ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢުމުރުންދުވަސްވީ މީހުންނާމެދު ޢަމަލުކުރެވެމުންދާ ނުރަގަޅު ގޮތާމެދު މިނިސްޓްރީ އޮފް ހެލްތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ ދުނިޔޭގެ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ މުޖުތަމަޢުގައި ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޤަދަރާ ޢިއްޒަތް ވަނީ ވަރަށް ބޮޑަށް ކުޑަވެފައިކަމަށެވެ. އަދި ބައެއް ދަރިންނަށް އެމީހުންގެ މައިންބަފައިން ބެލުން ބޮޑުކަމަކަށްވެގެން މަގުމަތިކުރަމުންދާ ކަމަށްވެސް ހެލްތުގެ ބަޔާނުގައިވެއެވެ.
ހެލްތުން ވިދާޅުވީ ވަރަށް ގިނަ ބަޔަކު އެމީހުންގެ މައިންބަފައިން ބެލެހެއްޓެން ނެތްކަމަށް ބުނެ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މައިންބަފައިން ފޮނުވުމަށް އެދެމުންދާކަމަށެވެ. އަދި އެމަރުކަޒުގައި މިހާރުވެސް އުމުރުން ދުވަސްވީ ސާޅީސް ފަސް މީހަކު އެބަތިބި ކަމަށާއި އެމީހުންނާ ޙަވާލުވާން ގިނަފަހަރު ޢާއިލާތަކުން އިންކާރުކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި ސަރުކާރުން 65 އަހަރުން މަތީގެ މީހުންނަށް ދެއްވާ ދެހާސް ރުފިޔާގެ ޢިނާޔަތް ޢުމުރުން ދުވަސްވީ މީހުންގެ ވެސް ބައެއް ޢާއިލާތަކުން ނަހަމަގޮތުގައި ދަނީ ބޭނުންކުރަމުންނެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ގުރައިދޫގައި ޚާއްޞަ ހަރަކާތްތަކެއްވެސް ބާއްވައިފައެވެ. ދިވެހިރާއްޖޭގެ އާބާދީގައި ފަސްދޮޅަސް އަހަރުން މަތީގެ ނަވާރަ ހާހަށް ވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި މިހާރުވެސް އާމްދަނީ ހޯދުމަށް މަސައްކަތްކުރާ 8000 އެއްހާ މީހުން އެބަ ތިއްބެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...