ޔުނެސްކޯގެ ދާއިމީ މެމްބަރަކަށް ފަލަސްތީނު ހެދުމާމެދު މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގައި ދިވެހި ސަރުކާރުން ބައިވެރިނުވެވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ވަރަށް ބޮޑު ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސާކް ސަމިޓަށް އައްޑޫ ސިޓީ އަށް ވަޑައިގެންނެވުމުގެ ކުރިން، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހިނގީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނަށް އަރާވަޑައިގެންނެވި އޮޅުމަކުން ކަމަށާއި ބަލަންވާ ވަރަށް ނުބެލިގެން ކަމަށެވެ.
"އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަނަށް ވޯޓުލާންވީ ދުވަހުގައި އެތަނުގެ ޖަލްސާގައި ބައިވެރިވާންވީ ގަޑިތަކާއި، އެބާވަތުގެ އޮޅުންތަކެއްގައި ހަގީގަތުގައި ވޯޓުގައި ބައިވެރިނުވެވި އޮތީ. އެއީ ވަރަށް ބޮޑު ދެރައެއް. ވަރަށް ބޮޑު ހިތާމައެއް. އެއީ އޮޅުމެއް. އެހެންވީމާ [އެޑިއުކޭޝަން] މިނިސްޓަރު އަރިހު އަޅުގަނޑު އެދިފައި އޮންނާނެ ދިވެހި ސަރުކާރާއި ދިވެހިރާއްޖޭގެ ރައްޔިތުން އެ ވޯޓުގައި ބައިވެރިވާ ކަމަށް... އެއީ އަޅުގަނޑުމެން ދޭން ބޭނުންވާ ވޯޓެއް ކަމަށް އަލުން އަނބުރާ ޔުނެސްކޯ އަށާއި ކަމާގުޅޭ ފަރާތްތަކަށް ސިޓީފުޅަކުން ދަންނަވައި ދެއްވާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު އެ ގޮތަށް އެ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
އދ. ގެ ތަޢުލީމާ ސައެންސާ އަދި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ، ޔުނެސްކޯގެ މި ކޮންފަރެންސަށް ރާއްޖެއިން ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު އާއި، އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޢަބްދުﷲ ނަޒީރު އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު މިކަމާ ގުޅޭގޮތުން ކުރިން މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، ޔުނެސްކޯގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު ވަޑައިގެންނެވި ނަމަވެސް ޔުނެސްކޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނީ މުހިންމު ކަމެއްގައި އެނބުރި މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ޖެހުމުންނެވެ.
ޑރ. ނަޒީރު މިކަމާ ގުޅޭގޮތުން މީޑިއާ އަށް ވިދާޅުވެފައި ވަނީ ޔުނެސްކޯގެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ވެސް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޟިރުވާގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ. އެހެންކަމުން ޔުނެސްކޯގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފްރާންސަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއާ މަޝްވަރާކުރެއްވި ކަމަށާއި، އެކަމަކު ފަރަހަނާޒް ވެސް އޮސްޓްރޭލިއާގެ ޕާތުގައި ހުންނެވުމުން އެ ބައްދަލުވުމަށް ވަޑައިނުގެންނެވުނީ ކަމަށް ނަޒީރު ވިދާޅުވެފައި ވެއެވެ.
އަދި މިނިސްޓަރު ޝިފާ ރާއްޖެ ވަޑައިގަންނަވަން އޮތް ދުވަހަށް ޓިކެޓް ހަމަނުޖެހުމަކީ ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނު ސަބަބެއް ކަމަށް ނަޒީރު ވިދާޅުވި އެވެ.
