ދިއިސްލާމް ކުށްވެރިޔާ ބަޔާންކުރުން

ކުށްވެރިޔާ ބަޔާންކުރުން

ކުށްވެރިޔާ ބަޔާންކުރުން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުށްކުރުމަކީ އިންސާނާގެ ތަބީޢަތުގައިވާކަމެކެވެ. ކޮންމެ މުޖުތަމަޢެއްގައިވެސް ކުށްކުރާމީހުން އުޅޭނެއެވެ. އެއީ އިންސާނުންކަމުގައިވީތީއެވެ. ކިތަންމެ ރަނގަޅު، ކިތައްމެ ދީންވެރި، ކިތައްމެ މުއްސަނދި، އަދި ކިތަންމެ މައްޗަށް ކިޔަވައިގެން ހުރިމީހެއްކަށްވެސް ކުށެއް ކުރެވިދާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ކުށްކުރުން އެއީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް މައްސަލައަކަށްވަނީ އެނގޭހާލުގައިވެސް އިންސާނާ ކުރާކުށުގެމަތީގައި ދެމިހުރެ، އަދި އެއީ ކުށެއްކަމަށް ޤަބޫލުނުކުރުމެވެ. ކުށްކުރެވުނު މީހުންނަށްޓަކައި ތައުބާވުމުގެ ދޮރު ﷲ ވަނީ އެއިލާހުގެ ދީލަތިވަންތަކަމުން އަޅުތަކުންނަށްޓަކައި ހުޅުވާދެއްވާފައެވެ.

އިންސާނުން ދިރިއުޅޭ މުޖުތަމަޢުތަކަކީ އަމާންކަމާއި، މިނިވަންކަމާއި، ހިތްހަމަޖެހުން ލިއްބައިދޭ ތަނެއްކަމުގައި ހެދުމަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދެކެވެ. އިސްލާމީ މުޖުތަމަޢުތަކާއި ޣައިރު މުސްލިމުންގެ މުޖުތަމަޢުތަށް ދިރާސާކޮށް އަޅާކިޔައިލުމުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. މީހުން މެރުމާއި، މަގުފޭރުމާއި، ރޭޕްކުރުމާއި، ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމައި، ވަށްކަންކުރުމާއި، މިފަދަ ބޮޑެތި އެތައް ޖަރީމާތަކެއް ހުޅަނގުގެ މުޖުތަމަޢުތަކުގައި ވަނީ އާއްމުވެފައެވެ. މި ޖަރީމާތަކަކީ މިއަދުވެސް އިސްލާމީ މުޖުތަމަޢުތަކުގައި ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަންކަމެވެ.

ނަމަވެސް "ޑިމޮކްރަސީ" ގެ އޮއެވަރުގައި ޖެހި އިސްލާމީ މުޖުތަމަޢުތަކުންވެސް މަޑުމަޑުން އެމުޖުތަމަޢުތަކުގައި އޮތް އިޖުތިމާޢީ ފޭރާން ވީދެމުން ނެތެމުން ދާކަމީ ހިތާމަހުރިކަމެކެވެ. ވަށްކަންކުރުމާއި، މަގުފޭރުމާއި، ރޭޕްކުރުމާއި، އެއްޖިންސުން ގުޅުންހިންގުމާއި، މިހުރިހާކަމެއް މިހެން ހުރިކަމުގައިވިޔަސް ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަމަށް މިކަންތައްތަކެއް ނާދެއެވެ. ނުވަތަ މިވާހަކަތައް މިއީ އެބައިމީހުން ދައްކަންޖެހޭ ވާހަކަތަކެއްކަމުގައި ނުވެއެވެ. ސަބަބަކީ މިއީ އެހާވެސް ޢާއްމުވެފައިވާ ކަންކަމށްވެފައި ވުމެވެ. އެހެންނަމަވެސް އިސްލާމީ ޤައުމެއްގައި މިފަދަ ޖަރީމާއަކަށް އިސްލާމީ ޝަރީޢަތުން ދޭން އޮންނަ ޙައްޤު އަދަބުދޭން ނިންމައިފިނަމަ ނުވަތަ ދީފިނަމަ މިބައިމީހުން ވަރަށް ފޯރިނަގައިފައި އެވާހަކަ ދުނިޔޭގެ މީޑިޔާތަކުގައި "ކުއްލި ޚަބަރުގެ" ގޮތުގައި ދައްކައި، ހައްދު ފަހަނައަޅާފައިވާ ބައެކޭކިޔާ، އިސްލާމްދީނަށް ހަޖޫޖަހާ ހަދަތެވެ.

