ރިޕޯޓްއަރަބިދުނިޔެ

އިސްރާޢީލުން ހަނގުރާމައެއް ފަށަން ތައްޔާރުވަނީ! (2ވަނަބައި)

ލިޔުނީ: އިބްރާހީމް ނާޒިމް

(ފުރަތަމަ ބައި)

އޭރިއަލް ޝެރޯންގެ ހިތި ނިމުން:

އޭރިއަލް ޝެރޯން އަކީ އަނިޔާވެރިކަމުގައި ޙައްދުފަހަނާއަޅާދިޔަ މީހެކެވެ. އަދި އެއީ ޞަބްރާ އާއި ޝާތީލާގެ ޤާތިލުވެސްމެ އެވެ. ޞަބްރާ އާއި ޝާތީލާއަކީ 1982ވަނަ އަހަރު ލުބްނާންގައި ފަލަސްޠީނު މީހުން ދިރިއުޅެމުންދިޔަ ދެ ރެފިއުޖީ ކޭމްޕެވެ. ޝެރޯންގެ ބެލުމުގެ ދަށުން އެތަނަށް ހަތިޔާރުއެޅި ޔަހޫދީންނާ ކްރިސްޓިޔަނުންތައް ފޮނުވައިގެން އެތަނުގައި ތިބި މީހުންގެ ތެރެއިން އަންހެނުންނާ ކުޑަކުދީންތަކަށް ދާންދެން ވަނީ 'ކުދިކޮށް ކޮށާފަ' އެވެ. އެއީ މުޅިއެކު 3500 މުސްލިމުންނަށްވުރެ ގިނައިން މަރާލެވުނު ޤަތުލުޢާންމެކެވެ. 2000ވަނަ އަހަރު ޝެރޯން މާތްވެގެންވާ ޙަރަމުއްޝަރީފަށް ގަދަކަމުން ވަދެ އެތަނަކީ ޔަހޫދީންގެ ތަނެއްކަމަށް ބުނެ މުސްލިމުން ރުޅިއަރުވާހަދާފައި ވެއެވެ. މިހެންކަމުން ފަލަސްޠީނު ޒުވާނުންނާ އިސްރާޢީލުގެ ސިފައިންނާ ދެމެދު ތަޅާފޮޅުންތައް ފެށުނެވެ. ދެން އައި އޭނާގެ ބޮޑުވަޒީރުކަމުގައި ފަލަސްޠީނު މީހުން ނުހަނު ބޮޑަތި ވޭންތައް އުފުލަންޖެހުނެވެ. އިސްރާޢީލުގެ ކުރީގެ ސަރުކާރުތަކުން ފަލަސްޠީނު މީހުންނާ ވެފައި އޮތް ހުރިހާ އެއްބަސްވުންތަކެއް އުވާލި އެވެ. ފަލަސްޠީނާ ބޭރު ދުނިޔެއާއި ގުޅުވައިދޭ ހަމައެކަނި ވައިގެ ބަނދަރު ކަމުގައިވާ ޣައްޒާ އިންޓަނެޝަނަލް އެއަރޕޯޓްގެ ރަންވޭ ބުލްޑޫޒަރުތައް ބޭނުންކޮށްގެން ކޮނެގެން ނަގާ އުކާލި އެވެ. މިހެން ކަންތައްކުރިއިރު އެތަނަކީ ފަލަސްޠީނުގެ މުސްލިމް ރައްޔިތުން ބޭރުގެ އެހީގައި އެތަކެއް ދާއޮހޮރުވައިގެން ހަދާފައިވާ ތަނެކެވެ. އެއަށްފަހު ރައީސް ޔާސިރު ޢަރަފާތު ރާމުއްލާގައި ބަންދުކުރި އެވެ. އެންމެފަހުން ޢަރަފާތު އަވަހާރަވީ ވެސް އޮފީހުގައި ބަންދުވެގެން އިންނަންޖެހިވަޑައިގެން އެގޮތުގައި އިންނަވާތާ އެއް އަހަރުވީ ފަހުންނެވެ.

