ރިޕޯޓްއަރަބިދުނިޔެ

އިސްރާޢީލުން ހަނގުރާމައެއް ފަށަން ތައްޔާރުވަނީ! (1)

ލިޔުނީ: އިބްރާހީމް ނާޒިމް

މިހިނގާ 2010ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އިސްރާޢީލުން މެދުއިރުމަތީގައި ހަނގުރާމައެއް ފަށާފާނެކަމަށް ޔަހޫދީ ދައުލަތުގެ އަމަލުތައް ދިރާސާކުރާ ފަރާތްތަކުން ބުނަންފަށައިފި އެވެ. މިކަމަށް އިޝާރާތްކޮށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވެސް ވަނީ އިންޒާރުގެ މޭރުމަކުން ވާހަކަދައްކާފަ އެވެ. ލުބްނާން އާއި ދެކޮޅަށް ދެން އިސްރާޢީލުން ފަށައިގަންނަ ޢުދުވާނެއްގައި އެ ޤައުމު ދިފާޢުކުރަން ފަލަސްޠީނުގެ ޙަމާސްއިން ޙިޒްބުﷲ އަށް އެއްބާރުލުން ދޭނެކަމަށް ބުނެފައި ވެއެވެ. މިހެންކަމުން އިސްރާޢީލަށްޖެހޭނީ އުތުރު ފަރާތުން ޙިޒްބުﷲ އާއި ހަނގުރާމަކުރަމުން ދާއިރު ދެކުނުން ޙަމާސްއާއި ކުރިމަތިލާށެވެ. މިކަން މިހެން އޮތްއިރު ލުބްނާންގެ ދިފާއުގައި ސޫރިޔާއިން ހަނގުރާމައިގެ ތެރެއަށް ވަންނާނެކަމަށް ބުނެފައި ވެއެވެ. އިސްރާޢީލުން އިސްވެ ސޫރިޔާއަށް ހަމަލާދީފިނަމަ އީރާނުން ސޫރިޔާއަށް މަދަދުދޭނެކަމަށް ބެލެވެ އެވެ.

ޙިޒްބުﷲ އާއި އިސްރާޢީލުގެ ކުރިމަތިލުން:

2006ވަނަ އަހަރު ލުބްނާން އާއި ދެކޮޅަށް އިސްރާޢީލު ފަށައިގަތް ޢުދުވާނުތައް ވެސް ލޯންޗުކޮށްފައި ވަނީ އެ އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ. އެފަހަރު ލުބްނާންގެ ދިފާއުގައި އެންމެ ބޮޑު ޖިހާދެއްކޮށްފައި ވަނީ ޙިޒްބުﷲ އިން ކަމުގައި ވާތީ އެ ހަނގުރާމައަށް އިސްރާޢީލާއި ޙިޒްބުﷲގެ ހަނގުރާމައޭ ވެސް ކިޔައެވެ. ޙަރުބު ތަމޫޒު ނަމަކަށް ކިޔުނު އެ ހަނގުރާމަ ނިމުނީ އިސްރާޢީލުގެ މައްޗަށް ލުބުނާންގެ މުޖާހިދުން ކާމިޔާބު ހޯދައިގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްރާޢީލު ބަލިވެގެންނެވެ. ހަނގުރާމައިގައި ޔަހޫދީ އިސްރާޢީލްގެ 121 ސިފައިން މަރުވެ 628 ސިފައިން ޒަޚަމްވި އެވެ. މީގެ އިތުރުން އަގު ނުކުރެވޭހާ ގިނަގުނަ މާއްދީ ގެއްލުންތައް އިސްރާޢީލަށް އުފުލަންޖެހުނެވެ. މިހެންކަމުން އިސްރާޢީލަކީ ބަލިނުކުރެވޭނެ ބާރެއްކަމުގައި ހީވެފައި އޮންނައޮތުން ވަޔަށް ބުރައިގެން ދިޔައީ އެވެ.

