ދީން ސުންނަތުގެ ދިފާޢުގައި 6

ސުންނަތުގެ ދިފާޢުގައި 6

ސުންނަތުގެ ދިފާޢުގައި 6

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ޙަދީޘްފުޅުތައް ޖަމަޢުކޮށް އެކުލަވައިލެވުނު ގޮތް

މި ބާބުގައި އަޅުގަނޑު ބަލައިލަން ބޭނުންވަނީ މާތް ޞާޙިބާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ގެ ޙަދީޘްފުޅުތައް ޖަމަޢުކުރެވި ރައްކައުތެރި ކުރެވުނު ގޮތާއި، އެ މަސައްކަތް ޖީލުތަކުން ކުރަމުން އައި ގޮތާއި، އެ މަސައްކަތާއި ގުޅިގެން އުފެދުނު ވަރުގަދަ ޙަދީޘް ޢިލްމާއި، އެ ޢިލްމުގެ ޙަޤީޤަތުގެ މައްޗަށެވެ.

ޖުމުލަގޮތެއްގައި ޙަދީޘް ޖަމަޢުކުރެވި ރައްކައުތެރި ކުރެވުނީ ތިން ގޮތަކަށޭ ބުނެވިދާނެއެވެ.

1-    އިސްލާމީ އުއްމަތް ޙަދީޘްފުޅުތަކުގެ މައްޗަށް ޢަމަލު ކުރުމުން

2-    ޙަދީޘްފުޅުތައް ހިތުން ދަސްކުރުމާއި ލިޔުމުން

3-    ޙަދީޘް ޙަލަޤާތު (ކުލާސް) ތަކުގައި ޙަދީޘްފުޅުތައް ރިވާ ކުރުމާއި ކިޔަވައި ދިނުމުން

މިގޮތަށް ޙަދީޘްފުޅުތައް ޖަމަޢުކުރެވި ރައްކައުތެރި ކުރެވި، ފަތްފުށްތަކުގައި ލިޔެވި، ހިތުން ދަސްކުރެވި، ރިވާ ކުރެވި، ޙަދީޘްގެ ވަރުގަދަ ޢުލޫމެއް އުފެދިގެން ދިޔައީ ހަތަރު ދައުރެއްގެ މަތިންނޭ ބުނެވިދާނެއެވެ. އެގޮތުން؛

ފުރަތަމަ ދައުރު

 

މި ދައުރު ދިގު ދެމިގެން ދަނީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ ޙަޔާތުން ފެށިގެން ހިޖުރީ ގޮތުން ފުރަތަމަ ގަރުނާ ހަމައަށޭ ބުނެވިދާނެއެވެ. މި ދައުރުގައި އެކަލޭގެފާނު (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ޙަދީޘްފުޅުތައް ރައްކައުތެރި ކުރެވިފައިވަނީ މައިގަނޑު ގޮތެއްގައި ހިތުން ދަސްކުރުމާއި، ކިޔަވައިދިނުމާއި އަދި ހިތްތަކުގައްޔާއި ފަތްފުށްތަކުގައި ޖަމާކުރުމުގެ މައްޗަށެވެ.

ޙަދީޘްފުޅުތައް ހިތު ދަސްކުރެއްވި ބޭކަލުން

އިތުރު މާތް ނަބިއްޔާގެ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ މާތް ޞަޙާބީން

ޞަޙާބީންގެ ތެރެއިން 1000 ހަށް ވުރެ ގިނަ ޙަދީޘްފުޅުތައް ރިވާކުރައްވާފައިވާ ބޭކަލުންގެ ނަންފުޅުތަކާއި ރިވާކުރައްވާފައިވާ ޙަދީޘްފުޅުތަކުގެ އަދަދެވެ:

1-    އަބޫ ހުރެއިރާ (ޢަބްދުއްރަޙްމާން) (ރަޟިޔަﷲ ޢަންހު): އަވަހާރަފުޅުވި ތާރީޚަކީ އުމުރުފުޅުން 78 އަހަރުގައި ހިޖުރައިން 59 ވަނަ އަހަރުއެވެ. މި މާތް ޞަޙާބީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް އަރިހުން 5374 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ. މި ކަލޭގެފާނުގެ ދަރިވަރުންގެ އަދަދު 800 އަށް އަރައެވެ.

2-    ޢަބްދުﷲ އިންބު ޢައްބާސް (ރަޟިޔަﷲ ޢަންހު) އަވަހާރަފުޅުވި ތާރީޚަކީ އުމުރުފުޅުން 71 އަހަރުގައި ހިޖުރައިން 68 ވަނަ އަހަރުއެވެ. މިކަލޭގެފާނު 2660 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ.

