ވެރިކަން ހިނގުމުގެ ތެރެއިން ބާރުންވެސް އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުގައި މަސައްކަތް ނުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީސަޢީދު މިހެން ގޮވާލެއްވީ މިދިޔަ ހުކުރު ދުވަހު މަސްޖިދިލް ސުލްޠާން މުޙައްމަދު ތަކުރުފާނުއަލްއަޢުޒަމްގައި ދެއްވި ހުކުރު ޚުތުބާގައެވެ.
ޝަހީމް ވިދާޅުވީ ވެރިކަން ހިނގުމުގެ ބާރުތަކުގެ ތެރެއިން ބާރަކުން ނުވަތަ، އެނޫން މިނިވަން މުއައްސަސާއަކުން ކަމުގައިވިއަސް އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުގައި މަސައްކަތް ނުކުރެއްވުމަށާއި، އެއްވެސް ފަރާތަކުން އެފަރާތަކަށް ޤާނޫނުން ލިބިދީފައިވާ ބާރާއި ނުފޫޒުގެ ބޭނުން ޒާތީ މަފާދުތަކަށްޓަކައި ޤުރުބާންކޮށް ނުލުމަށާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ޤަދަރާއި ކަރާމަތް ނެގެހެއްޓުމަށް ވެރިކަން ހިންގުމުގެ ތިންބާރުންވެސް މަސައްކަތް ކުރުމަކީ ޤައުމުގެ ޙާލުގެ ދުލުން އާދޭސް ކުރާކަމެއްކަމުގައި ވިދާޅުވިއެވެ.
އިސްލާމްދީނަށާއި ރައްޔިތުންނަށާއި ވަޠަނަށް މަންފާހުރި އެންމެހާ ކަންކަމުގައި އެއްބާރުން އަނެއްބާރަށް އެހީތެރިކަން ދެވެން އޮތް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ދެއްވުމަށް ވެސް އިޙުތިރާމާއެކު ގޮވާލަކަމަށާއި އަދި، ނުރަނގަޅު މަގުން ދާ ކަންކަން ޒިންމާދާރުކުރެއްވުމުގައި ޤާނޫނުގެ ތަރަހައިގެ ތެރެއިން މަސައްކަތްކުރެއްވުމަކީ އިޚްލާޞްތެރީންގެ ސިފައެއްކަމުގައި ޝަހީމްގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޝަހީމް ޚުތުބާގައި ވިދާޅުވެފައިވަނީ ޤައުމު ހިންގައި ކުރިއަށް ގެންދިއުމުގައި އެހީތެރިނުވާ ނަމަ ޤައުމީ މަޞްލަޙަތުތައް ފުނޑުފުނޑުވެ، ކަންކަން ފަސާދަވެ، އިޞްލާޙުގެ މަގަށް ހުރަސް އެޅި، ޤައުމުގެ އިޖުތިމާޢީ އުޞޫލުތައް މުގުރި، މުޖުތަމަޢުގެ ސަފުތައް ރޫޅި، ވިއްސިވިހާލިވެގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށާއި މިއީ ޤައުމަށް ހެޔޮއެދޭ އިޚްލާޞްތެރި އެއްވެސް ބަޔަކު އެދޭނެކަމެއްނޫން ކަމުގައިވެސް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.
ޝެއިހް ޝަހީމް ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ 'ޤައުމެއްގެ އުފާވެރިކަމާއި ބާއްޖަވެރިކަން ޤާއިމުވެފައި އޮންނާނީ އެޤައުމެއްގައި އޮންނަ އަމަންއަމާންކަމާއި އިސްތިޤުރާރެއްގެ މައްޗަށްކަމަށާއި އެޤައުމަކުން އަމަންއަމާންކަމާއި ހަމަޖެހުން ގެއްލިޖެ ކަމުގައިވަނީ ނަމަ، އެޤައުމަކުން އުފާފާގަތިކަން ގެއްލި އަމާންކަން، ނާމާންކަމަށް ބަދަލުވެ، ނިޔާވެރިކަން، އަނިޔާވެރިކަމުގެ ތެރެއަށް ގެނބި، ޤައުމުގެ ވެރިކަމުގެ ކިޔާނު ފުނޑުފުނޑުވެ، ވަޙުދަތާއި އިސްތިޤުލާލުގެ ކިއްލާގައި ރެނދުއަޅައި، އިޤުތިޞާދީ ނާރުތައް ބުރިބުރިވެ، މިނިވަންކަމުގެ ތަނބުތައްވެއްޓި، ތަޅާފޮޅުމާއި، ލޭ އޮހޮރުވުމާއި، ފަޤީރުކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއަށް އިސާހިތަކު އެޤައުމެއް ޣަރަޤުވެގެން ހިނގައިދާނެކަމަށާއި މިހެން ވެއްޖެ ނަމަ، ދެން އަލުން އެނބުރި އަމާންކަމުގެ ސާޙިލަކަށް، ބާއްޖަވެރިކަމުގެ ބައްރަކަށް، ވާޞިލުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމުގައި'ވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...