އިސްރާޢީލުން ފަށާފާނެ ކުއްލި ޢުދުވާނަކާ ކުރިމަތިލުމަށް ޙިޒްބުﷲ ޖަމާޢަތުން މިހާރު އޮތީ ރަނގަޅަށް ތައްޔާރުވެގެންނެވެ. އެބައިމީހުންގެ އަތުގައި ހުރި ރޮކެޓްތައް މިހާރު އިސްރާޢީލުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޓެލްއަވީވް އާއި ހަމައަށް ފޯރަ އެވެ. މިހެންކަމުން ޙިޒްބުﷲ ޖަމާޢަތުގެ ވެރިޔާ ޝެއިޚް ޙަސަން ނަޞްރުﷲ ވިދާޅުވެފައި ވަނީ އިސްރާޢީލުން ލުބްނާނަށް ހަމަލާދީފި ނަމަ ޓެލްއަވީވަށް އަލިފާނުގެ ވާރޭ އޮއްސާލާނެކަމުގަ އެވެ. މިވަރުގެ ބޮޑު ގެއްލުމެއް އުފުލަން އިސްރާޢީލު ތައްޔާރަށް އޮތްކަމުގައި ވާނަމަ ލުބްނާނަށް ހަމަލާދޭންވީ އެވެ. އިތުރު ގެއްލުމާ ހަލާކު އުފުލަން ބޭނުން ނޫންނަމަ ހިމޭނުން އޮންނަންވީ އެވެ. ޒަޔަނިސްޓް ޔަހޫދީންނަކީ އެމީހުންގެ ތެރެއިން އެންމެ މީހަކުވެސް މަރުނުވެ ހަނގުރާމަތަކުން ނަޞްރު ލިބުން އެދޭ ބައެކެވެ. މިހެންކަމުން އިސްރާޢީލުން ހަނގުރާމައެއް ފަށާނަމަ އެކަމުން ޔަހޫދީ ދައުލަތަށް ލިބިދާނެ ގެއްލުންތަކާމެދު ތަކުރާރުކޮށް ވަނީ ވިސްނަންޖެހިފަ އެވެ.