3-    ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އަވަހާރުފުޅުވި ތާރީޚަކީ އުމުރުފުޅުން 67 އަހަރުގައި ހިޖުރައިން 58 އަހަރުއެވެ. މިކަމަނާ 2210 ޙަދީޘްފުޅު މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

 

4-    ޢަބްދުﷲ އިބްނު ޢުމަރު (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ އުމުރުފުޅުން 84 އަހަރުގައި ހިޖުރައިން 73 ވަނަ އަހަރުއެވެ. މިކަލޭގެފާނު 1630 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ.

 

5-    ޖާބިރު އިންބު ޢަބްދުﷲ (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ އުމުރުފުޅުން 94 އަހަރުފުޅުގައި ހިޖުރައިން 78 ވަނަ އަހަރުއެވެ. މި ކަލޭގެފާނު 1560 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ.

 

6-    އަނަސް އިބްނު މާލިކު (ރަޟިޔަ ﷲ ޢަންހު) އަވަހާރުފުޅުވީ އުމުރުފުޅުން 103 އަހަރުގައި ހިޖުރައިން 93 ވަނަ އަހަރުއެވެ. މި ކަލޭގެފާނު 1286 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ.

 

7-    އަބޫ ސަޢީދު އަލްޚުދްރީ (ރަޟިޔަ ﷲ ޢަންހު) އަވަހާރުފުޅުވީ އުމުރުފުޅުން 84 އަހަރުގައި ހިޖުރައިން 74 ވަނަ އަހަރުއެވެ. މިކަލޭގެފާނު 1170 ޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ.

މީގެ އިތުރުން 500 އާއި 1000 އާ ދެމެދު ޢަދަދުން ޙަދީޘްފުޅުތައް ރިވާކުރެއްވި ޞަޙާބީ ބޭކަލުންނަކީ:

8-    ޢަބްދުﷲ އިބްނު އަމްރު އިންބު އަލްޢާޞް (ރަޟިޔަﷲ ޢަންހު) (އަވަހާރަފުޅުވީ 63 ހ)

9-    ޢަލީ އިބްނު އަބީ ޠާލިބު (ރަޟިޔަﷲ ޢަންހު) (އަވަހާރަފުޅުވީ 40 ހ)

10-   ޢުމަރު އިންބު އަލްޚައްޠާބު (ރަޟިޔަﷲ ޢަންހު) އަވަހާރުފުޅުވީ 33 ހ.

ހަމައެގޮތަށް 100 އާއި 500 އާ ދެމެދު ޢަދަދުން ޙަދީޘްފުޅު ރިވާކުރެއްވި ޞަޙާބީ ބޭކަލުންނަކީ:

11-    އަބޫ ބަކުރު އައްޞިއްދީޤް (ރަޟިޔަﷲ ޢަންހު) އަވަހާރަފުޅުވީ 13ހ.

12-   ޢުޘްމާނު އިބްނު އައްފާނު (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ 36 ހ.

13-   އުއްމު ސަލަމާ (ރަޟިޔަﷲ ޢަންހާ) އަވަހާރަފުޅުވީ 59 ހ.

14-   އަބޫ މޫސާ އަލްއަޝްޢަރީ (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ 52 ހ.

15-  އަބޫ ޛައްރު އަލްޣަފާރީ (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ 32 ހ.

16-   އަބޫ އައްޔޫބު އަލްއަންޞާރީ (ރަޟިޔަﷲ ޢަންހު) އަވަހާރަވީ 51 ހ.

17-   އުބެއްޔު އިބްނު ކަޢްބު (ރަޟިޔަ ﷲ ޢަންހު) އަވަހާރަވީ 19ހ.

18-  މުޢާޛު އިބްނު ޖަބަލް (ރަޟިޔަ ﷲ ޢަންހު) އަވަހާރަފުޅުވީ 81 ހ.

ތާބިޢީ ބޭކަލުން

ތާބިޢީ ބޭކަލުންގެ ތެރެއިން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ މަތިވެރި ސުންނަތް ޖަމާކުރައްވާ ރައްކައުތެރިކުރެއްވި ބޭކަލުންގެ މަތިން ހަދާން ނައްތާލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެ ބޭކަލުން ވަނީ މަތިވެރި ސުންނަތް ޖަމާކުރުމުގައި އެބޭކަލުންގެ ޢުމުރު ހޭދަކުރައްވާފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ މަތިވެރި ތާބިޢީންނަކީ:

1-    ސަޢީދު އިންބު އަލްމުޞައްޔިބު

މިކަލޭގެފާނު އުފަންވެ ވަޑައިގަތީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދެވަނަ އަހަރު މަދީނާގައެވެ. އަވަހާރަފުޅުވީ ހިޖުރައިން 105 ވަނަ އަހަރުއެވެ. މިކަލޭގެފާނު ޙަދީޘްފުޅާއި ޙަދީޘުގެ ޢިލްމު އުނގެނިވަޑައިގަތީ ޢުޘްމާނުގެފާނާއި ޢާއިޝާގެފާނާއި އަބޫހުރެއިރާގެފާނާއި އަދި ޒައިދު އިންބު ޘާބިތު (ރަޟިޔަ ﷲ ޢަންހުމް) ގެ އަރިހުންނެވެ.