ޝެރޯން އަކީ އެއްއިރުގެ ކެއުމަށް އެކަނި ރޯސްޓްކުރި 6 ކުކުޅު ކާލާ މީހެކެވެ. މީރުކޮށް ކައިގެން ފުއްޕާފައި އުޅެނިކޮށް އޭނާ އެގޮތަށް އުޅުމުގެ ދުވަސްތައް ދާދި އަވަހަށް ހަމަކުރައްވައިފި އެވެ. 18 ޑިސެމްބަރު 2005ގައި ޝެރޯންއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެވެމުން ދަނިކޮށް 4 ޖެނުއަރީ 2006ގައި އިތުރު ސްޓްރޯކެއްޖެހުނެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް ވެސް އޭނާ އެ އޮތީ ފުރާނަހުރި މައްޔިތެއް ފަދައިންނެވެ. މިހާރު ކޯމާގައި އޮންނަތާ 4 އަހަރު ފާއިތުވެ ދިޔައީ އެވެ. އޭނާ ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް ޑޮކްޓަރުންގެ ނެތެވެ. އެކަމަކު ހަށިގަނޑުގައި ވިންދުހުރީތީ ވަޅުލެވޭކަށް ނެތެވެ. ދުނިޔޭގެ ރެކޯޑްތައް ދައްކާގޮތުން މިގޮތުގައި 37 އަހަރު ވަންދެން ވެސް އޮވެދާނެ އެވެ. ނުވަތަ އެއަށްވުރެ ވެސް އިތުރު މުއްދަތަކަށް އޮވެދާނެ އެވެ. ޝެރޯން މިހާރު އެ އޮތް ކޯމާގެ ބާވަތަށް ކިޔަނީ 'ޕާރސިސްޓެންޓް ވެޖިޓެޓިވް ސްޓޭޓް' އެވެ. މިބާވަތުގެ ކޯމާގައި ވާގޮތަކީ އެހެން މީހުންނަށް ނޭނގޭ ގޮތަކަށް ހޭއަރާފައި އަލުން ކޯމާއަށް ގޮސް މިގޮތް ތަކުރާރުވަމުން ދިޔުމެވެ. މިހެން ދިމާވަނީ ސިކުނޑިއަށް ބޮޑަތި ގެއްލުންތައް ލިބޭ މީހުންނަށެވެ. ސްޓްރޯކް ޖެހުނުތާ ކައިރީގައި ޑޮކްޓަރުން ވަނީ ޝެރޯންގެ ސިކުޑިން ލޭފޭބުން ބަންދުކޮށްލުމަށްޓަކައި ބޮޑު ދެ އޮޕަރޭޝަންކޮށްފަ އެވެ. ޔަހޫދީންނަކީ މުޅިން ދުނިޔެއާއި ހެދިގެން އުޅޭ ބައެއްކަމުން މަރުވުމަށް އެއްގޮތަކަށް ވެސް ނުރުހޭ ބައެކެވެ. ޤުރުއާނުގައި ބަޔާންވެގެންވާގޮތުން އޭގެން ކޮންމެ މީހަކު 1000 އަހަރު ވަންދެން ދުނިޔޭގައި ދިރިއުޅެން ބޭނުންވެ އެވެ. އެކަން އެބައިމީހުންނަށް ދެއްވިކަމުގައި ވިޔަސް ނަރަކައިން ސަލާމަތްނުވާނެކަން އަންގަވާފައި ވެއެވެ. ޝެރޯންއަށް ޖެހިފައި އެ އޮތް ހާލު އެއީ އަނިޔާވެރިންނަށް ހުރި ޢިބުރަތެކެވެ. ފިރުޢައުނު އެއީ އަނިޔާވެރިންނަށް ހުރި ޢިބުރަތެއް ކަމުގައި ލެއްވި ﷲ ޝެރޯން ވެސް އެފަދައިން ލެއްވުމަށް ކުޅަދުންވަންތަ އެވެ.

ހުޅަނގު ދުނިޔޭގެ ފައިސާތައް ކޮންޓްރޯލްކުރަނީ ޔަހޫދީން:

