ސުވާލާއި ޖަވާބު ޙައްޖުދުވަސްވަނީ ހޮނިހިރަކަށްވީމާ ރޯދަހިފަން ޖެހޭނީ ކިހިނެއްތޯ؟

ޙައްޖުދުވަސްވަނީ ހޮނިހިރަކަށްވީމާ ރޯދަހިފަން ޖެހޭނީ ކިހިނެއްތޯ؟

ޙައްޖުދުވަސްވަނީ ހޮނިހިރަކަށްވީމާ ރޯދަހިފަން ޖެހޭނީ ކިހިނެއްތޯ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސުވާލު:

މިއަހަރު ޙައްޖުދުވަސްވަނީ ހޮނިހިރަކަށް. ވީމާ ރޯދަހިފަން ޖެހޭނީ ކިހިނެއް؟ މިދެންނެވީ ކުރިއަށް ދުވަހެއް ނުވަތަ ފަހަތަށް ދުވަހެއް ލާންޖެހޭނެތޯ. މިކަމުގައި އޮންނަ އެންމެ ރަގަޅުގޮތް ބުނެދެއްވުން އެދެން.

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ހޮނިހިރުދުވަސް އެކަހެރިކޮށް ރޯދަހިފުމަކީ މަކްރޫހަ ކަމެކެވެ. ޢަބްދުﷲ ބިން ބުސްރި އެކަލޭގެފާނުގެ ދައްތާފުޅުގެ ފަރާތްޕުޅުން ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ)رواه أبوداود والترمذي وابن ماجة، މާނައަކީ: "ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރްޟު ކުރެއްވި ރޯދައެއް މެނުވީ ހޮނިހިރުދުވަހު ނުހިފާ ހުށިކަމެވެ. ތިޔަބައިމީހުންކުރެ މީހަކަށް ކަދުރު އޮށެއްގެ ތޮށިގަނޑެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ލިބުނުނަމަވެސް އެދުވަހުގައި ހަފާލާ ހުށިކަމެވެ." ޔަޢްނީ ކާނެއެއްޗެއްގެގޮތުގައި ކަދުރު އޮށެއްގެ ތޮށިކޮޅެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ނޫން އެއްޗެއް ނުލިބުނު މީހާ، އެތަކެތި ކައިގެން ނަމަވެސް، ހޮނިހިރުދުވަހު ރޯދަނުހިފާހުށި ކަމެވެ.

މި ޙަދީޘްގެ ޝަރަޙާގައި -އިބްނު ގުދާމާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ތިމަންމެންގެ އަޞްޙާބުން (ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. "ހޮނިހިރުދުވަހު ރޯދަ ހިފުން މަކްރޫހަވެގެންވަނީ ނުވަތަ މަނާވެގެންވަނީ އެދުވަހު އެކަހެރިކޮށް ރޯދަހިފުމެވެ. ހޮނިހިރު ދުވަހާއި އެކު އެހެން ދުވަހެއްގައި ރޯދަ ހިފައިފިނަމަ، ނުވަތަ މީހަކު ޢާދަވެގެންހިފަމުން އަންނަ ރޯދައެއް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ- ހޮނިހިރުދުވަހު ރޯދަ ހިފިނަމަވެސް މައްސަލައެއް ނެތެވެ." (އަލްމުޣްނީ 3/52).

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. (لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه) رواه البخاري ومسلم، މާނައަކީ: "ކުރިންދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަނުހިފާނަމަ ހުކުރުދުވަހު ރޯދަނުހިފާ ހުށިކަމެވެ."

عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) رواه البخاري، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލް ޙާރިޘްގެ ކިބައިން ރިވާވެގެންވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވިހިނދު އެކަމަނާ ރޯދައަށް ހުންނެވި ކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެވެކެވެ." ޙަދީޘް ކުރެއްވިއެވެ. "މާދަމާ ރޯދަ ހިފުމަށް ގަޞްދު ކުރަން ހެއްޔެވެ". އެކަމަނާ ދެންނެވިއެވެ. "ނޫނެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަ ވިއްލާހުށިކަމެވެ.

