މޯލްޑިވްސް އެސޯސިއޭޝަން ފޯ ދި އެޑްވާންސްމަންޓް އޮފް ސައިންސް (މާސް) ކިޔާ ޖަމްޢިއްޔާއަކުން ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންތަކަކަށް ސައިންސާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ނަމުގައި ބޭއްވި ބައްދަލުވުންތަކެއްގައި އިސްލާމްދީނުގެ ޢަޤީދާއާ ފުށުއަރާ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ޢަދާލަތު ޕާޓީ ފުވައްމުލަކު ގޮފީގެ ފަރާތުން ކުށްވެރިކޮށްފި އެވެ.
ޢަދާލަތު ފުވައްމުލަކު ގޮފީގެ ރައީސް މުޙައްމަދު ޙުޞައިން ސޮއިކުރައްވައި އިއްޔެ ނެރުއްވާފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ފުވައްމުލަކު ފުނާޑު އަވަށު އެމްޑީޕީގެ ކައުންސިލަރު ޢަލީ ވަސީމް އިންތިޒާމުކުރެއްވި މިބައްދަލުވުންތަކުގައި ސައިންސް ޖަމްޢިއްޔާގެ މީހުންވަނީ ޑާވިންސް ތިއަރީ އާއި އިވޮލިއުޝަނާއި ޙަވާލާދީ އިންސާނުން އުފެދުނީ އެކަތި އަނެކަތިން ބަދަލުވަމުން އައިސް ރާމާ މަކުނުންކަމަށް ބުނެ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުރުމަތްތެރިކުރެއްވި އިންސާނާގެ ޙުރުމަތް ކަނޑައި އިންސާނާއަކީ ރާމާ މަކުނުގެ ދަރިންކަމަށް ދަރިވަރުންނަށް ވިސްނައިދޭން މަސައްކަތްކޮށްފައިކަމަށާ މިހުރިހާ ބަދަލުތަކެއް އައިސް އިންސާނާ މިހާ ފުރިހަމަޔަށް އުފެދުނީ ހެއްދެވި ފަރަތެއްނެތި އޮޓަމެޓިކުންކަމަށްވެސް އެމީހުން ބުނެފައިވާކަމަށެވެ.
އަދި ދަރިވަރުން އެމީހުންގެ ދެކޮޅުނުޖެހޭ ވަހަކަތައް ޤަބޫލުނުކުރުމުން އެކުދިންނަކީ ސައިންޓިފިކް ބައެއްނޫންކަމަށް ދޭހަވާ ފަދަ ޢިބާރާތުން ވާހަކަދައްކައި ޙަޤީޤީ ސައިންސާ ސައިންޓިފިކް ތިއަރީތަކުގެ ދަރަޖަ އޮޅުވާލައި ސައިންޓިފިކް ތިއަރީތަކަކީ ސައިންޓިފިކް ޤާނޫނުތަކަށްވުރެ މަތީއެއްޗެއްކަމުގައި ބުނެ ސައިންސަށްވެސް އެޖަމްޢިއްޔާގެ މީހުންވަނީ ޚިޔާނަތްތެރިވެފައިކަމަށް އެނޫސް ބަޔަނުގައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގައި ކުށްވެރިވާ ބަޔަކާމެދު ފިޔަވަޅު އެޅެންދެން ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ މަރުޙަލާ ނިމެންދެން މިމައްސަލަ ދޫނުކުރާނެކަމުގެ ޔަޤީންކަން ފުވައްމުލަކު ރައްޔަތުންނަށް ދޭ ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި ޢަޤީދާ އާއި މެދު ކިޔާވާ ކުދިންނާ ޒުވާނުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް މަސައްކުރާ ޖަމްޢިއްޔާތަކާމެދު ޚާއްޞަކޮށް "މާސް" ޖަމްޢިއްޔާއާ މެދު ސްކޫލްތަކުގެ ވެރިންނާ ރާއްޖޭގެ ރައްޔަތުން ސަމާލުވެ ތިބުމަށްވެސް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...