އަބަދުވެސް މީސްތަކުންނަށް "މައިނޯރިޓީ" ޙައްޤު ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާއިރު އަނެއްކޮޅުން މިމީހުންގެ ދަޢުވާއަކީ ދުނިޔޭގެ ޤައުމުތަކުގައި ފުރިހަމަ "ޑިމޮކްރަސީ" އެއް ޤާއިމު ކޮށްދިނުމެވެ. މިބައިމީހުންގެ ދެކޭގޮތުގައި ކިތަންމެ ބޮޑު މުޖުރިމެއްގެ ޙައްޤުގައިވެސް މުޅި މުޖުތަމަޢު ޤުރުބާން ވާންވީއެވެ. މިއީ ޔަހޫދީން ކޮންޓުރޯލްކޮށްގެން ހިންގާ ދުނިޔޭގެ ނަންމަޝްހޫރު މީޑިޔާތަކުން މުސްލިމުންނާއި މެދުގައި ގެންގުޅޭ ސިޔާސަތެވެ.

މިއީ ޣައިރު މުސްލިމުން، އިސްލާމް ދީނުގެ ޢަދުއްވުން އިސްލާމް ދީނާދެކޮޅަށް ގެންގުޅޭ ސިޔާސަތެކެވެ. ނަމަވެސް މިއަދު ހިތާމަކުރަންޖެހެނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ނޫސްވެރިކަމުގެ މަސައްކަތުގައި އުޅޭބޭފުޅުން މި "ސިޔާސަތު" މުޖުތަމަޢަށް ފައްތައި އެކަމުގެ މައްޗަށް ނޫސްވެރިކަން ބިނާކުރާތީއެވެ. އަދި ސަރުކާރުގެ ބައެއް މުއައްސަސާތަކުންވެސް މަސައްކަތް ކުރަމުން ދަނީ ހަމަ މިބީދައިނެވެ.

ބައްލަވާށެވެ! އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކުށް ކުރުން ނެތީތޯއެވެ. މީހުންމެރުމާއި، ގުރޫޕު މާރާމަރީ ހިންގުމާއި، އެއްޖިންސުން ގުޅުންހިންގުމާއި، ކައިވެނިނުކޮށް އަންހެނުންނާއި ފިރިހެނުން އެކަހެރިވެ އުޅުމައި، މީސްމީހުންގެ މުދަލަށާއި ގޯތިގެދޮރަށް ގެއްލުންދިނުމައި، ޒިނޭކުރުމާއި، އެއްވެސް ޖެހިލުމެއްނެތި މިނިވަންކަމާއެކު ޢައުރަ ނިވާނުކޮށް އޮރިޔާމާ މަގުތަކުގައި އަންހެންވެރިން އުޅުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި މިފަދަ ހުރިހާކަމެއް ޢާއްމުވެފައިވާއިރު މިއިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ފެރާން އަލުންބަލުން އާރާސްތުކުރަން އުޅުމުގެ ބަދަލުގައި ދައްކަނީ މުޅިން އެހެންވާހަކައެކެވެ. "ދީނީ" ފިކުރުގެ މީހުން އެމީހުންގެ ދަރިންނަށް ވެކްސިން ނުދޭވާހަކައެވެ. ނުވަތަ އަންހެންދަރިން "ޚިތާނު" ކުރާވަހަކައެވެ. ނުވަތަ ދަރިން ސްކޫލުތަކަށް ނުފޮނުވާ ވާހަކައެވެ. ނުވަތަ ދީނީ ހަރުކަށި ޚިޔަލުގެ މީހުން އެމީހުންގެ ދަރިން 15 އަހަރުނުވަނީސް ކައިވެނިކުރުވާ ވާހަކައެވެ.