މިވަގުތު އިސްރާޢީލުގައި ޤާއިމްވެ އޮތް ބެންޖަމީން ނަތަންޔާހޫގެ ސަރުކާރުން ދަނީ އިރުމަތީ ޤުދުސްގެ ގެތަކުން ފަލަސްޠީނު މީހުންތައް ނެރެ އެތަންމިތަނަށް ފައްސާލަމުންނެވެ. މީގެ ބޭނުމަކީ ފަލަސްޠީނު މީހުންގެ ބިންތައް އިތުރަށް ފޭރިގަނެގެން އެތަންތަނުގައި ޔަހޫދީންނަށް ގޮދޮރުއަޅާދިނުމެވެ. މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް މުޅިން ޚިލާފަށް ޔަހޫދީ ދައުލަތުން ހިންގަމުން އަންނަ ޖަރީމާއަކަށް ވާތީ އިސްރާޢީލުގެ އެކުވެރި އެމެރިކާއިން ވެސް ވަނީ 'ކަންބޮޑުވާކަމަށް' ދުލުކޮޅުން ބުނެފަ އެވެ. މިފަދަ އެތައް ކަމަކާހުރެ ފަލަސްޠީނާ އިސްރާޢީލާއި ދެމެދުގައި ޞުލްޙައިގެ މަޝްވަރާކުރުންތައް އަލުން ފެށިދާނެކަމުގެ ހުރިހާ އުންމީދެއް ވަނީ ވެއްޔާމޮޑެވިފަ އެވެ. މިހެން ކަންއޮތްކަމުގައި ވިޔަސް މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތައް އަލުން ފެށޭތޯ ޢަރިބި ސަމިޓެއް މިއަންނަ ޖުލައިމަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަމިޓުން އެދެވޭ ރަނގަޅު ނަތީޖާއެއް ނުނިކުމެއްޖެނަމަ ހަނގުރާމައަކާ ދިމާއަށް މެދުއިރުމަތި ދިޔުން ވަރަށް ގާތްކަމުގައި އުރުދުންގެ ޢަބްދުﷲ ރަސްގެފާނު ވަނީ ހާމަކޮށްފަ އެވެ. ޖުލައި މަސް އަންނަންވާއިރަށް އިސްރާޢީލާއި ފަލަސްޠީނުން ވެސް ދެބައިމީހުންގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ. މިހެން ނޫންނަމަ ހަނގުރާމައަކަށް ދިޔުން އޮންނާނީ ވަރަށް ގާތުގަ އެވެ. ފަލަސްޠީނުން މިހާރު ބުނެފައި ވަނީ ޔަހޫދީން ފަލަސްޠީނު މީހުންގެ ބިންތަކުގައި އިތުރު ގެތައްއެޅުން ހުއްޓާނުލާހާ ހިނދަކު މަޝްވަރާގެ މެޒުދޮށަށް ނާންނާނެކަމުގަ އެވެ. އެކަމަކު އިސްރާޢީލުން ވަނީ އިތުރު ޔަހޫދީ އާބާދީތައް ހެދުން ހުއްޓާނުލާނެކަމަށް އަންގާފަ އެވެ. މުސްލިމުންނާ ޔަހޫދީ ޒަޔަނިސްޓުން ޞުލްޙަވެރިވުމަކީ މުސްތަޙީލުކަމެއް ކަމަށް މިހާތަނަށް ސޮއިކުރެވުނު އެތަކެއް އެއްބަސްވުންތަކުން ވަނީ ދުނިޔެއަށް ހާމަވެގެން ގޮސްފަ އެވެ. އެހެނީ ޞުލްޙައިގެ އެއްވެސް އެއްބަސްވުމަކަށް އިސްރާޢީލުގެ ޔަހޫދީން އަމަލު ނުކުރާތީ އެވެ.

ޔަހޫދީންނާއެކު ޞުލްޙައިގެ ވާހަކަތައްދައްކާ އެގުރީމެންޓްތަކުގައި ސޮއިކުރުމަކީ ފޫނެއް ފާއަކަށް ފެންފުރުން ފަދަ ކަމެއްކަން މިހާރު އޮތީ އެނގި ސާބިތުވެފަ އެވެ. މިކަމުގެ ހެއްކަކަށް ޔާސިރު ޢަރަފާތު ސޮއިކުރެއްވި އޮސްލޯ އެކޯޑް އެކަނިވެސް ފުދޭހައި ވެއެވެ. ފަލަސްޠީނުގެ ބިން އިސްތިޢުމާރުކޮށްގެން ތިބި ޔަހޫދީންތައް ފައްސާލުމަށް އޮތީ އެންމެ ގޮތެކެވެ. އެގޮތަކީ ހަނގުރާމަކުރުމެވެ. ހަތިޔާރުން ޖިހާދުކުރުމުގެ މަގު ދޫކޮށް އެއްބަސްވުންތަކުގައި ސޮއިކުރިވަރަކަށް ފަލަސްޠީނު މީހުން އިތުރަށް ނިކަމެތިވުން ނޫންކަމެއް މެދުވެރިއެއް ނުވާނެ އެވެ. އެހެނީ ޔަހޫދީން ތިބީ ފަލަސްޠީނުގެ ބިމުން އެންމެ ތަންކޮޅެއްވެސް ދޫނުކުރުމަށް އަޒުމްކޮށް އެގޮތުގައި ހަނގުރާމަކުރުމަށް ތައްޔާރަށްކަމުގައި ވާތީ އެވެ. ކިރިޔާ ދެބަސްވާންޖެހޭ ކަމެއް ހިނގިޔަސް ހަތިޔާރު އުފުލުން ނޫންކަމެއް ޔަހުދީންނަށް ދަސްވެފައެއް ނެތެވެ.

ރާއްޖެއިސްލާމް އިން ނަގާފައި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް