
ބުޚާރީގެ ފުރަތަމަ ޖިލްދުގެ ދިވެހި ތަރުޖަމާ ގަތުމަށްޓަކައި އިސްލާމީ މަރުކަޒުގައި މީހުން ރޭ ކިއޫ ހަދާފައި – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް
ޞަޙީޙުލް ބުޚާރީގެ ފުރަތަމަ ޖިލްދުގެ ދިވެހި ތަރުޖަމާ ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި 900 އަށް ވުރެ ގިނަ ކޮޕީ ވިކި ހުސްވެޖެއެވެ.
މި ފޮތް ތައްޔާރުކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައްޝައިހް ފައްޔާޟް ޢަލީ މަނިކު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ ފުރަތަމަ ޗާޕްކުރެވުނު ހުރިހާ ކޮޕީތަކެއް ހުސްވެފައިވާ ކަމަށެވެ. އަދި ކޮޕީތައް ހުސްވެގެން ފޮތް ގަތުމަށްޓަކައި ރޭ ގާތްގަނޑަކަށް 50 ބޭފުޅުން ނަން ނޯޓް ކުރައްވާފައިވާ ކަމަށާއި އަލުން ފޮތް ޗާޕްވުމުން، އެ ބޭފުޅުންނަށް ޚާއްޞަ އަގުގައި ފޮތް ލިބޭނެ ކަމަށް ފައްޔާޟް ވިދާޅުވި އެވެ. ފައްޔާޟް ވިދާޅުވީ އަލުން ޗާޕް ކުރުމަށް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.
މި ފޮތް ރޭ ވިއްކާފައި ވަނީ ޚާއްޞަ އަގެއްގައެވެ. ފޮތުގެ އަސްލު އަގަކީ 280.00 ރުފިޔާ އެވެ. ރޭ މި ފޮތް ވިއްކާފައި ވަނީ 175.00 ރުފިޔާ އަށެވެ.
އިސްލާމިކް މިނިސްޓްރީން ރޭ 21:00 ހާއިރު އިސްލާމީ މަރުކަޒްގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ދިވެހި ބަހާ އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢަބްދުﷲ ޞާދިޤް (ސޯދުބެ) އެވެ.
މި ރަސްމިއްޔާތުގައި ޝައިޚް ފައްޔާޟް ވިދާޅުވީ މި ފޮތް ތަރުޖަމާ ކުރެއްވުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި، މިފަދަ ފޮތެއް އެންމެ ފުރިހަމަ ވާނީ އާދައިގެ ތަރުޖަމާ އަކަށް ވުރެ ތަންކޮޅެއް ފުޅާކޮށް ކުރެވިގެން ކަމަށެވެ. ނަމަވެސް އެކަމަށް ގިނަ ދުވަސްތަކެއް ނަގާތީ ލަސްނުކޮށް މި ފޮތް ނެރުނީ ކަމަށެވެ. އަދި ވިދާޅުވީ ތަރަޖަމާ ކުރެއްވި އިރު އެންމެ ބޮޑަށް އެހީ ހޯއްދެވީ އިމާމް އިބްނު ހަޖަރުގެ "ފަތުހުލް ބާރީ" ފޮތުން ކަމަށާއި، ދޭހަ ކުރުމުގެ އުނދަގޫވުމުން ޙަދީޘްތަކުގެ އިނގިރޭސި އަދި އުރުދޫ ތަރުޖަމާ ވެސް ބައްލަވާފައިވާ ކަމަށެވެ.
މި ފޮތުގެ މަސައްކަތުގައި ވަރަށް ގިނަ ދިވެހި ޢިލްމުވެރި ބޭފުޅުންގެ އެހީތެރިކަން ލިބިފައިވާ ކަން ފާހަގަކުރައްވާ ޝައިޚް ފައްޔާޟް އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އިންސާނުން ކުރާ މަސައްކަތްތަކުގައި އަބަދުވެސް އުނިކަން ހުންނާނެ ކަމަށާއި، މި ތަރުޖަމާގައި ކުށެއް އެކުލެވިގެން ވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެކަން އިޞްލާޙްކޮށްދެއްވުމަކީ ޝައިޚްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ވިދާޅުވި އެވެ.
