އަފްޣާނިސްތާނުގައި ރޫސީވިލާތާދެކޮޅަށް މުސްލިމު މުޖާހިދުން ކުރި ޖިހާދުގައި ރޫސީވިލާތުގެ ބާރު ނިކަމެތިވުމަށްފަހުން ދެންދުނިޔެއިން ފެނިގެންއައީ އެމެރިކާނުންގެ އަމުރުވެރިކަމެވެ. މިވެރިންގެ އަމުރުގެ ދަށުން ހިލޭސާބަހަށް މަސައްކަތް ކުރަމުންއައި އިސްލާމުންގެ ޖަމްޢީއްޔާތަކައި ހަނގުރާމައިގެ ސަބަބުން ހުވަފަތްވެފައިތިބި އަންހެނުންނާއި ޔަތީމުންނަށް އަދި ނިކަމެތި ފަޤީރުންނަށް ތަޢުލީމީގޮތުންނާއި ޞިއްޙީގޮތުންނާއި ކެއިންބުއިމާއި ފޭރާމާއި ހިޔާވަހިކަމުގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދެމުންދިޔަ މުސްލިމު ޖަމްޢިއްޔާތަށްވަނީ ޓެރަރިޒަމަށް އެހީވެ ދިނުމުގެ ނަމުގައި އަދި އެނޫން ބަދުނާމުތައް އަޅުވައި ބަންދުކުރުވާފައެވެ.
މުސްލިމުންނަށް އެހީތެރިވެދިނުމަށް ޤާއިމުވެފައިވާ އިސްލާމީ ޚައިރީ ޖަމްޢިއްޔާތަކާމެދު ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި ހަމަހަމަކަމުގެ އަގުބޮޑު ޝިޢާރުތައް އުފުލަމުންގެންދާ ދެފުށްކެހެރި ހުޅަނގުގެ ބާރުތަކުން މިގޮތަށް ކަންތައް ކުރިކަމުގައިވިޔަސް ފަލަސްޠީނުގެ އެހެންޤައުމުގެ ތަކުގެ ޔަހޫދީން ވަޒަންވެރިކުރުވައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ފޭރިގަނެ، ފަލަސްތީނުން އެޤައުމުގެ ރައްޔިތުންބޭރުކުރުމުގެ ޒައިނިސްޓުންގެ މަސައްކަތަށް އެހީވެދޭ ޖަމްޢިއްޔާތަކާމެދު އެގޮތަށް ޢަމަލުނުކުރެއެވެ.
މިއަދު ރިޕޯރޓްތަކުން ހާމަވެފައިވާގޮތުގައި އިނގިރޭސިވިލާތުގެ 30 ޚައިރީ ޖަމްޢިއްޔާތަކުން އެއްމިލިޔަނަށްވުރެ ގިނަ އޮސްޓްރޭލިޔަން ޕައުންޑްގެ އެހީއެއް ފަލަސްޠީނުގެ ވެސްޓްބޭންކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ވޭތިވެދިޔަ ފަސްއަހަރުގެ ތެރޭގައި ދީފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް އެ ޤައުމުން ނައްތާލުމަށް އިޒްރޭލްގެ އިސްތިޢުމާރީ ސަރުކާރުގެ މަސައްކަތަށާއި ތަފާތު ރޮނގުން ރޮނގުން ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދޭ އިނގިރޭސީންގެ 1150 ޖަމްޢިއްޔާ އިނގިރޭސިވިލާތުގައިވާކަމަށް 7 ޛުލްޤައިދާ 1432 (5 އޮކްޓޯބަރ 2011) ވީ އަންގާރަދުވަހު އަލްޖަޒީރާ ޚަބަރުދީފައިވެއެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ޕާރލަމެންޓްގެ ލިސްޓުގައި ސާބިތުވެފައިވާ މިންވަރެވެ. އަދި ފޮރުވިގެންތިބެ އިނގިރޭސީންގެ ކިތައް ޖަމްޢިއްޔާ މުސްލިމުން ނައްތާލުމަށް އެހީތެރިވާނެބާވައެވެ؟
