
އެމްޑީޕީން މިމަހު 20 ވަނަ ދުވަހު ސުޕްރީމް ކޯޓު ކުރިމަތީގައި ބޭއްވި މުޒާހަރާގެ ތެރެއިން – ފޮޓޯ : އިބްރާހީމް އަޝްވާޤް / ދިއިސްލާމް
މިމަހު 20 ވަނަ ދުވަހު ސުޕްރީމް ކޯޓާއި އެންދެރިމާގޭ ހުންނަ ސަރަހައްދަށް ބަޔަކު އެއްވެ ކުރި މުޒާހާރާއާ ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނޫސް ބަޔާން ނެރެފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރަނގަޅަށް ފުލުހުންގެ ފަރާތުން ސާފުނުކޮށް ފުލުހުންގެ ބަހެއް ހޯދުމެއްނެތި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލހުންގެ މުއައްސަސާ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާއި މެދު އުފެދޭ ޝަކުވާތަށް އިންސާފުވެރިކަމާއެކު ބަލާ ތަޙްޤީޤްކުރުމަށް އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ވީހިނދު މިބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރެވޭގޮތާއި ޚިލާފަށް މައްސަލަ ތަޙްޤީޤް ފުރިހަމަ ނުކުރެވެނީސް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމުގައި މީޑިއާގައި ފަތުރަމުންގެންދާ ދޮގު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މިފަދަ ގޮތަކަށް ނޫސް ބަޔާން ނެރުމަކީ ފުލުހުން ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.
"ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ތަކުރާރުކޮށް ދޮގު މަޢުލޫމާތު ފަތުރަމުންދާ" ކަމަށް ބުނެ ފުލުހުން ނެރެފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ މިމައްސަލައާ ގުޅުވައިގެން ސިޔާސީ ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ބިރު ދައްކާ ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ ކަންތައްތަކާ ގުޅުވައިގެން އެއްވެސް ފަރާތަކުން ސިޔާސީ ނުފޫޒު ބޭނުންކުރާނެކަމުގެ ބިރު ފުލުހުންނަށް ދެއްކުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.
އަދި ކޯޓު ސަރަހައްދުން ދިޔަ ބައެއް މީހުން މ. އެންދެރިމާގެ ސަރަޙައްދަށް ދިޔަ ވަގުތު އެސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، މިހަމަނުޖެހުމުގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެ، ބައެއް ގޭގެއާއި ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
ފުލހުން ބުނީ، އެދުވަހުގެ ޝަރީއަތުގެ އަޑުއެހުން ފުރިހަމަކުރެވޭވަރަށް ސެކިއުރިޓީ ފޯރުކޮށްދޭން ސުޕްރީމް ކޯޓުން އެދިފައިވުމާއެކު، އެވަގުތު އެސަރަހައްދަށް ވަތް މީހުން، ބާރު ގެ ބޭނުންކޮށްގެން ނުވަތަ ހައްޔަރުކޮށް ދުރަށް ގެންދަން މަސައްކަތްކޮށްފިނަމަ އެތަނުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށެވެ. އަދި ޝަރީއަތުގެ އަޑުއެހުމަށް އެކަމުގެ އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ ފުލުހުން މަސައްކަތްކޮށްފައި ވާނީ އިތުރު ބަޔަކު ކޯޓު ސަރަހަށްދަށް ވަނަނުދީ އަޑުއެހުން ނިމެންދެން ކޯޓުގެ ތެރެއަށް އެއްވެސް ބަޔަކަށް ނުވަދެވޭނޭހެން އެ ސަރަހައްދު ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓު ކުރިމަތީގައި ބޭއްވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށާއި ފުލުހުން އެ ދުވަހު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާ އެއްގޮތަށް، ހަމަހަމަކޮށް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރއޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވަނީ މިހާރު ފުލުހުން އަމަލުކުރާގޮތާ މެދު ދާދިފަހުން ވަރަށް ބޮޑަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ ގާނޫނު ނަގަހައްޓާ، ދަމަހައްޓަންތިބި އެންމެ އިސްފަރާތަކީ ގައުމުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް ކަމަށާއި، އެފަރާތްތަކުން ސިޔާސީ ގޮތުން އަންނަ އޯޑަރުތަކަށް ތަބާވެ، އެއަމުރުތަކަށް އަމަލުކުރުމަކީ ގާނޫނު އެއްފަރާތްކޮށް ގާނޫނު މުގުރާލުން ކަމަށެވެ.
ރިޔާޒް ވިދާޅުވެފައި ވަނީ ފުލުހުންގެ ލީޑަރޝިޕު އޮތީ ފެއިލްވެފައި ކަމަށާއި، ފުލުހުންނާ މެދު އިތުބާރު ކުޑަވަމުންދާ ދަނޑިވަޅެއްގައި ކުށްވެރިން ދޫކުރާނެކަމަށް ބުނެ ތަފާތު އެކިއެކި ބަޔާންތައް ނެރުމާއި ވަކިބަޔަކު މުޒާހަރާކުރާއިރު، އެތަނުގައި ހަރާކާތްތެރިވުމުން ފުލުހުންގެ އޮފިސަރުންނަށް ރޭންކު ލިބުން ފަދަ ކަންތައްތައް މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ގާނޫނުގައި ލިޔެފައިވާ އުސޫލުތަކާ ޚިލާފަށް ސަރުކާރުން ނުފޫޒާއި ބާރު ފޯރުވާނަމަ އަބުރުވެރިކަމާއެކު ފުލުހުންގެ އިސްވެރިން އިސްތިއުފާދެއްވުމަކީ އެންމެ ރީތިގޮތް ކަމަށެވެ.
ފުލުހުންގެ އެންމެ އިސް ލީޑަޝިޕަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހަކާ ބެހޭ ގޮތުން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެކަށީގެންވާ ގޮތަކަށް އެ މައްސަލައެއް ކުރިއަށް ނުދާކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވަނީ ވިދާޅުވެފަ އެވެ.
އަދި އެމްޑީޕީން އިސްނަގައިގެން މުޒާހަރާއެއް ބާއްވައިފިއްޔާ އެ ރޫޅާލެވޭ ކަމަކަށް ނުވާ ކަމަށާއި، ޖުޑީޝަރީއާއި ސުޕްރީމް ކޯޓު އެއީ މުޒާހަރާކުރުން މަނާ ތަންތަން ކަމަށްވާއިރު، ސަރުކާރާއި އެމްޑީޕީގެ ހުރިހާ އިސްބޭފުޅުން އެތާނގެ ދޮރުމަތީގައި އެތުރިގެން، އެތަނަށް ފުޅި އާއި އޭތި މީތި އުކަމުން ދިޔައިރު ވެސް އެކަން ފުލުހުންނަށް ނުހުއްޓުވުނު ކަމަށް ތަސްމީނު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...