ދިއިސްލާމް ކުރިމަގުގެ ބަލަދުވެރިންނަކީ މުސްލިމުން

ކުރިމަގުގެ ބަލަދުވެރިންނަކީ މުސްލިމުން

ކުރިމަގުގެ ބަލަދުވެރިންނަކީ މުސްލިމުން

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ވޯޓްނަގައިގެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ދުވަހެއްގައިވެސް ޤާއިމުނުވާނެކަމަށް އެމެރިކާގެ ރައީސް އޮބާމާ ވަނީ ބުނެފައެވެ. ހަމައެހެންމެ މިޞްރުގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމުގެ ހުއްދަ އެއްގޮތަކަށްވެސް ނުދޭނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ކުލިންޓަން ވަނީހާމަކޮށްފައެވެ. ފަހެ، އިންސާނުންނާއި ދައުލަތްތަކުގެ ކުރިމަގުވަނީ އެމެރިކާގެ ވެރިންގެ މުށުގައިހެއްޔެވެ؟ ހުޅަނގުގެ ބާރުތަކަށް ހީވެފައިވަނީ ދުނިޔެއާއި އެތާނގެ އަހުލުވެރިން ބޭނުންވާކަންތައްވަނީ ތިމަންމެންގެ އެދުމުގެ ދަށުގައި ހެނެވެ. ނަމަވެސް ހުޅަނގުގެ ލަޝްކަރުތަކަށް ދުނިޔޭގެ އެކިތަންތާނގައި ލިބިފައިވާ ނާކާމިޔާބާއި މިއަދު އަފްޣާނިސްތާނުގައި އެމެރިކާގެ އިންޓަލިޖެންސް އިދަޖައްސަމުން ގެންދާގެންދިއުމުން ކަށަވަރުވަނީ އެމެރިކާއަކީ ވެސް އަމުރުވެރި ފަރާތެއްގެ ބާރުގެދަށުގައިވާ ޤައުމެއްކަމެވެ. ހުރިހާއިންސާނުންނާ މުޅިދުނިޔޭގެ ނިންމުމަކީ ﷲގެ އިރާދަފުޅާ މިންވަރުފުޅުގައި ދަށުގައިއޮތްކަމެއްކަމެވެ.

ކުރިމަގުއޮތީ މުސްލިމުންނަށެވެ. ކާއިނާގެ ވެރި ﷲ އަށްއިތުބާރުކުރުމުގެ ސުލޫކްލިބިގަންނަމާހިނގާށެވެ. އެކަލާނގެ ވަޢުދުފުޅާ ރަސޫލު صلى الله عليه وسلم  ގެ ބަޝާރަތު ޙަޤީޤަތެއްގެ ސިފައިގައިފެނިގެންދާނެކަމުގެ ޔަޤީންކަމާއެކު އިސްލާމްދީނަށްޓަކައި އުންމަތަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ދެމިހުރުމުގެ ރޫޙްއާލާކުރަމާހިނގާށެވެ.  މީހުންގެފަހަތުންނުދެވެ ޙައްޤުގައި ހިފަހަށްޓައިގެން ކެއްތެރިކަމާއެކު ތިބެންވެއްޖެވެ. ދުނިޔެއަކީ އިމްތިޙާނުގެ މައިދާނެވެ. ޢަމަލުގެ މައިދާނެވެ. މިތާނގައި ތަފާތުކުލަކުލައިގެ ޝަޚްޞިއްޔަތުންފެންނާނެވެ. ތަފާތު ޚިޔާލުތަކާއި ފަލްސަފާތަކާއި ނަޒަރިއްޔާތަށް އޮހޭނެވެ. އެކަމަކު އިންސާނިއްޔަތަށް ލާބަޔާމަންފާ ލިބިދޭނީ ސޯޝަލިޒަމަކުންނޫނެވެ. ކެޕްޓަލިޒަމަކުން އަދި ކޮމިޔުނިޒަމަކުންވެސްނޫނެވެ. ހަމައެހެންމެޖުމްހޫރީނިޒާމަކުން އަދި ދުންޔަވީ ރަސްކަމަކުންވެސް ނޫނެވެ. އިސްލާމްދީނުގައިވާ މަތިވެރި ޝޫރާގެ ނިޒާމާއި ދިރިއުޅުމާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ ނިޒާމުންނެވެ.