ތެދެކެވެ! ވެކްސިން ނުޖެހުމާއި، އަންހެންދަރިން ހިތާނުކުރުމާއި، ސްކޫލަށް އިތުރު ޙަރަކާތްކަށް (މިއުޒިކުކުޅެ/ ނާޗަރަންގިކުޅެން) ނުފޮނުވުމާއި، 15 އަހަރު ނުވަނީސް ކައިވެނިކުރުވުމާއި މިއީ (ފަހަރުގައި) ހުޅަނގުގެ ވިސްނުމަށް ޤައުމު ބައްޓަންކުރަން އެދޭ ފަރާތްތަކަށް ބޮޑު މައްސަލަ އަކަށްވެދާނެއެވެ. އަޅުގަނޑު މިކަންތައްތަކީ ހުއްދަ ކަންތައްތޯ ނުވަތަ ނޫންތޯ މިކަމާއެއްޗެއް ބުނާކަށް ނެތީމެވެ. އަދި އެކަންކަމުގައި އަޅުގަނޑުދެކޭގޮތެއް ބަޔާކުރާކަށްވެސް ނެތީމެވެ.

އެހެންނަމަވެސް އިސްވެދެންނެވުނު ކަންކަމަކީ އެއިން އެއްވެސް ކަމެއްގައި "ކުށް" މިބަސް ބޭނުންކުރެވޭނެ ޖާގައެއް އިސްލާމީ ޝަރީޢަތުން އޮތްކަންކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނަކުންވެސް އެޖާގައެއް ލިއްބައެއް ނުދެއެވެ. އަދި މިބުނެވުނު ކަންތައްތަކުގައި އިސްލާމްދީނުގައި ކޮންމެސް އިރުޝާދުތަކެއް ދެވިފައިވާ އޭގައި ކުރުމަށާއި ނުކުރުމަށް އިރުޝާދު ދެވިފައިވާ ކަންކަން ވެސް އެބަހުއްޓެވެ.

އޭގެތެރެއިން ބައެއްކަންކަމަކީ، މިސާލަކަށް މީހުންމެރުމާއި، މަގުފޭރުމާއި، ފަދަކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީން އެކަންތައްތައް ޙަރާމްކުރައްވާފައިވާ ، އަދި މުޅިމުޖުތަމަޢުގެ ސަލާމަތަށްޓަކައި އަދަބުތަކެއް ކަނޑައަޅުއްވާފައިވާ ކަންތައްތަކެވެ.

އަޅުގަނޑު ދަންނަވާނީ އިންސާފަށް ލޯބިކުރައްވާށެވެ. ކުށްކުރާ މުޖުރިމެއްގެ ސިފަޔަށް، ނުވަތަ އޭނާގެ ބޭރުފުށުގެ މަންޒަރަށް ނުވަތަ ދީނީގޮތުން އޭނާގެންގުޅޭ ވަކިފިކުރެއްގެ ނަމުގައި ލޭބަލުކޮށްގެން ޚަބަރުހެދުމުގެ މިއުޞޫލުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ވިސްނައިލައްވާށެވެ. އަދި އެއީ ހައްތަހާވެސް އިސްލާމް ދީން ނިކަމެތިކުރުމަށް ކުރެވޭ މަސައްކަތުގެ ބައިވެރިވުންކަމުގައި ދަންނާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.