ދިއިސްލާމް ބޫން ބޫން ލާފަ... އައި. ސީ. ޔޫ އަށް ނިމޭ ދަތުރު!

ބޫން ބޫން ލާފަ... އައި. ސީ. ޔޫ އަށް ނިމޭ ދަތުރު!

ބޫން ބޫން ލާފަ... އައި. ސީ. ޔޫ އަށް ނިމޭ ދަތުރު!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

"ބޫން ބޫން ..." މިބަހަކީ ދާދިފަހުން ރައްޔިތުންގެ މަޖްލީހުގައި ހިނގާދިޔަ ހާދިސާއަކަށް ފަހު އަޅުގަނޑުމެންގެ ތެރެއަށް އިތުރު ބާރެއް ލާފައި އާންމުވެގެން ދިޔަ ބަހެކެވެ. ނަމަވެސް "ބޫން ބޫން" މި ބަސް އަޅުގަނޑު ގުޅުވާލާ ހިތްވަނީ ރައްޔިތުންގެ މަޖްލީހަކާ ނޫނެވެ. ސީީދާ ގޮތުންނާ ނުސީދާ ގޮތުން މިބަހަކީ އަޅުގަނޑުމެންގެ މުޖްތަމަޢައާ ގުޅިފައިވާ ބަހެކެވެ. އެހެންކަމުން އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާ ކޮއްލަން ގަސްތުކުރާ ބޮޑު މަންޒަރާ މިބަހާ ގުޅުން ހުރީ ކިހާވަރަކަށްތޯ ބަލާލަމާ ހިންގަވާށެވެ.
ދިވެހި ރާއްޖޭގެ ވެރިރަށް މި ކުޑަ ކުޑަ މާލެޔަކީ ތޮއްޖެހި ފުރި ބާރުވެފައިވާ ތަނެކެވެ. މީހުން އެހާ ގިނައެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރު އެހާ ގިނައެވެ. އާންމުކޮށް މީހުން އެއްތަނުން އަނެއްތަނަށް ދިޔުމަށް ބޭނުން މިކުރަނީ ސައިކަލެވެ. އަދި ޓެކްސީ އެވެ. މި މާލޭގައި އަށާރަ އަހަރުން މަތީގެ ކޮންމެ ދެ ފިރިހެނުންކުރެ އެކަކީ ސައިކަލު ދުއްވާ މީހެކޭ ދެންނެވުމީ އަޅުގަނޑު ހިތުން ދޮގަކަށް ނުވާނެއެވެ. އެއްގަމު އުޅަނދުފަހަރާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ބުނާގޮތުން ސައިކަލު ދުއްވުން ހުއްދަ އެންމެ މަތީ ސްޕީޑަކީ 25 ކިލޯމީޓަރެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިއަށްވުރެ ބާރަށް ދުއްވަން ޖެހުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. ނަމަވެސް އެފަދަ ހާލަތްތައް ހަމަގައިމުވެސް ޤާނޫނުން އިސްތިސްނާވެގެން ނުވެއެވެ. މިސާލަކަށް ، އޮފީހަށް ދާން ގަޑިޖެހޭތީ ބާރުބާރަށް ދުއްވާފައި ދިއުމެވެ.
