އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގައި މަޝްހޫރު ބްލޮގާރ ހިއްލަތު ރަޝީދު ޑްރަގް އޯވާރޑޯޒްވެގެން ފަޅު ރަށެއްގައި ހޭނެތިފައި އޮއްވާ ފެނިއްޖެކަމަށް ދިއިސްލާމް އަށް ހަބަރު ލިބިއްޖެއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި ރޭ 6 ޖަހާކަން ހާއިރު ހިއްލަތު ރަޝީދު ވަނީ ފަޅުރަށެއްގައި ޑްރަގް އޯވާރޑޯޒްވެގެން 'ދެމިފައި' އޮއްވާ އުނގޫފާރު ހޮސްޕިޓަލަށް ގެނެސްފައެވެ. މިކަން އުނގޫފާރުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ހިއްލަތު ރަޝީދުގެ އަމިއްލަ ބްލޮގްގައި ދާދިފަހުން ލިޔެފައިވާގޮތުގައި ވަރަށް ގާތް ރައްޓެއްސަކު އޭނާގެ 'ރެސްކިއު'އަށް އައިސްފި ކަމަށާއި ވަރަށް އަވަހަށް މީހުން ނޫޅޭ ރަށަކަށް ފުރާނެކަމަށާއި ފަހަރެއްގައި އަނބުރާ ނާންނާނެ' ކަމަށެވެ.
މުއުތަބަރު ގޮތެއްގައި ހަބަރު ލިބިފައިވާގޮތުގައި ހިއްލަތު ގޮސްފައިވަނީ ރ އަތޮޅުގައި އޮންނަ ފަޅު ރަށެއްކަމުގައިވާ 'ފުރަވެރި' ކިޔާ ރަށަކަށް ކަމާއި އޭނާ ހޭނެތިފައި އޮއްވާ ފެނުނީ އޭނާ އެދުވަހު މެންދުރު ކާން ނައިސްގެން ހޯދަމުން ދަނިކޮށްނެވެ. ހަބަރު ލިބޭގޮތުގައި ހިއްލަތު ހޭނެތިފައި އޮއްވާ ފެނުނީ އެފަޅުރަށުގެ އުތުރު ފަރާތު ހޭޅިފަށުގައެވެ. ހިއްލަތު ރަޝީދު 'ހަބަރު ހުސްވެފައި' ވަނީ 'މަސްތުވެގެން'ކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ.
"އަޅުގަނޑުމެންނަށް އެއީ ކޮން ބާވަތެއްގެ ޑްރަގެއްކަން ޔަގީންވާނީ މާލެ ގެނެސް ލެބޯރެޓެރީ ޓެސްޓުތައް ހެދުމުން. ޑޮކްޓަރު ވަނީ ޔަގީންކަން ދީފައި އޭނާ އޯވާރޑޯޒް ވެފައިކަން." ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ 'ހަވީރު' ނޫހުގެ މިއަދުގެ އަދަދުގައި ލިޔެފައިވެއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި މިއަދު 11 ޖެހިއިރު ހިއްލަތު ރަޝީދުގެ ދެއަތުގައި ބިޑިއަޅުގައިގެން އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ވަނީ ގެންގޮސްފައެވެ.
ހިއްލަތު ރަޝީދު އަކީ ފަހުގެ ތާރީހުގައި އިސްލާމް ދީނަށް ފާޅުކަންބޮޑުގޮތެއްގައި ހަޖޫޖަހަމުންދާ ލިޔުންތެރިޔެކެވެ. އޭނާ އާއި ބެހޭ ޝަކުވާ އެތައް ބަޔަކު ވަނީ އިސްލާމިކް މިނިސްޓްރީއަށް ހުޅައަޅާފައެވެ. ފޭސްބުކް މެދުވެރިކޮށްވެސް ހިއްލަތުގެ 'ލާދީނީ' ވާހަކަތަކާއި ދެކޮޅަށް ދަނީ ގިނަ ބަޔަކު ދެކޮޅުހެދުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ޝެއިހުންނާއި ރާއްޖޭން ބޭރުގެ ދާޢީންނަށް ފުރައްސާރަކޮށް ތަފާތު ލިޔުންތަކާއި ކޮމެންޓް ލިޔަމުން އަންނަ ހިއްލަތު ރަޝީދު ވަނީ ދާދިފަހު ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ބާއްވަމުން އަންނަ 'ދަކޯލް' އިވެންޓަށްވެސް މިދިޔަ އަހަރާއި މިއަހަރު ފާޅުކަން ބޮޑުގޮތެއްގައި ދެކޮޅަށް ލިޔުންތައް ލިޔެފައެވެ.
ހިއްލަތު ބޮލުގެ ސްކްރީން ޝޮޓެއް


ކޮމެންޓް (0)
ލޯޑް ކުރަމުން...