އިޒްރޭލު ޖަލުތަކުގައި ފަލަސްތީނުގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އާންމުވެފައިވާކަމަށް ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގެ ޖަމާއަތަކުން ހާމަކޮށްފިއެވެ.
ހެއްކާއި ޤަރީނާއާއި އެކު އާންމުކޮށްފައިވާ މިރިޕޯޓްގައިވާގޮތުގައި '100 އަށް ވުރެ ގިނަ ކުދިންނަށް އިޒްރޭލުގެ ޖަލުތަކުގައި ޖިންސީ ގޯނާ ތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި މިކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައް ދީފައިވަނީ ޖަލުތަށް ބަލަހައްޓާ އިޒްރޭލު ސިފައިން'ކަމަށެވެ. މިޖަމާއަތުން ނެރެފައިވާ ރިޕޯޓްގެ އަލީގައި އެމީހުން ބުނާގޮތުގައި 'ކުޑަކުދިންނަށް ވަރަށް ބޭއަދަބީ ގޮތް ހަދާކަމަށާއި ލާއިންސާނީ އެތަކެއް އަމަލުތަކެއް އިޒްރޭލުގެ ސިފައިން ހިންގާ'ކަމަށެވެ.
އިޒްރޭލުގެ މިއަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތުންވަނީ މިމައްސަލަ ޔޫއެންއަށްވެސް ހުށައަޅާފައެވެ.
އިޒްރޭލުގެ ސިފައިންނާއި ދިމާއަށް އޮއްގާ އުކައިގެން ޖަލަށްލާފައިވާ މިކުޑަކުދިންނަކީ އިޒްރޭލުގެ އަނިޔާވެރިކަން ދުނިޔެއަށް އައި ދުވަހުން ފެށިގެން ތަހައްމަލް ކުރަން ޖެހިފައިވާ ކުދިންނެވެ. އިޒްރޭލުން 'އޮއްގާ އުކުމުގެ' ކުށަށް މަދުވެގެން 20 އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް ކުރެއެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި 340 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައި އެބަތިއްބެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...