މުޞީބާތްތަކާއި ހިތާމަތަކުގައި އަދި އަމަންއަމާންކަމުގައިވެސް ﷲއަށް ޝަރީކްނުކޮށް އެކަލާނގެއަށް އަޅުވެތިވުމުގައި އަހަރެމެންދެމި ހުރެއްޖެކަމުގައިވާނަމަ އެކަލާނގެ މުސްލިމުންނަށް ކުރެއްވި ވަޢުދުތައް ޙަޤީޤަތަކަށްވެގެންދާތީފެންނާނެވެ. ހިތާމައަކީ ދުނިޔޭގެ ކުރިމަގުވަނީ މުސްލިމުންނަށްކަން އާދެ! އިސްލާމީ ޙަޟާރަތަށް ކަމުގައި މިއަދުގެ ޖީލުގެ ގިނަ ދަރިންނަށް ނޭގޭތީއެވެ. ނުވަތަ އެގޭކަމަށް ހަދަން ބޭނުންނުވާތީއެވެ. އަދި އަނެއްބަޔަކު އިމްތިޙާނަކުރެއްވުމަކާއި، ބުރަ މަސައްކަތަކާއި ނުލައި އިސްލާމީ މުޖްތަމަޢުގެ އުފާވެރިކަން ލިބިގަތުމަށް އަވަސްއަރައިގެންފައިވާތީއެވެ. މިދެ ޙާލަތަކީވެސް އެއާމެދު ވިސްނާފިކުރުހިންގައިފިނަމަ އިސްލާމްދީން މިބިންމަތީ ތަމްކީނުވެދިއުން ލަސްވެގެންދިއުމަށް މަގުފަހިކުރާ ދެޙާލަތުކަމުގައި ނޫނީ ނުވެއެވެ.

ކުރިމަގުވަނީ އިސްލާމްދީނަށޭ ބުނުމަކީ ދަލީލެއް ހެއްކެއްނެތި ބުނާވާހަކައެއް ނޫނެވެ. ﷲގެ ކަލާމްފުޅާއި ކީރިތި  ރަސޫލާ صلى الله عليه وسلم  ގެ ޙަދީޘްފުޅުން މިކަމުގެ ވަރަށްގިނަ ތާރީޚީ ދަލީލުތައްވެއެވެ. އަދި އިންސާނުންގެ ދިރިއުޅުމުންނާއި ހުޅަނގުގެ ޙަޟާރަތު މިހާރުގޮސްފައިވާ ހިސާބަކީ މިކަމަށްހުރި ހެކިތަކެއްކަމުގައިނޫނީނުވެއެވެ.

