ރާއްޖޭގެ ޚަބަރު ޝައިޚް ނަސްރުﷲ އެމް.ޑި.ޕީއަށް ސޮއިކުރިކަން އެމްޑީޕީއިން ކަށަވަރު ކޮށްދީފި

ޝައިޚް ނަސްރުﷲ އެމް.ޑި.ޕީއަށް ސޮއިކުރިކަން އެމްޑީޕީއިން ކަށަވަރު ކޮށްދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މަސްޖިދިލް މުޙައްމަދު ބިން އަބުދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައި ރޭގަނޑު އިޝާނަމާދައްފަހު ދަރުސްދެމުންގެންދާ ނަސްރުﷲ މުސްޠަފާ އެމް.ޑީ.ޕީއަށް ސޮއިކޮށްފިކަން އެމްޑީޕީއިން ކަށަވަރު ކޮށްދީފިއެވެ.

ޝައިޚް ނަސްރުﷲ މުސްޠަފާ އެމް.ޑީ.ޕީއަށް  ސޮއިކޮށްދެއްވިކަން ކަށަވަރުކޮށްދެއްވަމުން އެމް.ޑީ.ޕީގެ އަމީން ޢާއްމު އަހުމަދު ޝާހު ވިދާޅުވީ 'ޝައިޚް ނަސްރުﷲ އަކީ ވަރަށް ތައުލީމީ ބޭފުޅެއްކަމަށާއި، އަދި ވަރަށް ކަމަށް ޤާބިލު ބޭފުޅެއްކަމަށް.' އަހުމަދު ޝާހު ވިދާޅުވިއެވެ.

ޝައިޙު ނަސްރުﷲވަނީ މީގެކުރިން ސިޔާސީ ޕާޓީގައި ޚަރަކާތްތެރިވުމަކީ އިސްލާމު ދީނުގައި އޮތްކަމެއް ނޫންކަމަށާއި ޑިމޮކުރަސީގެ ދަށުން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ތަފާތު އެކި ފޯރަމުތަކުގައި ފަތުވާ ދެއްވަވާފައެވެ. ޝައިޙު ނަސްރުﷲ ގެ ދަރުސްތަކުގައި ޕާޓީތަކަކީ ހަރާމް އެއްޗެއް ކަމަށާއި ޝެއިޙުންނަށް ޕާޓީތަކުގައި ހުރެ އިހުލާސްތެރިކަމާއި އެކު ދަރުސް ނުދެވޭނެކަމަށްވެސް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ޝައިޙު ނަސްރުﷲ ވަނީ ސިޔާސީ ޕާޓީތަކުގައި އުޅޭ ޝެއިހުންނަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުކިޔާ، އިންތިޚާބުތަކުގައި ވޯޓުލުމަކީވެސް އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި، ބޮޑުވެގެންވާ ފިތުނައެއްކަމުގައިބުނެ ފަތުވާ ދީފައިވެއެވެ. އަދި މީގެ އިތުރުން ޖަމްޢިއްޔާ އަދި ޖަމާޢަތްތައް ހެދުމަކީ ސަލަފުއްޞާލިޙުންގެ މަންހަޖާއި ޚިލާފް ކަމެއް ކަމަށާއި، އެއީ ޤައުމުގައި ބައިބައިވުން އުފެއްދުން ކަމުގައިވެސް ވަނީ ފަތުވާދީފައެވެ. މިފަދަ މޭރުމަކުން ފަތުވާ ދެމުން އެމް.ޑީ.ޕީ ފަދަ ބޮޑު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން ގިނަ ބަޔަކު ތިބީ ޙައިރާންވެފަ އެވެ.

'ނަސްރުﷲ ޕާޓީއަށް ވަނުން ހަރާމް ކޮށްފައި އެމްޑީޕީއަށް ވަނީ ކިއްވެބާ؟ ކުރިން ދެއްކި ވާހަކަތައް އަނެއް ކޮޅަށް އަނބުރާލީ ކީއްވެގެންބާ؟' ނަސްރުﷲގެ މިނިންމުމަށް ހައިރާންވެ ހުރެ ނަން ހާމަކުރަން ނޭދޭ މީހަކު ހާމަކުރިއެވެ.

ޝެއިޙު ނަސްރުﷲ އެމްޑީޕީއާއި ގުޅިފައި މިވަނީ ޝެއިޙު ނަސްރުﷲގެ ދަރުސްތަކުގެ ސަބަބުން އާންމުންގެ ޝަކުވާ އިސްލާމިކް އެފެއާރޒް އަށް ހުށައެޅުމާއި ގުޅިގެން އަޑުގަދަ ކުރާ ބޭނުންކޮށްގެން ދަރުސް ދިނުން ވަގުތީގޮތުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމް.ޑީ.ޕީގެ އަމީން ޢާއްމު އަޙުމަދު ޝާހު ވިދާޅުވީ ޝައިޚް ނަސްރުﷲ އެމްޑީ.ޕީއަށް ސޮއިކުރެއްވީ މިދިޔަ ހަފުތާގައި ކަމަށެވެ. މިކަމާއި ގުޅިގެން ޝައިޚު ނަސްރުﷲއަށް ދިއިސްލާމްއިން ގުޅަންކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ޓެގް

ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.