ތިމާ ބޭނުންވާ ކަންކަން އަވަހަށް ކޮށް ނިންމާލުމަކީ އިންސާނީ ތަބީއަތުގައިވެސް ހުންނަ ކަމެކެވެ. އަވަސް، އަވަސް މިބަހަކީ ދިވެހިންގެ އަތްމަތީ ބަހެކެވެ. މުވައްސަސާތަކަށް ޚިދުމަތް ލިބިގަންނަން ދާ މީހުންނަށް ނަޒަރު ހިންގާލަމާ ދެއްތޯއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އަވަސް ޚިދުމަތެކެވެ. ނަމަވެސް އެފަދަ ތަންތަނަށް ބާރު ބޮޑުވެގަންނަނީ ގާތްގަނޑަކަށް ގަޑިން 11 ނުވަތަ 12 ޖެހީމައެވެ. އާދެ، އޮފީސްތަކުގެ މަސައްކަތު ގަޑި ނިމޭ އަތަށް އަޅާލީމަ އެވެ. ނުވަތަ އެކަމެއް ކުރުމަށް އޮންނަ އެންމެ ފަހު ވަގުތުގައެވެ. މިފަދަ އާދަޔާ ޙިލާފު ހާދިސާއެއް 31 އޮކްޓޯބަރު 2011 ވަނަ ދުވަހު ހިނގާދިޔައެވެ. ފާއިތުވި އަހަރު ކުންފުނިތައް ހިނގައި ދިޔަގޮތުގެ އަހަރީ ރިޕޯޓު މިއަހަރު ހުށަހަޅަން އޮތް އެންމެ ފަހު ދުވަހަކީ 31 އޮކްޓޯބަރެވެ. ބޮޑު ސިޓީ އުރަތަކެއް އަތަށް ލައިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެތެރެއާއި ބޭރުގައި މީހުން ފުރިބާރުވެފައި އޮތްއިރު މަންޒަރު ސިފަވެގެންދިޔައީ މުޒާހަރާއަކަށް ބަޔަކު ތައްޔާރުވެފަތިބިހެންނެވެ. މީގެ އިތުރަށް ފާހަގަކޮއްލަންޖެހޭ ތަންކޮޅަކީ، ކިޔުގައިތިބި އެންމެނަށް ޚިދުމަށްދީ އެދުވަހު އޮފީސްގަޑި އެ މިނިސްޓްރީން ނިންމާފައިވަނީި ރޭގަނޑު ގަޑިން 10 ވެސް ޖެހި ފަހުން ކަމަށްވުމެވެ. މީގެ ބަދަލުގައި ކުރީބައިގައި މީހުން ގިނަ ނުވަނީސް ނުވަތަ ވަގުތު ކުޑަތަންވުމުގެ ކުރިން ބޭނުންވާ ޚިދުމަތެއް ލިބިގަންނަން ވަޑައިގެންނެވޭ ނަމަ ތިން ހަތަރު ގަޑިއިރު ވަންދެން ފަހާފޮށީގެ ދަތްގަނޑު ހެން ދެފައި ތަޅުވާލަ ތަޅުވާލާ އިންނަން ނުޖެހި ސަލާމަތް ވާނެކަން ޔަޤީނެވެ. އަދި ބޫން ލާފައި އެ ޚިދުމަތް ހޯދަން ސައިކަލު ނުވަތަ ކާރު ދެން ދެން އުދުހިގަންނަން އުޅޭހެން ހީވާ ފަދަ ބާރު މިނުގައި ދުއްވާފައި ދާކަށް ނުޖެހޭނެ އެވެ.
އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެޔާޕޯޓުން ބޮޑެތި މަތިންދާބޯޓުތައް ޖައްވުގެ ތެރެޔަށް ބޫން ބޫން ލާފައި އަރައިގަންނަ ފަދައިން މަގުމަތީގެ ހަމަތަކާ ޤަވާއިދު ތަކަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. ޚާއްސަކޮށް ނޫކަށިފުރައިގެ ޒުވާނުންގެ މެދުގައި މިކަމަކީ ވަރަށް ވެސް އާންމު ކަމެކެވެ. ދެން އޮތީ " ޒިބްރާ ކްރޮސް" ނުވަތަ ކަފިހި ހުރަހާއި މަގުމަތީ ހިންގަވާފަ އުޅުއްވާ ބޭފުޅުންގެ ވާހަކަ އެވެ. އެއްގަމު ދުއްވާ އުޅަނދުފަހަރާ ބެހޭ ޤަވާއިދު ބުނާގޮތުން ނަމަ " ޒިބްރާ ކްރޮސް" މަތީގައި މީހަކު މަގުހުރަސް ކުރަމުންދާ ހިނދު ދުއްވާފައި އަންނަ އުޅަނދުފަހަރު މަޑުކުރަން ޖެހޭނެއެވެ. މިކަން ނޭގޭ އެއްވެސް މީހަކު ހަމަ ގައިމުވެސް "ޑްރައިވިން ޓެސްޓަކުން" ފާހެއް ނުވާނެ އެވެ. ނަމަވެސް މިގޮތަށް މަގު ހުރަސް ކުރާ މީހާ އަށް ޖާގަ ދިނުމުގެ ގޮތުން ތިމާ ދުއްވަމުންދާ ސައިކަލު ނުވަތަ ކާރު މަގު ހުރަސް ކުރާ މީހާ މަގު ހުރަސްކޮށް ނިމެންދެން މަޑު ކުރަނީ ކިތައް މީހުން ބާއެވެ؟ ތިޔަބޭފުޅާ އަކީ ސައިކަލު ނުވަތަ ކާރު ދުއްވާ މީހެއް ނަމަ މިކަން ތަޖުރިބާ ކޮށްލުމުގެ ގޮތުން " ޒިބްރާ ކްރޮސް" އެއްގެ މަތިން މަގު ހުރަސްކޮށް މިކަން އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ. މިފަދަ ދަނޑިވަޅެއްގައި ފައިމަގުގައި ނުވަތަ ހިންގަވާފައި އުޅުއްވާ ބޭފުޅުންގެ ވާހަކަ ނުދައްކާ ދޫކޮށްލުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެއެވެ. އާދެ، މަގު ހުރަސް ކުރުމަށް ޓްރެފިކް ލައިޓުގައި މަޑުކޮށްގެން ތިބޭ މީހުންވެސް މަގު ހުރަސް ކުރަންވީ ވަގުތު ޖެހިއްޖެކަން އަންގައިދޭ ފެހި ސިގްނަލްގައި މަގު ހުރަސް ކުރުމަކީ ވަގުތުގެ ގޮތުން ފަހަރުގައި ދަތިވެދާނެ ކަމެކެވެ. ނަމަވެސް ހަމަ ޔަޤީނުން ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން މަޖުބޫރު ފިޔަވަޅެކެވެ.
ހިތްހަމަ ޖައްސާލަން ބުރެއް ޖަހާލަން ނުވަތަ އެހެންވެސް ބޭނުމަކު ސައިކަލަށް އަރައިގެން މަގުމައްޗަށް ނުކުންނަ އެއްވެސް މީހަކު އައި.ޖީ.އެމް ހޮސްޕިޓަލުގެ އައި ސީ ޔޫއަށް ނުވަތަ އިމަޖެންސީ އަށް އެދަތުރު ނިންމާލަން ބޭނުންވާނެތޯއެވެ؟ ހަމަ ގައިމުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ހިތާމަޔަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓު ތަކުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަނިޔާވެ އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަމެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާތު ހިސާބުތަކަށް ބަލާ އިރު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް މިބާވަތުގެ 1708 މައްސަލަ މާލެއާއި ހުޅުމާލެއިންް ހުށަހެޅިފައިވެއެވެ. 2010 ވަނަ އަހަރު މުޅި ރާއްޖެއިން ހުށަހެޅުނު އެކްސިޑެންޓުތަކުގެެ އަދަދަކީ 2350 އެވެ. އެހެންކަމުން މިއަހަރުގެ ނިޔަލަށް މުޅި ރާއްޖެއިން ރިޕޯޓްކުރެވޭ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ކަންމިހެން ހުރުމާއެކު، މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ހެދިފައިވާ މަގުމަތީގެ ޤަވާއިދުތަކަށް އެންމެންވެސް ބޯލަނބައި މަގުމަތީގައި ހިނގާ މިފަދަ ނުރައްކާތެރި، ހިތާމަވެރި ހާދިސާތައް މަދުކޮށް މަގުމަތީގައި އަމާންކަން ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު އަދިވެސް ނުޖެހޭތޯ އެވެ؟ ބޫން ބޫން ލާފައި ގޮސް އައި. ސީ. ޔޫ.އަށާއި ޤަބުރުސްތާނަށް މި ނިމޭ ދަތުރުތަކާމެދު ހޭލުންތެރިވާންވީ ވަގުތު އަދިވެސް ނުޖެހޭތޯ އެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.