2-    ޢުރުވަތު އިބްނު ޒުބައިރު

މިކަލޭގެފާނު ހިމެނި ވަޑައިގަންނަވަނީ މަދީނާ އެންމެ ބޮޑު ޢިލްމުވެރިންގެ ތެރެއިންނެވެ. އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ މިކަލޭގެފާނުންގެ ބޮޑުދައިތާފުޅެކެވެ. އެހެންކަމުން، މި ކަލޭގެފާނު ގިނަ ޙަދީޘްފުޅުތައް އުނގެނިވަޑައިގަތީ ބޮޑުދައިތާފުޅު ޢާއިޝާ ރަޟިޔަﷲ ޢަންހުގެ އަރިހުންނެވެ. އަދި އަބޫ ހުރެއިރާ ރަޟިޔަﷲ ޢަންހު އާއި ޒައިދު އިންބު ޘާބިތު ރަޟިޔަﷲ ޢަންހުގެ  ފަރާތުންވެސް ކިޔެވުމުގެ ނަޞީބުވަނީ މިކަލޭގެފާނު ހާސިލުކުރައްވާފައެވެ. މަޝްހޫރު ބޮޑު ދެ ޢިލްމުވެރިން ކަމުގައިވާ ޞާލިޙު އިންބު ކައިސާންއާއި އިމާމު އައްޒުހުރީ ހިމެނިވަޑައިގަންނަވަނީ މި ކަލޭގެފާނުގެ ދަރިވަރުން ކަމުގައެވެ.

މިކަލޭގެފާނު އަވަހާރަފުޅުވީ ހިޖުރައިން 94 ވަނަ އަހަރުއެވެ.

3-    ސާލިމު އިބްނު ޢަބްދުﷲ އިބްނު ޢުމަރު

މިކަލޭގެފާނު ހިމެނި ވަޑައިގަންނަވަނީ  މަދީނާގެ އެންމެ ބޮޑު 7 ފިޤުހުވެރިން ތެރެއިންނެވެ. މިކަލޭގެފާނު ޙަދީޘްފުޅުތައް އުނގެނިވަޑައިގެންނެވީ ބައްޕާފުޅު ޢަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުންނެވެ. އަދި މީގެ އިތުރުންވެސް އެކި އެކި ޞަޙާބީންގެ އަރިހުން ދަރިވަރުވެލެއްވިއެވެ. ނާފިޢު އައްޒުހުރީ ފަދަ އެތަކެއް ބޮޑު ޢިލްމުވެރިންނަކީ މިކަލޭގެފާނުންގެ ދަރިވަރުންނެވެ. އަވަހާރަފުޅުވީ ހިޖުރައިން 106 ވަނަ އަހަރުއެވެ.

 

4-    ނާފިޢު

މިކަލޭގެފާނަކީ ޢަބްދުﷲ އިންބު ޢުމަރުގެ ޙާއްޞަ ޚާދިމެއްގެ ގޮތުގައި އުޅުއްވި ބޭކަލެކެވެ. އެހެންކަމުން، ޢަބްދުﷲ އިބްނު ޢުމަރުގެ އެންމެ ޙާއްޞަ ދަރިވަރު ކަމުގައި ވެފައިވަނީ މިކަލޭގެފާނުއެވެ. އިމާމު މާލިކުގެ އުސްތާޛަކީ މިކަލޭގެފާނުއެވެ. އެހެންކަމުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމްގެ އަރިހުން ޢަބްދުﷲ އިބްނު ޢުމަރުގެ އަރިހުން ނާފިޢުގެ އަރިހުން މާލިކު- މި ސަނަދަކީ ޙަދީޘް ޢިލްމުވެރިންގެ މެދުގައި ރަން ސަނަދުގެ ގޮތުގައި ފާހަގަކުރެވޭ ސަނަދެވެ. ނާފިޢު އަވަހާރަވީ ހިޖުރައިން 117 ވަނަ އަހަރުއެވެ.

(ނުނިމޭ)

ޓެގް

ސުންނަތުގެ ދިފާޢުގައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.