މި ފޮތުގެ ތަޤްދީމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ލިޔުއްވާފައިވާ ގޮތުގައި ޞަޙީޙުލް ބުޚާރީ ދުނިޔޭގެ ވަރަށް ގިނަ ބަސްބަހަށް ތަރުޖަމާ ކުރެވިފައިވާ އިރު މިފޮތުގެ ދިވެހި ތަރުޖަމާ އެއް ނެތުމަކީ ރާއްޖޭގެ ލައިބްރަރީ އަށް ލިބިފައިވާ އުނިކަމެކެވެ. އަދި ޝައިޚް ފައްޔާޟް އިސްނަންގަވައިގެން ފެއްޓެވި މި މަސައްކަތުން ދިވެހި ލައިބްރަރީ އަށް އިތުރު މުއްސަނދިކަމެއް ލިބިގެން ދާނެ ކަމަށް ޑރ. މަޖީދު ލިޔުއްވަފައި ވެއެވެ.
ރޭގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ މިފަދަ އަގުހުރި މަސައްކަތްތަކަށް މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަރަށް ބޮޑަށް ތަރުހީބު ދެއްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފޮތްތައް ނެރުއްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި "ޞަޙީޙް މުސްލިމް" ގެ ދިވެހި ތަރުޖަމާ އެއް ﷲ އިރާދަކުރެއްވިއްޔާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ޝައިޚް ޙުސައިން ވިދާޅުވި އެވެ.
އިތުރަށް ޝައިޚް ޙުސައިން ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި އެބޭފުޅާ ތައްޔާރުކުރެއްވި ތުއްތު ކުދިންނަށް ޚާއްޞަ 12 ޞަފްޙާގެ ދީނީ ފޮތެއް އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާ އަށް ހުށަހަޅައިގެން އެ ފޮތް ފާސްވުމަށް ދޮޅު އަހަރު ނެގި ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ޢިލްމުވެރިން ތައްޔާރުކުރައްވުމަށް ފަހު، މިހާރުގެ އިސްލާމިކް މިނިސްޓްރީ އަށް ފާސްކުރުމަށް ހުށަހަޅުއްވާ ފޮތްތައް ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ނުވެ ފާސްކޮށް ނިންމަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެން ކަމުން، ހުރިހާ ޢިލްމުވެރިން ވެސް ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން ހިފާ މިފަދަ އަގުހުރި މަސައްކަތްތައް ކުރެއްވުމަށާއި "ވެހޭއިރު ފެން ނަގައި ފެން ބުއިމަށް" ޝައިޚް ޙުސައިން އިލްތިމާސްކުރެއްވި އެވެ. އަދި ވިދާޅުވީ މި ފުރުޞަތުގެ ބޭނުން ނުހިފައިފި ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި، އަންނަ ދައުރުގައި އަތުވެދާނެ ވިއްސާރައެއް ނޭގޭ ކަމަށެވެ.
"ޞަޙީޙުލް ބުޚާރީ" އަކީ ކީރިތި ޤުރުއާން ފިޔަވައި ދުނިޔެ މަތީގައިވާ އެންމެ ޞައްހަކަން ބޮޑު ފޮތެވެ. އިމާމް މުޙައްމަދު އިބްނު އިސްމާއީލް އަލްބުޚާރީގެ މި ފޮތުގައި ތަކުރާރުކުރައްވާފައިވާ ޙަދީޘްތައް ނުލައި 4,000 ޙަދީޘް އެކުލެވިގެން ވެއެވެ.

ބުޚާރީގެ ފުރަތަމަ ޖިލްދުގެ ދިވެހި ތަރުޖަމާ ޢަބްދުﷲ ޞާދިޤް ރޭ ނެރެދެއްވަނީ – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް
ކޮމެންޓް (0)
ލޯޑް ކުރަމުން...