އިސްވެދިޔަ ދެޙަދީޘުން ދޭހަވަނީ ހުކުރުދުވަހު ރޯދަ ހިފައިފިނަމަ، ހޮނިހިރުދުވަހު ރޯދަ ހިފިދާނެކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ كان َيَصُومُ يَوْمًا وَيُفْطِرُ يَوْمًا) رواه الشيخان، މާނައަކީ: "މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ދާވޫދު ޢަލައިހިއްސަލާމްގެ ރޯދައެވެ. އެކަލޭގެފާނު ދެދުވަހުން އެއްދުވަހު ރޯދަ ހިއްޕަވައެވެ." ދެދުވަހުން އެއްދުވަހު ރޯދަ ހިފާނަމަ، ހޮނިހިރު ދުވަހު އެކަހެރިކޮށް ރޯދަ ހިފޭނެއެވެ. މިއިން ދޭހަވަނީ ޢާދަވެގެން މީހަކު ރޯދަ ހިފަމުން އަންނަ ދުވަސްތަކުގެ ތެރެއިން ދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ، މިޘާލަކަށް ޢަރަފާތްދުވަސް، ނުވަތަ ޢާޝޫރާދުވަސް ފަދަ ދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ އެދުވަހެއްގައި ރޯދަ ހިފިދާނެއެވެ.

އަލްޙާފިޡް އިބްނު ޙަޖަރް އެކަލޭގެފާނުގެ ފަތްޙުލް ބާރީ އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ވަކި ދުވަހެއްގައި ރޯދަ ހިފަމުން އަންނަ މީހަކު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ، ހުކުރުދުވަހު އެކަހެރިކޮށް ރޯދަ ހިފުމަށް އޮންނަ ނަހީން އިސްތިޘްނާވާނެއެވެ. މިޘާލަކަށް ޢަރަފާތް ދުވަސް ހުކުރުދުވަހަކަށް ދިމާވުން، ނުވަތަ ޢަރަފާތްދުވަސް ހޮނިހިރުދުވަހަކާ ދިމާވުން ހިމެނެއެވެ."

ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

"ދަންނައެވެ. ހޮނިހިރު ދުވަހުގައި ރޯދަހިފުމުގެ ޙާލަތްތަކެއްވެއެވެ.

ފުރަތަމަ ޙާލަތް: ފަރްޟު ރޯދައަކާ ދިމާވުން، މިޘާލަކަށް، ރަމަޟާން މަހުގެ ރޯދަ އެއް، ނުވަތަ ގަޟާ ރޯދައެއް، ނުވަތަ ކައްފާރާ ރޯދައެއް، ނުވަތަ މިނޫންވެސް މިފަދަ ޙާލަތްތައް މެދުވެރިވެގެން ހޮނިހިރު ދުވަހު ރޯދަހިފަން ޖެހިއްޖެނަމަ އެދުވަހުގައި ރޯދަ ހިފިދާނެއެވެ.

ދެވަނަ ޙާލަތް: ހޮނިހިރުގެކުރިން އޮންނަ ހުކުރު ދުވަހުގައިރޯދަ ހިފުން، މިޙާލަތުގައި ހޮނިހިރު ދުވަހު ރޯދަހިފިދާނެއެވެ. ދަލީލަކީ: عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) رواه البخاري، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލް ޙާރިޘްގެ ކިބައިން ރިވާވެގެންވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަމަނާ ރޯދައަށް ހުންނެވިކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެވެކެވެ." ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަ ވިއްލާހުށިކަމެވެ. މި ޙަދީޘުން ދޭހަވަނީ ހުކުރުދުވަހު ރޯދަ ހިފައިފިނަމަ ހޮނިހިރު ދުވަހުވެސް ރޯދަހިފިދާނެކަމެވެ.

ތިންވަނަ ޙާލަތް: ޢަރަފާތް ދުވަސް، ހަނދުމަގުގެ 13،14،15 އާއި ދިމާވުން، ޢާޝޫރާ ދުވަސް، ޝައްވާލް މަހުގެ ހަރޯދަ، ޙައްޖު މަހުގެ ނުވަ ދުވަހުގެ ރޯދަ، ފަދަ ރޯދަ އަކާ ދިމާވުން، މިފަދަ ޙާލަތުގައި އޭނާ ރޯދަ ހިފީ ކޮންމެހެން ހޮނިހިރު ދުވަހަށް ވެގެންނެއް ނޫނެވެ. އެހެންނަމަ މައްސަލައެއް ނެތެވެ.

ހަތަރުވާނަ ޙާލަތް: ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކަށް ހޮނިހިރަކާ ދިމާވުން، އެހެންނަމަ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މައްސަލަ އެއް ނޫނެވެ.

ފަސްވަނަ ޙާލަތް: ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތް ރޯދަ އެއް ހިފުން، މިއީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތް ރޯދަ ހިފުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމެކެވެ. والله أعلم.

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.