ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލްގެ ކުދިންނަށް ތަފާތު ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާކަމާއި، ބައެއް ޓީޗަރުން އެކި ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންއިން ކުރެވުނު ތަޙްޤީޤަށްފަހު ޢާންމުކުރި ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި 'އެސްކޫލްގެ ކުދިންގެ ގައިގައި ބެލްޓުންނާއި، އަތުންނާއި، ފައިލުން އަދި ފޮތުން ޖެހުމާއި، ދަރިވަރުންގެ ކޮނޑުމަތީގައި އިންނަ ވަކި ނާރަކާ ދިމާލުގައި ވިކާ އަދި ޖަހާ ކަމަށާއި، ތަޅުދަނޑިފަތި ކުދިންނާ ދިމާލަށް އެއްލާކަމަށާއި، ދަރިވަރުން އަވީގައި ކޮޅަށް ބަހައްޓާކަމަށާއި، ސްކޫލުތެރޭގައި ގިނަ އިރުތަކެއް ވަންދެން ގަދަކަމުން ދުއްވާކަން ފާހަގަކޮށްފައިވެއެވެ. އަދި ދަރިވަރުން ދަރިވަރުންނަށް ބުލީކުރާކަން ފާހަގަކޮށްފައިވާއިރު ތުއްތު ކުދީން ބިރުގެންނެވުމުގެ ގޮތުން އެ ކުދީންނާ ދިމާލަށް އަޑުހަރުކޮށް ހަޅޭއްލަވާ ހުތުރު ބަހުން މުޚާޠަބުކޮށް، ހަމުގެ ކުލަޔަށް ބަލައި ކުދީންނާ މެދު ތަފާތު ކޮށް، އަންހެން ދަރިވަރުންނަށް އަގުހުރި ހަދިޔާތައް ދެމުންގެންދާކަންވެސް އެޗްއާރްސީއެމް ގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މިސްކޫލްގެ ތެރޭގައި ދަރިވަރުންގެ މެދުގައިވެސް ކަންބޮޑުވާން ޖެހޭ ފަދަ ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާކަން މި ތަހުޤީގުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވެއެވެ.
މުޅި ތަޙްޤީޤުގައި ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް އެޗްއާރްސީއެމް އިން ވަނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނޭ ގޮތަށް، ކިޔަވައިދޭ ތަންތަން ޤާއިމްކޮށް ހިންގުމަށް މަސްއޫލުވެރިފަރާތަށް ދޫކޮށްފައިވާ ރަޖިސްޓްރީ ބާޠިލްކޮށް، ހަރުދަނާ އަދި ހާމަކަންބޮޑު އުޞޫލެއްގެ ދަށުން، ކަމަށްއެކަށީގެންވާ ޤާބިލު ފަރާތަކާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި، ސްކޫލުގެ ހިންގުން ޙަވާލުކުރުމަށް ހުށަހަޅާފައެވެ.
ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލަކީ ފަހަކަށް އައިސް މިފަދަ މައްސަލަތައް ބޮޑުވެގެން ޝަކުވާތައް ފުނިޖެހިފައިވާ ސުކޫލެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...