2006ގެ ހޫނު މޫސުމުގައި ހިނގާދިޔަ 34 ދުވަހުގެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބެއްކަމުގައި ވަނީ ޙިޒްބުﷲ ޖަމާޢަތުން އިސްރާޢީލު ސިފައިންގެ ދެ މީހުން ހައްޔަރުކުރުމާ ގުޅިގެންނެވެ. ޙަޤީޤަތުގައި މިކަމެއް ހިނގީ ޔަހޫދީން ލުބްނާނުގެ ތެރެއަށް ސިއްރުން ވަދެގެން ޢުދުވާނެއް ހިންގަން ރާވަނިކޮންނެވެ. ހައްޔަރުކުރެވުނު ދެ މީހުން އޭރުވަނީ ޒަޚަމްވެފައިކަމަށް އޮތީ ބެލެވިފަ އެވެ. އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ވީފަހުން، ޖުލައި 2008ގައި އިސްރާޢީލުގެ އެދުމުގެ މަތީން އެ ދެމީހުން އިސްރާޢީލާއި ހަވާލުކުރުމަށް ޙިޒްބުﷲ އިން އެއްބަސްވި އެވެ. ނަމަވެސް ޝަރުތަކީ އިސްރާޢީލުގެ ޖަލުތަކުގައި ތިބި ލުބްނާން އާއި ފަލަސްޠީނު މީހުންގެ ތެރެއިން 1000 މީހުން ދޫކޮށްލުމެވެ. އަސީރުން ބަދަލުކުރުމުގެ ތެރޭގައި ދެ ފަރާތުންމެ މަރުވެފައި ތިބި މީހުންގެ ހަށިތައް ވެސް ބަދަލުކުރުމަށް އޮތީ އެއްބަސްވެފަ އެވެ. އިންޓަނެޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް މެދުވެރިކޮށް އަސީރުންނާއި ސަންދޯއްތައް ބަދަލުކުރުމުގެ ވަގުތު އައިސްޖެހުނުއިރު ދެފަރާތުގެ އޮފިޝަލުންނާއި އެ ނޫންވެސް ކަމާބެހޭ މީހުންތައް ސަރަހައްދީރޮނގު ކައިރިއަށް ޖަމާވެ މުޅިތަން އޮތީ ފުރިފަ އެވެ. އަދި އެ މަންޒަރުތައް ނިއުސް ޗެނަލްތަކުން ވަގުތުން ޓެލެވައިޒްކޮށްގެން މުޅި ދުނިޔެއަށް އޭރު ދިޔައީ ދައްކަމުންނެވެ. އިސްރާޢީލުގެ އޮފިޝަލުންނާ، ހައްޔަރުކުރެވުނު އިސްރާޢީލު ސިފައިންގެ ދެމީހުންގެ އާއިލާތަކުން ހީކޮށްގެން ތިބިގޮތާ ޚިލާފަށް ޙިޒްބުﷲ އިން ގެނެސްދިނީ އެ ދެ މީހުންގެ ހަށިގަނޑު އޮތް ދެ ސަންދޯކެވެ. ރޮމުން ތިބި ހާލު އެ ސަންދޯއްތަކުގައި ހިފައި އެއް ބަސްވުމާއި އެއްގޮތަށް އަމަލުކުރުން ނޫންގޮތެއް އިސްރާޢީލަކަށް އެވަގުތަކު ނެތެވެ. ވުމާއެކު ޢަރަބި މުސްލިމް އަސީރުންގެ ތެރެއިން 1000 މީހުން ދޫކޮށްލައި 200 މުޖާހިދުންގެ ހަށިތައް ޙިޒްބުﷲ އާއި ހަވާލުކުރި އެވެ. އިސްރާޢީލުގެ މައްޗަށް ޙިޒްބުﷲ އިން ހޯދި އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ދުވަހަކީ ލުބްނާންގައި ބަންދު ދުވަހެއް ކަމުގައި އިޢުލާނުކޮށް ބޮޑަތި އިޙްތިފާލްތައް ބޭއްވުނެވެ. އެ ދުވަހަކީ ލުބްނާންގެ ސަރުކާރާއި ރައްޔިތުން އެއް އަޑަކުން އެއްބައިވަންތަކަން ފާޅުކުރި ދުވަހެކެވެ. އެ ދުވަހުގެރޭ ޝެއިޚް ޙަސަން ނަޞްރުﷲ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެން މިނިވަންކުރެވުނު މުޖާހިދުންނާ ސަލާމްކުރައްވާ ހެއްދެވި އެވެ. މިކަންކުރެއްވީ އޭނާ ހުންނެވި ކޮންމެ ތަނަކަށް އިސްރާޢީލުގެ ޖާސޫސީ އޭޖެންޓުންނާ ޢަސްކަރިއްޔާއިން ހަމަލާދޭނެކަން އެނގިވަޑައިގަންނަވާ ހާލުގަ އެވެ. ގިނަ އިރުތަކެއްނުވެ ނަޞްރުﷲ އޭނާގެ ހަށިފާރަވެރިންނާއެކު ވަޑައިގަތް ތަނެއް ނޭނގި ކުއްލިޔަކަށް ގެއްލިއްޖެ އެވެ. ނަމަވެސް ދެން އޭނާ ފެނުނީ ބައިރޫތުގެ އެކި ތަންތަނުގައި ބެހެއްޓިފައި ހުރި ބޮޑަތި ސްކްރީންތަކުން ލުބްނާނުގެ ރައްޔިތުންނާ ވަގުތުން މުޚާތަބުކުރައްވަނިކޮންނެވެ. އެރޭގެ ވާހަކަފުޅުގައި ނާކާމިޔާބުގެ ދައުރު ނިމިއްޖެކަމަށް ވިދާޅުވި އެވެ. ވުމާއެކު ދެން މި ފެށެނީ ޒަޔަނިސްޓު އިސްރާޢީލުގެ މައްޗަށް ކާމިޔާބުހޯދުމުގެ ޒަމާންކަމަށް އިޢުލާނުކުރެއްވި އެވެ.

2000ވަނަ އަހަރުގެ މޭ މަހު އިސްރާޢީލަށް ވަނީ ދެކުނު ލުބުނާނުން އަމިއްލައަށް ފައިބައިގެންދާން މަޖުބޫރުވެގެން އެތަން ދޫކޮށް ގޮސްފަ އެވެ. ޙިޒްބުﷲ މުޖާހިދުންގެ ހަމަލާތަކަށް ކެތް ނުވެގެން އެތަނުން އިސްރާޢީލް ފޭބީ ނުފައިބާނެކަމަށް ހަރުއަޑުން ގޮވިތާ އެއް އަހަރު ވެސް ނުވަނީހެވެ. ދެކުނު ލުބްނާންގައި އިސްރާޢީލުގެ ގިނަ އަދަދެއްގެ ސިފައިން މަރުވަމުންދާތީ އެތަންދޫކޮށް ދިޔުމަށް އިސްރާޢީލުގައި އޭރު ހުރި ބޮޑުވަޒީރު އިހޫދު ބަރާކް ބޭނުންވާކަން އިޢުލާނުކުރުމުން އޭރިއަލް ޝަރޯން އެކަމަށް ފާޑުކިޔަން ފެށި އެވެ. ޝެރޯން އޭރު ހުރީ ލިކޫޑް ޕާޓީގެ ލީޑަރުކަމުގެ މަޤާމުގައިކަމުން އޭނާ ބޭނުންވެފައި އޮތީ ހަރުކަށިކަން ދައްކައިގެން ބޮޑުވަޒީރުކަމުގެ މަޤާމަށް އައުމަށެވެ. މިހެންކަމުން ޝެރޯން ބުނެފައިވަނީ 1000 އަހަރު ފާއިތުވިކަމުގައި ވިޔަސް އިސްރާޢީލު ދެކުނު ލުބުނާނުން ނުފައިބާނެކަމުގަ އެވެ. ޝެރޯންގެ މި ބަހަށް ރައްދުދިނުމުގެ ގޮތުން ޙިޒްބުﷲ އިން ބުނެފައިވަނީ، "އެއްހާސް އަހަރު ވަންދެން އޭނާގެ އިސްރާޢީލު ދެމިއޮންނާނެއޭ ޝެރޯން ގާތު ކާކުހޭ ބުނީ؟" މިހެންނެވެ. މި ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ބަސްހުއްޓިފައި ތިބެންޖެހުނުތާ ގިނަ ދުވަހެއްނުވެ އިސްރާޢީލަށް ދެކުނު ލުބުނާނުން ފައިބަންޖެހިއްޖެ އެވެ. މި ހުރިހާކަމެއް ހިނގިއިރު ދެކުނު ލުބްނާންގައި އިސްރާޢީލާ އެއްކޮޅަށް ހަނގުރާމަކުރުމަށް ސައުތް ލެބަނަން އާމީގެ ނަމުގައި އިސްރާޢީލުން ޢަރަބި ކްރިސްޓިޔަނުންގެ ލަޝްކަރެއް އުފައްދާފައި އޮތެވެ. އިސްރާޢީލު ދެކުނު ލުބްނާން ދޫކޮށްދާއިރު މިބުނެވުނު ނަޞްރާނީ ބައިގަނޑު ހިމާޔަތްކުރަންޖެހިފައި ވާތީ އެބައިމީހުން އެމީހުންގެ އާއިލާތަކާއެކު ގެންގޮސް އިސްރާޢީލުގައި 'ވަގުތީގޮތުން' ވަޒަންވެރި ކުރުވީ އެވެ.

ރާއްޖެ އިސްލާމް.ކޮމް އިން ނަގާފައި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް