ ބޭނުން ވެސް ރަނގަޅުގޮތުގައި ކުރަން ރައްޓެހިންނަށް ވެސް ބުނެދެން ފޭސްބުކް ފަދަ ސޯސަލް ނެޓްވާރކް ތަކުގައި ވެސް ބޭނުންހިފޭ އިސްލާމީ އުސޫލުތަކާއި އެއްގޮތައް ބޭނުން ކުރުމަށް ވެސް ބުނަން