މޯލްޑިވްސް އެސޯސިއޭޝަން ފޯ ދި އެޑްވާންސްޑް ސައިންސް (މާސް) ކިޔާ ޖަމްޢިއްޔާއަކުން ސައިންސާ ބެހޭ މަޢުލޫމާތުދިނުމުގެ ނަމުގައި ފުވައްމުލަކު ދަރިވަރުންނަށް އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފު ދޮގު މަޢުލޫމާތު ދީފައި ވާތީ އެމައްސަލަ ތަޙުޤީޤުކޮށް ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި ޢަދާލަތުން ފުލުހުންނަށް ހުށައަޅައިފިއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ވިދާޅުވީ ޢަދާލަތުޕާޓީގެ ފުވައްމުލަކު ގޮފިން އިސްނަގައިގެން އެމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިގެންކަމަށެވެ.
ޑރ. މަޢުރޫފް ވިދާޅުވީ އެމީހުން ދަރިވަރުންނަށް އުނގަންނައިދޭން މަސައްކަތްކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އިވޮލިޔުޝަން ތިޔަރީ ކަމަށެވެ. އަދި ކަލަކު ވޮޑިގެންނުވާކަމާ ދުނިޔޭގެކަންކަން ހިނގަމުން ދަނީ މާތްﷲގެ ކުޅަދުންވަންކަމުން ނޫން ކަމަށާ އިންސާނުންނަކީވެސް ރާމާ މަކުނުގެ ނަޞްލުން އުފެދުނު ބައެއް ކަމަށެވެ.
ޑރ. މަޢުރޫފް ވިދާޅުވިގޮތުގައި އެމީހުންގެ ވާހަކަތަކަށް ދަރިވަރުން އިޢުތިރާޟްކޮށް ސުވާލުކުރުމުން ރާމާމަކުނުގެ ކައްޓާއި އިންސާނުންގެ ކަށި ދައްކައި ދެކަށިގަނޑު އެއްގޮތްކަމަށް ބުނެ އިންސާނުން އުފެދުނީ ރާމާމަކުނުގެ ނަޞްލުންކަމަށް ބަޔާންކުރަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެމްްއެންބީސީން ދައްކާ "ކުޅަދުންވަންތަކަމުގެ ހެކިތައް" އެއީ ތިމަންމެން ޤަބޫލުކުރާ އެއްޗެއް ނޫންކަމަށާ އެތާނގައި ސައިންސް ދަންނަ މީހުން ނުތިބޭނެކަމަށް ބުނެ ދަރިވަރުންގެ ސިކުނޑިތަކާ ކުޅެން އެމީހުން މަސައްކަތްކޮށްފައިވާކަމަށްވެސް ޑރ. މަޢުރޫފް ވިދާޅުވިއެވެ.
މިކަމާގުޅިގެން ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު "މިއަދު" ނޫހަށް ވިދާޅުވެފައިވަނީ އެމީހުން 3 ސެޝަނެއް ދަރިވަރުންނަށް ނަގައިދިންކަމަށާ އެ ސެޝަންތަކުގައި ސްކޫލްގެ ސައިންސް ޓީޗަރުންވެސް ބައިވެރިވި ކަމަށެވެ. އަދި ކުދިން މަގުފުރެއްދުމުގެ ބޭނުމުގައި އެއްވެސް ވާހަކައެއް ދެއްކިކަން ޓީޗަރުންނަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ. އަދި 3 ސެޝަން ނަގައިދިންފަހުން އެމީހުންގެ ނިޔަތާމެދު ސުވާލު އުފެދުނު ކަމަށާ އެހިސާބުން ސެޝަންތައް ބޭއްވުން ހުއްޓުވާފައިވާނެ ކަމަށެވެ. އަދި މާލެއިން ޑރ. މުޙައްމަދު ޢަލީ ގެނެސް ޓީޗަރުންނަށާ ބެލެނިވެރިންނަށާ ދަރިވަރުންނަށް މައުލޫމާތުދީ ބައިވެރިން ސާފުކުރަން ބޭނުންވި ހުރިހާ ކަމެއް ޑރ.މުޙައްމަދު ޢަލީ ވަރަށް ރަނގަޅަށް އޮލުން ފިލުވައި ދެއްވިކަމަށްވެސް ޕްރިންސިޕަލް ވިދާޅުވެފައި ވެއެވެ.
މިމައްސަލަ ފެންމަތިވުމާއެކު ޢަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފިންވަނީ މިކަންކުށްވެރިކޮށް ބަޔާނެއްނެރެފައެވެ. އެބަޔާނުގައި މިމައްސަލާގައި ކުށްވެރިވާ ބަޔަކާއިމެދު ފިޔަވަޅު އެޅެންދެން ނުވަތަ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާ ނިމެންދެން މައްސަލަ ދޫނުކުރާނެކަމުގެ ޔަޤީންކަން ފުވައްމުލަކު ރައްޔިތުންނަށް ދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...