ޔަހޫދީން ފަލަސްޠީނަށް ހިޖްރަކުރުވުމަށާއި އެމީހުން އާބާދުކުރުމަށްޓަކައި އަދި ތަޢުލީމާއި އެނޫންވެސް އިޖްތިމާޢީ ކަންތައްތަކަށް އިނގިރޭސިވިލާތުގެ މިހާ ގިނަޖަމްޢިއްޔާތަކުން އެހީތެރިވެއެވެ. އިޒްރޭލަށް އެހީވެދޭ މުސްތަޤިއްލު މީހުންގެ އޯގަނައިޒޭޝަނުން 300 ހާސް އޮސްޓްރޭލިޔަން ޕައުންޑް ދިނުމުގެ އިތުރުން އިޒްރޭލްސިފައިންގެ މަސައްކަތަށްދާ މީހުންގެ ޘަޤާފަތް އިތުރުކުރުމުގެ ނާދީތައް ބިނާކުރުމަށްވެސް އެތައްބައިވަރު އެހީތަކެއް ވެދީފައިވެއެވެ. މިފަދަ ޖަމްޢިއްޔާތަކުގެ ތެރެއިން އަނެއް ޖަމްޢިއްޔާއަކީ "ވުޒާރާތުލް ޢަމަލިއްދުވަލިއްޔަ"އެވެ. މިޖަމާޢަތުން އެތައް ގުނައެއްގެ ހިލޭއެހީއެއް ފަލަސްޠީނުގެ ވެސްޓްބޭންކްގައި ޔަހޫދީން ވަޒަންވެރިކުރުމަށް މަސައްކަތްކުރާ ހޯލެންޑްގެ ޖަމްޢިއްޔާއެއްކަމުގައިވާ ކުރިސްޓިއަން ފުރެންޑްޝިޕް އޯގަނަޒައިޒޭޝަން އޮފް އިސްރާއީލް އަށް ފޯރުކޮށްދީފައިވެއެވެ. ޖަޒީގެ ބަޔާންގައިވާގޮތުން މަދުވެގެން އިނގިރޭސިލވިލާތުގެ 5 ޖަމްޢިއްޔާއެއް އިޒްރޭލުގެ ސިފައިންގެ ކުރިއެެރުމާއި މަސްލަހަތަށްޓަކައި ފައިސާ ޖަމާކުރެއެވެ. ވޭތުވި ފަސްއަހަރުގެ ތެރޭގައި 140 ހާސް އޮސްޓްރޭލިޔަން ޕައުންޑްގެ އެހީވަނީ ފޯރުކޮށްދީފައެވެ. އަދި ފުރެންޑްސް އޮފް ދި ޔުނައިޓެޑް ކިންގްޑަމް ފޮ ދި ވެލްފެއަރ އޮފް އިސްރާއީލް 800 ހާސް ޕައުންޑް އިޒްރޭލްގެ ސިފައިންގެ ޤާއިދާތައް ވަރުގަދަ ކުރުމަށް ދީފައިވެއެވެ. އަދި ޖުއިޝް ނޭޝަނަލް ފަންޑް އިން ބްރިޓެއިން އިން ވެސް ސިފައިންގެ އެކިއެކިކަންތަކަށް އެހީވަމުންގެންދެއެވެ.
އިނގިރޭސިވިލާތުގެ ގިނަ ޖަމްޢިއްޔާތަކަކުން އިޒްރޭލްގެ ޣައިރުޤާނޫނީ ޙަރަކާތްތަކަށް ފަންޑުކުރަމުންދާއިރު ޙަމާސްއާއި އަދި އެނޫންވެސް މިނިވަންކަމަށްޓަކައި އަމިއްލަ ޤައުމަށްޓަކައި ޙަރަކާތްތެރިވާ ޖަމާޢަތްތަކަށް އެހީތެރިވުން ހުޅަނގުން ބަލަނީ ޓެރެރިސްޓުންނަށް އެހީވުންކަމުގައެވެ. އަނެއްކޮޅުން އިޒްރޭލުން ޔަހޫދީންވެރިކުރުމަށް ކުރާމަސައްކަތްތައް އިނގިރޭސި ސަރުކާރު ސިފަކުރަނީ ޣައިރުޤާނޫނީ ޢަމަލެއްގެ ގޮތުގައެވެ.
އިޒްރޭލްގެ ޣައިރުޤާނޫނީ ޢަމަލުތަކަށް އެހީވެދޭ އިނގިރޭސްވިލާތުގެ ރަޖިސްޓަޑް ޖަމްޢިއްޔާތަކުން އިޒްރޭލަށް ފަންޑުކުރުމަށް ކެމްޕޭނުކޮށް ފައިސާ އެއްކުރުމާއި އެކަމަށް ހުރަހެއްނެތުމާއި އަދި އިނގިރޭސި ސަރުކާރުން އިޒްރޭލް ސަރުކާރުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ބިނާކުރާ ތަންތަން ބިނާކުރުމަކީ ޣައިރުޤާނޫނީ ޢަމަލެއްކަމުގައި އިނގިރޭސި ސަރުކާރުން ސިފަކުރުމާއި މިދެކަން ދިމާވަނީ ކޮންގޮތަކުންހެއްޔެވެ؟ އަނެއްކޮޅުން ހުޅަނގުގެ ސަރުކާރުތަކުން ދެކޭގޮތުގައި ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރެރިސްޓު ޖަމާޢަތްތަކެކެވެ. އެކަމަށް އެހީތެރިވެދިނުމަކީވެސް ހަމަ އެފަދަ ޢަމަލަކަށް އެހީތެރިވުމެކެވެ.
