ދީނާ ގުޅޭ ކަންކަން ހިންގަވައި ދެއްވުމުގަޔާއި ލަފާދެއްވުމުގަޔާއި ސިޔާސީ ގޮތުން ވެސް ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދުނަޝީދު ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އުތުރުގެ ބައެއް އަތޮޅުތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ހޯރަފުށްޓަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު މިދިޔަ އަންގާރަ ދުވަހު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ދީނީ ކަންތައްތައް ކުރިއަށް ގެންދަނީ ދީނީ ދަންނަބޭކަލުންގެ އިރުޝާދުގެ މަތިން ކަމަށާ އަދި މިހާރު ދީނީ ކަންކަމަކީ އެކަމުގެ ހުނަރު ލިބިގެން ޒަމާނީ ހޭލުންތެރިކަމާއެކު ކުރެވެން އޮތް ކަމެއްކަމަށެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ދީނީކަންކަން ހިންގުމަށް މިސަރުކާރުން ޙަވާލުކުރައްވާފައިވާ ޢަދާލަތު ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނާ ވަކިވެ އެޕާޓީގެ ފަރާތުން އިސްލާމިކް މިނިސްޓްރީ އާ ޙަވާލުވެ ތިއްބެވި ދެބޭފުޅުންކަމުގައިވާ މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ސްޓޭޓް މިނިސްޓަރ ޝެއިޚް ހުސެން ރަޝީދު އަޙުމަދަށް ސަރުކާރުން އިސްތިޢުފާ ދެއްވުމަށް ގޮވައިލައިފާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...