"ވޯޓު ނެގިއިރު އަޅުގަނޑުމެން ބައްދަލުވުމުގައި ވެސް ނެތިން. މިކޮޅަށް [ރާއްޖެ އަށް އައުމުގެ] ދަތުރުމަތީގައި ތިބީ. އެކަމަކު ފަލަސްތީނު ޔުނެސްކޯގެ މެމްބަރަކަށް ހެދުމަށް ތާއީދުކޮށް ކުރެވެން އޮތް މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިން" ނަޒީރު މީޑިއާ އަށް ވިދާޅުވެފައި ވެއެވެ.
ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި އިދާރާގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 107 ޤައުމަކުން ފަލަސްޠީނަށް އެއްކޮޅަށް ތާއީދުކޮށް ވޯޓުދީފައިވާތީ، މިހާރު ފަލަސްތީނު ވަނީ އެ ޖަމްޢިއްޔާގެ ދާއިމީ މެމްބަރަކަށްވެފައެވެ.
މި ވޯޓަށް އެއްގޮތަކަށް ވެސް ޙާޟިރު ނުވެފައި ވަނީ 20 ޤައުމެއްގެ ސަރުކާރުންނެވެ. ޙާޟިރުވި ނަމަވެސް، 52 ޤައުމަކުން މިވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއެވެ. ފަލަސްތީނާ ދެކޮޅަށް ވޯޓުދީފައިވަނީ 14 ޤައުމަކުންނެވެ. އޭގެ ތެރޭގައި އިޒްރޭލް، އެމެރިކާ، ޖަރުމަން، ސްވިޑްން، އަދި ނެދަލޭންޑް ހިމެނެއެވެ.
ފަލަސްތީނާ އެއްކޮޅަށް ވޯޓު ދިނުމުގައި ބައިވެރި ނުވުމުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ މިކަން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު 3 ޕާޓީއަކުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. މިވޯޓުގައި ބައިވެރިނުވީ ސަރުކާރުން ޒަޔަނިސްޓު ޚިޔާލުތަކަށް ތާއީދު ކުރާތީ ކަމަށް ޑީއާރުޕީން ބުނެފައިވާއިރު، ޕީޕީއެމް އިން ބުނީ އެފަދައިން ސަރުކާރުން ކަންތައްކުރީ އެކި ފަރާތްތަކުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. ޢަދާލަތުން ބުނިގޮތުގައި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމަކީ ސަރުކާރުން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލަން ޖެހޭވަރުގެ ކަމެކެވެ.
ދިވެހިން ތިބޭނީ ފަލަސްތީނާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށް ދިވެހި ސަރުކާރުގެ ހާރިޖިއްޔާ އިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައި ވެއެވެ.
ވިކިލީކްސްގެ އިން މީގެ ކުރިން ލީކުކޮށްލާފައި ލިޔުމެއްގައި ބުނާ ގޮތުގައި، ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ހައިކޮމިޝަނަރ އަލީ ޙުސައިން ދީދީ އާއެކު އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، އިޒްރޭލާ ދެކޮޅަށް އދ. އިން ފާސްކުރަން އުޅުނު ޤަރާރަކަށް ރާއްޖެއިން ތާޢީދުނުކުރުމަށް އެމެރިކާ އިން އެދިފައި ވެއެވެ. އެލިޔުމުގައި ވާގޮތުގައި އަލީ ޙުސައިން ދީދީ ވިދާޅުވެފައި ވަނީ ޤަރާރަށް ވޯޓް ދިނުމާ މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންގެންދާ ކަމަށެވެ.
އަދި މި ޤަރާރާމެދު ދިވެހިރާއްޖެ އިން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް، ވަކި ކޮޅަކަށް ވޯޓް ނުދިނުން، ނުވަތަ ވޯޓުގައި ބައިވެރިނުވުން ކުރެ އެއްގޮތަކަށް ޢަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެއާ އިޒްރޭލާ ދެމެދު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކޮށް ޢަލީ ޙުސައިން ވިދާޅުވި ކަމަށް ވިކިލީކްސްގެ އެލިޔުމުގައި ވަނީ "ރަނގަޅު ގޮތެއް ވާނެ" ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...