ހުޅަނގުގެ މާއްދީ ޙަޟާރަތް ނާކާމިޔާބުވުން:
މިއަދު ހުޅަނގުގެ ޙަޟާރަތް ނާކާމިޔާބު ވަމުންދާތީ ފެނިގެންދެއެވެ. ކޮމިޔުނިޒަމް އޭގެދައުރު ނިންމައިފިއެވެ. ކެޕްޓިލަޒަމްވަނީ އިންސާނުންނަށް ލާބަހޯދައިދިނުމުގައި ނުކުޅެދިފައެވެ.  ހުޅަނގުގެ ވިސްނުންތެރިން އެ ޙަޟާރަތުން ރޫޙާނިއްޔަތާއި އަޚްލާޤު ނެއްވަރު ބަޔާންކުރަނީ މިފަދައިންނެވެ. އެމެރިކާގެ ޙަޟާރަތަށް ދެނެގަނެވުނީ ފަޒާގައި ދަތުރުކުރާނެ އިންސާނެކެވެ. އިންސާނާއެކުގައި އުޅެންނަ ދަންނަ އިންސާނެއްނޫނެވެ. މި ޙަޟާރަތް ބަގުރޫޓްވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި މަޙްމޫދު ސައްލާތީގެ ފޮތް "އަހަރެންދުށް އެމެރިކާ" އަދި ޞަލާޙުލް ޚާލިދީގެ ފޮތް أمريكا من الاخل بمنظار سيد قطب   އަދި ހުޅަނގު މުފައްކިރެއްކަމުގައިވާ McNeill ހުޅަނގުގެ ޙަޟާރަތާބެހޭގޮތުން ބުނެފައިވާ ބަސްތަކަށް ވިސްނާށެވެ. އޭނާ ސިފަކުރިގޮތުގައި ހުޅަނގު ޙަޟާރަތް މިހާރުގެންދަނީ އޭގެ އެންމެ ފަހު ފޭސްތައް ގުނަމުންނެވެ. ރޫޙާނީ ނޫނީ މަޢުނަވީ ހުރިހާއެއްޗެއް ހަލާކުރުމަށްފަހު، ދުނިޔެ ހަލާކުގެ ތެރެއަށް ފޯރުވުމަށްފަހު މިހާރު އޭގެ އަމިއްލަނަފްސު ހަލާކުރުމަށް ރުޖޫޢަވެއްޖެވެ. ނަފްސު ހަލާކުރާކަމުގެ ހެކިދައްކާފައިވަނީ ޒުވާނުން އެލްކަހޯލްގެ ބުއިންތަކަށް ދޯޅަވުމާއި، މަސްތުވާތަކެތި ޢާއްމުވެގެންދުވަހެއްދުވަހަކަށް އިތުރުވަމުން އައުމާއި، ނަފްސާނީ ބަލިތައްގިނަވުމާއި، ހިތްހަމަނުޖެހުމާއި، ޖަރީމާތައްއިތުރުވުމާއި ދައްޖެހުންގިނަވުމާއި މިފަދަ އެތައް ކަންތައްތަކެކެވެ.

ތާރީޚީ ދަލީލުތަކަށް ބަލާއިރު ވަރަށް ގިނަ ހެކިތަކެއް މިރޮނގުން ފާހަގަވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم  ސުރާޤަތު ބްނުމާލިކަށް ޙަދިޘްކުރެއްވިއެވެ. كَيْفَ بِكَ يَا سُرَاقَة إِذَا لَبِسْتَ سَوَارَي كِسْرَي؟   ޢުމަރުބްނު ޙައްޠާބުގެ ޒަމާނުގައި ފާރިސްކަރަ ފަތަޙަވެ ސުރާޤަތު ބްނު މާލިކްގެ ބޮލުގައި ކިސްރާގެ ތާޖްއެޅުވި ކިސްރާގެ ގަހަނާއެޅުވިފައިވެއެވެ. އަދި ޢަބްދުﷲބްނު ޢަމްރޫބުނުލް ޢާޞް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. އަހަރެމެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ލިޔަމުންދިޔައިމެވެ. އެވަގުތު އެކަލޭގެފާނާ ސުވާލުދެންނެވުނެވެ. ޤުސްޠަންޠީނިއްޔާއާއި ރޯމް މިދެޤައުމުގެ ތެރެއިން އެންމެ ފުރަތަމަ ފަތަޙަކުރެވޭނީ ކޮންޤައުމެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދިޘްފުޅުކުރެއްވިއެވެ. އެންމެ ފުރަތަމަ ފަތަޙަކުރެވޭނީ ހަރުޤަލްގެ ރަށެވެ. ހަރުޤަލްގެ ރަށަކީ ޤުސްޠަންޠީނިއްޔާއެވެ. ޢުޘްމާނީ ރަސްކަމުގެ ދުވަސްވަރު މުޙައްމަދު އަލްފާތިޙްވަނީ ފަތަޙަކޮށްފައެވެ. އެއީ މީލާދީން 857 ގައެވެ. ރޯމް ފަތަޙަވުން އަދިއޮތީ ކުރިމަގުގައެވެ. އެކަމަށް ތައްޔާރުވާނީ ކޮންފަޚުރުވެރި މުސްލިމުންނެއްކަމެއް ނޭގެއެވެ؟ އެފަތަޙައިގައި ބައިވެރިވުމުގެ ނަޞީބުލިބިއްޖެނަމަ ހާދަވާރަނގަޅެވެ. ނަމަވެސް މިއަދު އެތަނަކީ ކެތޮލިކް ނަޞާރާއިންގެ ވެރިރަށެވެ. ވަޓިކަންވަނީވެސް އެގައުމުގައެވެ. މިއީ ޝައްކެތްނެތެވެ. އެއީ މުސްލިމުން ކުރާނެ ފަތަޙައެކެވެ. ރަސޫލާގެ ބަސްފުޅު ދޮގެއްނުވާނެކަން ޔަޤީނެވެ.

