ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ އަފުރާޝީމު ޢަލީ ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭ ބައެއް ކަންތައްތަކަކީ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ ޢިލުމްވެރިން ކަންބޮޑުވެ ވަޑައިގަންނަވާ ކަންތައްތަކެއް ހިމެނޭ ބިލެއްކަމަށް އިސްލާމިކް އެފެއަރޒު މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިގޮތައް ހާމަކޮށްފައިވަނީ މިކަމާއި ބެހޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. މިނޫސްބަޔާނުގައި ހާމަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ބޭނުންތެރި ބިލެއް ކަމަށާއި އެހެންނަމަވެސް މިބިލުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ރާއްޖޭގެ ބައެއް ޢިލްމުވެރިން ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް ހިމެނޭ ކަމަށް ހާމަކުރައްވާފައިވެއެވެ.
މިބިލުގައި މުދިމުންނާއި އިމާމުންފަދަ ބައެއް މީހުން އަޅުކަން ކުރުމުގައި ތަބާވާންޖެހޭނީ ޝާފިޢީ މަޒުހަބަށް ކަމަށް ޤާނޫނުން ލާޒިމްކުރާގޮތަށް ހިމެނޭ ކަމަށާއި، އިސްލާމް ދީނަކީ ޢިލްމުވެރިންނަށް އިޖްތިހާދުކުރުމުގެ ފުރުޞަތު އޮތް އަދި އިލްމު ތަނަވަސްވެގެންވާ ދީނަކަށްވީ ހިނދު މިފުރުޞަތު ޤާނޫނަކުން ހަނިކުރުމަކީ އިސްލާމީ ރޫޙާ ޚިލާފުކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
މިނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ މި ބިލަށް އިތުރުކުރަންޖެހޭ ކަންތައްތަކާއި، އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެހެންކަމުން ބިލުގެ ކޮމެޓީ މަރުޙަލާގައި އެކަންތައްތަކަށް ރިޢާޔަތްކޮށް ފުރިހަމަ ބިލަކަށް މިބިލް ހެދުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައްވާކަން މިނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...