ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ސްޓަޑީޒް ފެކަލްޓީގެ ދަރިވަރުންނަށް، އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން މަޢުލޫތުދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުގެ 14:00 ން 17:00 ށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ މި މިނިސްޓްރީގެ ނާއިބު އައްޝައިޚް މުޙައްމަދު ފާރޫޤުއާއި، އައްޝައިޚް ޢުޘްމާން ޢަބްދުﷲ އާއި އެ މިނިސްޓްރީ މުޝްރިފު މުސާޢިދުން ކަމުގައިވާ އައްޝައިޚް ޙަސަންތައުފީޤު ޢަބްދުއްރަޙްމާނާއި، އައްޝައިޚް ޢިއްޒުއްދީން ޢަދުނާނާއި، އަލްއުސްތާޛާ މަރްޔަމް ޝަބާނާ އަދި މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޒަކާތް ނެރުމާއި ޒަކާތް ބެހުމުގެ އުޞޫލުތައް ހަމަޖެހިފައިވާ ގޮތާއި، ހުކުރު ކުރުމުގެ ހުއްދަދިނުމާއިބެހޭ އުޞޫލުތައް ހަމަޖެހިފައިވާ ގޮތާއި، ޚުޠުބާލިޔުއްވުމާއި، ދީނީ ވަޢުޡުބުނުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި ރަމަޟާންމަހުގެ ހަނދާއި، ފިޠުރު ޢީދުގެ ހަނދު ސާބިތުކުރުމުގެ މަސައްކަތާއި، ހިޖުރީ ކަލަންޑަރާ ބެހޭ މަޢުލޫމާތު އެކުލަވާލުމުގައި ފަލަކީ ކޮމެޓީން ހަމަޖައްސާފައިވާ އުޞޫލުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...