ދިރިއުޅުމުގެ ތެރެއިން ލިބެންހުރި ދަލީލަށްބަލާއިރު މިއަދު އިސްލާމީ ދައުލަތްތައް މިއަންނަނީ ބަދަލުވަމުން ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުތަކުން އެނގިފައިވާގޮތުގައި އެކަލޭގެފާނަށްފަހު ޚިލާފަތުގެ ވެރިކަން ﷲ މިންވަރުކުރެއްވި ދުވަހަކު އޮންނާނެވެ. ދެން އަންނާނީ ވިރާސީ ރަސްކަމެކެވެ. ރަސްކަން އެކަލާނގެ މިންވަރުކުރެއްވި މުއްދަތަކަށް ދެމިގެންގޮސް އިސްތިބްދާދިއްޔަތު އުންމަތަށް އަންނާނެވެ. ދެން އެއަށްފަހު އަޅުވެތިކަމާއި އިސްތިބްދާދިއްޔަތުން މިނިވަންވެ އަނެއްކާވެސް ނަބަވީ މިންހާޖުގެ މަތީވެރިކަން ޤާއިމުވާނެވެ. މިހާރު އެކަމަގެ އަލިމަގު ފެންނަން އިރާދަކުރެއްވިއްޔާ މިއޮތީ ފަށާފައެވެ. އިސްތިބްދާދިއްޔަތު ކަޅުއަދިރި ރޭތައް ނިމިގޮސް، އިސްލާމީވެރިކަމަށް އަލިވިލިގެންދިއުމުގެ އުންމީދުގައި ބައެއް މުސްލިމުން މަސައްކަތްކުރެއެވެ.

ޤައުމުތަކަށް އައިސްފައިވާ އިސްލާމީ ހޭލުންތެރިކަމަށް ބަލާށެވެ! ދިވެހިރާއްޖޭގައި އިސްލާމީ ހެދުމެއް އަޅައިގެން މަގުމައްޗަށް ނުކުންނަން ނުކުރެނު ދުވަސްތައް މިހާރުވަނީ މާޒީއަށް ދޫކޮށްލެވިފައެވެ. އެތައް އެތައް ޒުވާން އަންހެނުންނެއް މިހާރު ޝަރުޢީ އައުރަނިވާގޮތަށް ހެދުންއަޅައަޅައެވެ. އިސްލާމީ ހެދުމަކީ އެއީނޫންތޯއެވެ.

ޢަބްދުﷲ އިބްނު ޢައްޒާމް ރަޙްމަތުﷲޢަލައިހި 1971 ގައި މިޞްރުގެ ޙާލަތު ބަޔާންކުރަމުން ލިޔެފައިވެއެވެ. އަހަރެން ޕީއެޗްޑީ ހެދުމަށްޓަކައި 1971 ގައި ޤާހިރާ ޔުނިވަރސިޓީއަށްވަނީމެވެ. އޭރު އެ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ އާބާދީއަކީ 120 ހާހެވެ. އަންހެން ފިރިހެން ދެޖިންސް ހިމެނޭގޮތުންނެވެ. މި ބޮޑު އާބާދީގައި އެންމެ ކުޑަމިނުން އިސްތަށިގަޑު ނިވާކުރާ އަންހެން ދަރިވަރަކުވަނީ އެންމެ ދަރިވަރެކެވެ. ނަމަވެސް މިހާރު އެއާ މުޅިންތަފާތެވެ.