މުސްލިމުންނާ ގުޅޭކަންތަކުގައި އިނގިރޭސީންނާއި އެމެރިކަނުން އަދި އެހެންވެސް ހުޅަނގުގެ ގިނަމީހުންގެ މުޢާމަލާތްތައް މިބީދާއިން ހުރިއިރު މިކަންކަން ސިފަކޮށްދެނީ ހުޅަނގަކީ ދެފުއްކެރި މިއްލަތެއްކަމެވެ. ވީއިރު ބޭރުފުށް އޮމާން އެތެރެފުށުގައި ޙަސަދައާއި ނުނިޔަތުން ފުރިހާވާ ހުޅަނގުގެ ސަރުކާރުތަކާމެދު މުސްލިމުންގެ ވިސްނުން ހަރުދަނާވާނީ ކޮންދުވަހަކުންބާވައެވެ؟
"މުސްލިމުންގެ ކަންތަކަށް އަޅާލުމުގެ އިޙުސާސްނެތް މީހަކީ އެމީހުންގެ ތެރެއިންވާ މީހެއްނޫނެވެ." އޮންނަ އިރުޝާދަށް ވިސްނައިލައި ކިތައް މުސްލިމުން އުޅޭބާވައެވެ؟ އަޤުޞާ ޔަހޫދީންގެ ކިބައިން ސަލާމަތްކުރުމުގައި ތިބާގެ ދައުރަކީކޮބައިތޯ ބަލައިލާ މީހަކު ވޭބާއެވެ؟ ވަކިން ޚާއްޞަކޮށް އިނގޭސި ސިޔާސަތުގައި މުސްލިމުންނާމެދު ޤަދީމީ ޒަމާނުންސުރެ އޮންނަނީ "ޑިވައިޑް އެންޑް ރޫލް" މުސްލިމުން ބައިބައި ކުރާށެވެ! އަދި އެބައިމީހުންގެ މައްޗަށްވެރިކަން ކުރާށެވެ! މި ސިޔާސަތެވެ. މިހެންވެ މުސްލިމުން ބައިބައިކޮށްގެން މުސްލިމުން ނިކަމެތިކުރުވައި އެބައިމީހުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަން ދެމެހުއްޓުމަށް އެވިލާތުގެ އެހީތެރިކަން މިހިރަދަނީ ވަރަށް ރަނގަޅަށް ކަށަވަރުވަމުންނެވެ. ނަމަވެސް އަހަރެމެން އާދެ! މުސްލިމު ލީޑަރުންނާއި ޢާއްމުން އަދި ސިޔާސީ ޙަރަކާތްތެރިން މިކަންކަމުން ޢިބްރަތްލިބިގަންނާނީ ކޮންދުވަހަކުން ބާވައެވެ؟
ﷲގެ ޙައްޤުބަސްފުޅެވެ. وَلَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ އަލްބަޤަރާ 120
މާނައީ "ތިބާއަށް (އެބަހީ މުސްލިމުންނަށް) ޔަހޫދީންނާއި ނަޞާރާއިން އެއްގޮތަކަށްވެސް ނުރުހޭނެތެވެ. ތިބާ އެބައިމީހުންގެ މިއްލަތަށް ތަބާވެއްޖައުމަށްދާނދެނެވެ."

















މުސްލިމުން ބައިބައި ކޮށްގެން ނިކަމެތި ކުރަން ހުދް އެމީހުން އުޅުމުގެ ބަދަލުގައި އެމީހުންވަނީ މުސްލިމުންގެ ތެރެއިންވެސް ހާއިނުން ހޯދާ ތަމްރީނުކޮށްފަ. ތަމްރީނު ކުރެވިފައިވާ ގުރޫ■■ޕް ތަކުގެ ވަޒީފާތަކަށް ބަލާލާއިރު 1 ހައްގުތައް ހޯދުމުގެ ނަމުގައި އިސްލާމީ ދައުލަތާ ދެކޮޅަށް ބަޢާވާތްކޮށް ހަނގުރާމަކުރުން. 2 ދީނުގައި ހުންނަ އިހްތިލާފީ މައްސަލަތައް ވަކި ވަކިން ނަގާ ހޯދާ އާއްމު ރައްޔިތުންނަށް ތަންދޮރު އޮޅޭނެހެން ނާދިރު ފަތުވާތައްދިނުން. 3 މީޑިއާ ބޭނުންކޮށްގެން އާއްމު ރައްޔިތުންގެ ވިސްނުމާ ފިކުރު ބަދަލުކުރުން ހާއްސަކޮށް (ޒުވާނުން)ގެ. ބަޔާންކުރެވުނު ހަރަކާތްތައް ހިންގާ ގުރޫޕް ނުވަތަ ޖަމިއްޔާތަކަށް ކާފަރުން (ޔަހޫދީން)ގެ ފުރިހަމަ ތާއިދާއި އެއްބާރުލުން ލިބޭކަމަކީ މުޅިދުނިޔެ ދަންނަ ބޮޑުސިއްރެ.
ޔޫކޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖޭގެ ސަރުކާރުން މިހާރު ޔަހޫދީ ދައުލަތަށް ވެދޭ އެހީ މާބޮޑު!
ހަމައެކަނި އިނގިރޭސިންނަކަށް ނޫން ޔަހޫދީންގެ އެހީތެރިކަން ލިބެނީ. އަޅުގަނޑުމެން ރާއްޖެއަށްވެސް އެފަދަ އެހީތަށް ލިބުމުގެ ނަތީޖާ މިފެންނަނީ.