بسم الله الرحمن الرحيم
ދެފުށް ދެގޮތް ވުމަކީ އެއްޗެއްގެ އެތެރެފުށާއި ބޭރުފުށް ތަފާތުވުމެވެ. އާންމުކޮށް ކޮންމެ އެއްޗެއްގެވެސް ދެފުށް ދެގޮތް ވާނެއެވެ. ނަމަވެސް އިންސާނާގެ އެތެރާއި ބޭރު، ހިތާއި ހަށިގަނޑު އަދި ނިޔަތާއި އަމަލު އެއްގޮތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެވެނި މިވެނި މީހަކީ ވަރަށް ދެފުށް ދެގޮތް މީހެކޭ ބުނެވުމަކީ އެމީހާއަށް ލިބޭ ވަރަށް ބަދު ބަހެކެވެ. ހުރިހައި މުޖުތަމައެއްގައިވެސް އެކަން ބެލެވެނީ ނުބައި ކަމެއްގެ ގޮތުގައެވެ.
އިޚްލާޞްތެރިކަމަކީ ހިތުގެ ޢަމަލެވެ. އެއީ ހެޔޮ، ޞާލިހު ޢަމަލުތައް ކުރުމާއި ނުބައި ކަންތައްތަކުން ދުރުހެލިވުމުގައި ތިމާގެ އަމަލާއި އެއްގޮތަށް ހިތުނިޔަތް ބޭއްވުމެވެ. ތިބާގެ އެދުންތައް މާތް ﷲ އަށް ޚަލާޞްކުރުމެވެ. މީހެއްގެ ޢަމަލު ރަނގަޅުވެފައި ރީތި ނަމަވެސް ހިތުގައި އެއާއި ޚިލާފަށް އޮވެއްޖެ ނަމަ އެއީ އިޚްލާޞްތެރި މީހެއް ނޫނެވެ. އެއީ މުނާފިގުންގެ ސިފައެކެވެ.
ހިތުގައިވާ ނިޔަތާއި ގަސްތު ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މީހުނަށް ފެންނާނީ މީހާގެ ބަހާއި އަމަލުން ދައްކާ ގޮތެވެ. މާތް ﷲ އަށް އީމާންވުމާއި ހެޔޮ ޢަމަލު ކުރުމަށް އެކަލާނގެ އަމުރު ކުރައްވާފައިވެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއި އެކުގައެވެ.
އެކަލާނގެ ވަހީބަސްފުޅުގައި ވެއެވެ. {{ وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ }} البينة 5. މާނައަކީ: ” އަދި މާތް ﷲ އަށް ދީން ޚާލިޞްކޮށްގެން ވާ ހާލު، ޝިރުކާއި ދުރުހެލިވެ ތިބެ އެކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ. އަދި ނަމާދު ޤާއިމު ކުރުމަށާއި ޒަކާތް ދިނުމަށް އަމުރުވެވިގެން ވެއެވެ. ފުރިހަމަވެގެންވާ ދީނަކީ އެއީއެވެ.”
މީހަކު އަންހެނަކާއި މޮޔަވެގެން އޭނާއާއި އިނުމުގެ ބޭނުމުގައި ތިބާގެ ރަށާއި ވަޠަން ދޫކޮށް ހިޖުރަކޮށްފި ނަމަ އޭނާއަށް ހާޞިލު ވާނީ އެނާ އެބޭނުންވި ކަންތަކެވެ. އަނެކަކު ﷲ އަށް ޓަކައި ތިބާގެ އަމިއްލަ ރަށުގައި އެކަލާނގެ އަށް އަޅުކަންކޮށް އެކަލާނގެ އެންގެވިގޮތަށް އުޅެވެން ނެތިގެން އޭނާގެ ރަށް ދޫކުރީއެވެ. އޭނާގެ އެ ހިޖުރައަކީ ޝައްކެއް ނެއް ގޮތުގައި ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައެކެވެ. އެކަމުގެ ޘަވާބާއި ދަރުމަ ބޮޑުވެފައި އިތުރުވެގެން ވެއެވެ. މިތަނުގައި ދެމީހުންވެސް އެ ކުރީ އެއް ޢަމަލެކެވެ. ތަފާތީ ދެމީހުންގެ ނިޔަތެވެ. ދެމީހުންގެ ހިތުގައިވާ ތަޤުވާއެވެ. އިޚްލާޞްތެރިކަމެވެ. ހެޔޮ ޢަމަލުތަކުގައި އެއްމެ ބޮޑު ތަފާތަކީ އެއީއެވެ.
ރަސޫލު ﷲ ޞައްލަﷲ އަލައިހިވަސައްލަމް ޝަރުޢީ މިމަތިވެރި އުޞޫލު ދަސްކޮށްދެއްވަވައި ހަދީޘް ކުރައްވާފައިވެއެވެ.
{{ إِنَّمَا الأَعْمَالُ بِالنِّيَّاتِ، وإنَّمَا لِكُلِّ امْرِئٍ مَا نَوَى }} “ހަމަކަށަވަރުން (ހެޔޮ) އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ލިބޭހުށީ އެމީހަކު (އެ ޢަމަލެއް ކުރި އިރު އޭނާ) ގަސްތުކުރި އެއްޗެކެވެ.”