ދީން މުޠާލިޢާކުރާ މީހުން އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަބުން މުސްލިމުން އެބައިމީހުންގެ ދީނަށް ރުޖޫއަވުމާއި ބައެއް ކާފިރުން އެމީހުންގެ އަޞްލުޠަބީޢަތަށް އެނބުރިދިއުން މަދެއްނޫނެވެ. މިހާރު ދިވެހިރާއްޖޭގައިވެސް އިސްލާމްދީނާ ބެހޭގޮތުން ލިޔެފައި ހުންނަފޮތްތައް ވިކެމުންދެއެވެ. ފޮތްކިޔުންތެރިކަން އިތުރުވަމުން އަންނަކަމުގައި ފާހަގަވެއެވެ. ޢަރަބި ޤައުމުތަކަށް ބަލައިފިނަމަ މިކަން ވަރަށްބޮޑަށް ފާހަގަވެއެވެ. ލުބްނާނުގައި ފޮތުގެ ވިޔަފާރިކުރާ މީހުން އަޑިއަޅާލައިފިނަމަ ބުނާކަމުގައި ސައްޔިދު ޤުޠުބްގެ "ޤުރްއާނުގެ ހިޔަލުގައި" މިފޮތް ޗާޕްކުރަމާ ހިނގާށެވެ. މިއިން އިޝާރަތްކުރަނީ ހަމައެކަނި އެފޮތް ޗާޕްކުރުމެއް ނޫނެވެ. އިސްލާމީ ޘަޤާފަތުގެ ފޮތްތައް ޗާޕްކޮށް ބާޒާރަށްނެރުމެވެ.

ގިނަމުސްލިމުންނަށް ﷲގެ ވަޢުދުފުޅާ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަށް އިތުބާރުނުކުރެވުނަސް ޔަހޫދީން ވަރަށްރަނގަޅަށް އެކަން ޤަބޫލުކުރެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައިވެއެވެ. "މުސްލިމުން ޔަހޫދީންނާ ހަނގުރާމަ ކުރުމަށްފަހު ނޫނީ ޤިޔާމަތެއްނުވާނެވެ. އެހަނގުރާމައިގައި ޔަހޫދީންފަހާ މުސްލިމުންދާނެވެ. ޔަހޫދީން ހިލަޔާއި ގަސްގަހުގެ ނިވަލަށްވަދެ ފިލާނެވެ. އެހިނދު ހިލަޔާ ގަސް މުސްލިމުންނަށް ބުނާނެވެ. "އޭ މުސްލިމް އަދި ﷲގެ އަޅާއެވެ. އަހަރެންގެ ފަހަތުގައި މިއޮތީ ޔަހޫދީއެކެވެ. އައިސްޤަތުލުކޮށްލާށެވެ. ނަމަވެސް އަލްޣަރުޤަދް މިނަން ކިޔާ ގަސް މިހެންނުބުނާނެވެ. ފަހެ، އެއީ ޔަހޫދީންގެ ގަހެވެ."

މިއަދު އިޒްރޭލްދަނީ އެ ހަނގުރާމައަށް ތައްޔާރުވަމުންނެވެ. ޣަރުޤަދު އެރަށުގައި އިންދަމުންނެވެ. އަހަރުމެން ﷲގެ ވަޢުދަށް އަދި ވަޢީދަށް އިތުބާރުކުރަނީ ކިހާވަރަކަށްހެއްޔެވެ؟ އަދި އެކަލާނގެ ވަޢުދު ފުޅު ޙަޤީޤަތެއްގެ ސިފައިގައި ފެނިގެންދިޔުމަށްޓަކައި ތިބާގެ ދިރިއުޅުމަށް ގެންނަ ބަދަލަކީކޮބައިހޭ؟ ވަޢީދުފުޅުން ރައްކާތެރިވުމަށްޓަކައި ތިބާގެ ޢަމަލުކުރާ ޕްރޮގްރާމަކީކޮބައިހޭ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.