
ރައީސް އަލްއުސްތާޛް މުސްތަފާ ޢަބްދުލްޖަލީލު
ލިބިޔާގައި އެންމެ ބާރުގަދަވާނީއިސްލާމީ ޝަރީޢަތްކަމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހުން ނިންމީ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ނިޒާމުން ނިންމުމާގުޅިގެންނެވެ.
ޤައްޒާފީގެ ނިޒާމުން ލީބިޔާ މިނިވަންވެއްޖެކަން އިޢްލާންކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ލީބިޔާގައި ދެވަނަ އަށް އެންމެބޮޑު ސިޓީކަމަށްވާ ބެންޣާޒީގައި ބޭއްވި ރައްޔިތުންގެ ޚާއްސަ އިޙްތިފާލެއްގައި އެމަޖިލީހުގެ ރައީސް އަލްއުސްތާޛް މުސްތަފާ ޢަބްދުލްޖަލީލެވެ. މިކަމާއި ގުޅިގެން ލިބިޔާގެ ރައްޔެތުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ޢަބްދުލްޖަލީލް ރައްޔެތުންނާއި މުޙާތަބުކޮށް ވިދާޅުވީ ލިބިޔާއަކީ އިސްލާމީ ޤައުމެއްކަމަށާއި އަދި އެތަނުގައި ހިގަންޖެހެނީ އަދި އެންމެ ބާރު ގަދަވާނީ ވެސް އިސްލާމީ ޝަރީޢަތްކަމުގައެވެ . މާތްވެގެންވާ އިސްލާމް ދީނަށް ފުށުއަރާގޮތަކަށް ލީބިޔާގެ ޤާނޫނު އަސާސީ ނުހެދޭނެކަމަށާއި އިސްލާމް ދީން ހުއްދަނުކުރާ ކޮންމެ ކަމަކީ އަދި އެއްޗަކީ ލީބިޔާގައި ބާތިލް އެއްޗެއްކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމް ދީނަށް ފުށުއަރާގޮތަށް ލީބިޔާގައި އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް މިހާރު އޮތް ނަމަވެސް މިއަދުން ފެށިގެން އެއީ ބާތިލް އެއްޗެއްކަމަށް ނިމައިފިކަމަށް ވެސް ޢަބްދުލްޖަލީލް ވިދާޅުވިއެވެ.
ޢަބްދުލްޖަލީލް އިތުރަށް ވިދާޅުވީ ގައްޒާފީގެ ވެރިކަމުގެ އަނިޔާވެރި ލާއިންސާނީ ނިޒާމުން ލިބިޔާގެ ބިމާއި ކަނޑާއި ވަޔާ އަދި ރައްޔިތުން މިނިވަންވެފައިވާ ކަމަށެވެ. އަދި މިހާރު އުދަރެހުން ޖެހެނީ މިނިވަންކަމުގެ ވައި ކަމަށް ވެސް ސިފަކުރެއްވިއެވެ. އަދި މިވަގުތަކީ ހުރިހާ ރައްޔެތުން އެއްބައިވަންތަވެ ވަޙްދު ވާންވީ ވަގުތުކަމުގައި ވެސް ޢަބްދުލްޖަލީލް ވިދާޅުވިއެވެ .އެކަކު އަނެކަކަށް މަޢާފްކުރުމަށާއި ގޮތްދޫކުރުމަށާއި ނަފްރަތާއި ރުޅިވެރިކަމާއި ދުޝްމަންކަން މުޅިން ނައްތާލުމަށެވެ. މިނޫންގޮތަކަށް ލީބިޔާ ރައްޔިތުންނަށް ޙަޤީޤީ ކާމިޔާބެއް ނުލިބޭނެ ކަމަށާއި ލިބިޔާގެ ދެން އަންނަން އޮތް އާ ބަދަލްތަކަށް މިނޫންގޮތަކުން މުސްތަޤްބަލެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިން ގެ ތެރެއިން ބޭނުންބަޔަކަށް ލީބިޔާގެ ސިފައިންނާއި ފުލުހުންގެ ތެރެއިން ޖާގަލިބޭނެކަމަށްވެސް އަބްދުލްޖަލީލް ވިދާޅުވިއެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...