ވީމާ، އިޚްލާޞްތެރިކަމަކީ ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ޢަމަލެއްގައި ﷲ މެނުވީ އެހެން ފަރާތްތަކާއި ދުނިޔެވީ އެދުންތަކާއި ބޭނުންތަކުން ދުރުހެލިވެ، ހަމައެކަނި އާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދިގެން، މާތް ﷲ ގެ ރުއްސެވުމާއި ފުއްސުމަށް އެދިގެން އެކަމެއް އަދާ ކުރުމެވެ. މާތް ﷲ އަށް އިޚްލާޞްތެރިވުމަކީ ތިބާގެ ހިތުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ޖާގަ ނުދިނުމެވެ.
އިންސާނާ ކަމެއް ޤަބޫލްކުރުމާއި ނުކުރުމަކުން އޭގެ ފައިދާ ނުވަތަ ގެއްލުން ލިބެނީ އެބައިމީހުންގެ ވެރި ރަސްކަލާނގެއަކަށް ނޫނެވެ. އަދިކިޔެއް އޭގެ ގެއްލުމާއި ފައިދާ ހުރީ އެމީހަކަށެވެ. އެމީހެއްގެ ޛާތަށެވެ. އޭނާ ދިރިއުޅޭ މުޖުތަމާއަށެވެ. މާތް ﷲ އަކަށް އެކަމުން ލާބައެއް އޮތީއެއް ނޫނެވެ.
އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. {{ لَنْ يَنَالَ اللَّهَ لُحُومُهَا وَلا دِمَاؤُهَا وَلَكِنْ يَنَالُهُ التَّقْوَى مِنْكُمْ كَذَلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَبَشِّرِ الْمُحْسِنِينَ }} الحج 37. މާނައަކީ: ” (ﷲގެ އަމުރުފުޅަށް ކަތިލެވޭ ތަކެތި، ހަދްޔާއި އުޞްޙީޔާ އާއި ޢާޤީޤާ ފަދަ) ކަތިލުންތަކުގެ ލެއާއި އެތަކެތީގެ މަސް ﷲ ގެ ޙަޟުރަތަކަށް ނުދެއެވެ. (އޭގެ ބޭނުމެއް މާތް ﷲ އަކަށް ނުވެއެވެ.) އެކަމަކު އެކަލާނގެ ޙަޟުރަތަށް ދާ އެއްޗަކީ ތިޔަބައިމީހުންގެ ކިބައިގައިވާ ތަޤުވާއެވެ.”
އެއްޗެއް ކަތިލެވޭ ހިނދު އެކަތިލާ މީހާގެ ހިތުގައިވާ އިޚްލާޞްތެރިކަމެވެ.
ހިތް ސާފުކޮށް ތިބާގެ ބަހާއި އަމަލު ސީދާ ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މިފަދަ ދުނިޔެވީ އެދުންތައް ބޮޑުވެފައި ގިނަ ޒަމާނެއްގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތިމާގެ ނަފްސަށް ބަލައިލުން މުހިންމެވެ. ތިބާގެ ހިތު ނިޔަތް ޚާލިޞްތޯ ނޫންތޯއެވެ. މީހުންގެ ފަރާތުން ތަޢުރީފެއް ނުވަތަ ފައިސާ ފޮށްޗެއް ނުވަތަ މަގާމެއް ނުވަތަ ބައިފުށަށް ހިފުމެއް ނުވަތަ ހަސަދަވެރިކަމެއް ތިބާގެ ހިތަށް ވަދެ ދާނެތީއެވެ. އެއީ ވަރަށް ގާތުގައި ވާ ކަމެކެވެ. ނަފްސުގައިވާ ނުބައި އެދުންތަކާއި ޝައިޠާނުންގެ ވަސްވާސްތަކުގެ ސަބަބުންނެވެ.
މާތް ﷲ އަށްޓަކައި ތިބާގެ ހިން ޚަލާޞް ކޮށް ބެހެއްޓުމަށްޓަކައި މުއުމިނުން އަބަދާއި އަބަދު ތިބާގެ ހިތާއި މެދުގައި ފާރަވެރިވެ ތިބެން ޖެހޭނެއެވެ. އިޚްލާޞްތެރިކަމަށް އެދި ދުޢާ ކުރުމާއި ﷲ ގެ ހަޟުރަތުގައިވާ ޘަވާބުގެ ބޮޑުކަމާއި ދުނިޔޭގެ އުނިކަން ހަނދާންކޮށް، މާތް ﷲ ގެ އާޔަތްތަކާއި ކީރިތި ނަބިއްޔާގެ ބަސްފުޅުތަށް ކިޔައި ބަލަންވާނެއެވެ. ތިބާގެ ހިތުގައި ﷲ މެނުވީ އެހެން ފަރާތެއް މެދުވެރިކޮށްފި ނަމަ، މީހުންގެ ރުހުމާއި ސަޕޯރޓް އެދިގެން ކިތަންމެ ރަނގަޅު އަމަލެއް ކުރި ނަމަވެސް އެއީ ވަޔަށް ބުރައިގެންދާ ހިރަފުސް ފަދަ ބުރަދަނެއް ނެތް، ބާޠިލު އެއްޗެކެވެ.
ސަލަފުންގެ ބައެއް ބޭފުޅުން ވިދާޅުވާ ކަމުގައި ވެއެވެ. “މީހުންނަށް ފެނިދާނެތީ ހެޔޮ ޢަމަލު ނުކޮށް ދޫކޮށްލުމަކީ ދެއްކުން ތެރި ކަމެކެވެ. އަދި މީހުންނަށް ދެއްކުމަށްޓަކައި ހެޔޮ ޢަމަލު ކުރުމަކީ ޝަރީކު ކުރުމެވެ.”
وصلى الله وسلم على نبينا محمد وعلى آله وصحبه وسلم

















ޚިޔާލު