ދިއިސްލާމް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިނަމަ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވިދާނެ: ޓްރާންސްޕޯޓް މިނިސްޓަރ

ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިނަމަ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވިދާނެ: ޓްރާންސްޕޯޓް މިނިސްޓަރ

ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިނަމަ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވިދާނެ: ޓްރާންސްޕޯޓް މިނިސްޓަރ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ޒަޔަނިސްޓުންނާއި ދެކޮޅަށް މިދިޔަ އަހަރު ޑިސެމްބަރ ގައި މާލޭގައި މުޒާހަރާ ކުރަނީ - ދިއިސްލާމް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިނަމަ އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.

"ހަވީރު" ނޫހަށް އިއްޔެ ދެއްވާފައިވާ ބަސްދީގަތުމެއްގައި އާދިލް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން 1993 ވަނަ އަހަރު އިޒްރޭލާއެކު ކޮށްފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށާއި، އެ އެއްބަސްވުމުގައިވާ ގޮތުން އިޒްރޭލުން ދަތުރުތައް ފަށަން ހުއްދަ އަށް އެދިއްޖެނަމަ ހުއްދަ ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އިކާއޯގެ މެމްބަރު ގައުމަކުން ވެސް ދަތުރުތައް ފަށަން ހުއްދަ އަށް އެދިއްޖެނަމަ ދޭން ޖެހޭ ކަމަށެވެ.

"މިކަމަކީ މިނިސްޓަރު ބޭނުންވީމަ ދޭ ހުއްދައެއް ނޫން. އެ އެއްބަސްވުމުގައި އޮންނަ ގޮތުން އިޒްރޭލުން ދަތުރުތައް ފަށަން ބޭނުންވެއްޖެ ނަމަ ދޭން ޖެހޭ. އެކަން ހުއްޓާލެވިދާނެ މަޖިލީހުން ޤަރާރެއް ފާސްކޮށްފި ނަމަ. އޭރުން އަޅުގަނޑު އެ ހުއްދަ އެއް ނުދޭނަން" އާދިލް އެ ނޫހަށް ވިދާޅުވެފައި ވެއެވެ.

އާދިލް މިދިޔަ ހުކުރު ދުވަހު "ސަން" އޮންލައިނަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް" ގެ ފްލައިތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެފްލައިޓްތައް އުދުހުމަށް "ސިވިލޭވިއޭޝަންގެ އެއްވެސް މައްސަލައެއް" ނެތް ކަމަށެވެ. އާދިލް ވިދާޅުވެފައި ވަނީ ސަރުކާރުގެ އެހެން މުއައްސަސާތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް އަދި ނުނިމޭތީ އެއާލައިން އަށް އުދުހުމުގެ ހުއްދަ އަދި ދީފައި ނުވާ ކަމަށެވެ.

އަދި އިޒްރޭލްގެ ފްލައިޓްތަކަށް ހުއްދަ ދިނުމަށް އެހެން މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ނިންމޭ ވަރުވާނީ މިއަންނަ ނޮވެމްބަރ މަހު ސާކް ސަމިޓްގެ ފަހުން ކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލްގެ އެލްއެލްގެ ފްލައިޓްތައް ރާއްޖެ އައުމުގެ ހުއްދަ އަށް އެދިފައި ވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ދަތުރުތައް ފެށުމަށެވެ.

ރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކުން ދަނީ އިޒްރޭލުގެ އެއްވެސް އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމަށް ދެކޮޅުހަދާ އަޑުއުފުލަމުންނެވެ.

ސަރުކާރާއެކު ކުރިން ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީން އެކޯލިޝަން ރޫޅާލާ، މިދިޔަ ހޯމަދުވަހުން ފެށިގެން ސަރުކާރުން ވަކިވެފައިވާ އިރު، ވަކިވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި އިޒްރޭލުގެ ފްލައިޓްތަކަށް ރާއްޖެ އައުމަށް ސަރުކާރުން ހުއްދަދޭން ނިންމުން ހިމެނެއެވެ. ޢަދާލަތުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ 50 އަކަށް އިސްލާމީ ގައުމު ތަކުގެ ތެރެއިން 48 ގައުމުގައި އިޒްރޭލުގެ ފްލައިޓްތައް ޖައްސަން ހުއްދަ ނުދެނީ ސަބަބުތަކެއް އޮވެގެންނެވެ. އެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އިޒްރޭލަކީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޢަދުއްވުން ކަމަށް ވުމާއި، މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގެންފައިވާ ގައުމެއް ކަމުގައި ވުމާއި، އަދި އިޒްރޭލަކީ ކެނޑިނޭޅި ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާކޮށް، މަރައި އެމީހުންގެ ގެދޮރުން ބޭރު ކުރަމުން ދާ އަނިޔާވެރި ގައުމެއް ކަމާއި އަދި އިޒްރޭލުގެ ފްލައިޓް ތަކަކީ ހަގުރާމަވެރީންގެ އަމާޒަކަށް ވުމުން އެ ފްލައިޓް ތަކުގެ ސަބަބުން ވަރަށް ބޮޑެތި ސެކިއުރިޓީ މަސްއަލަ ތައް ދިމާވެދާނެތީ ކަމަށް ޢަދާލަތުން ބުނެފައި ވެއެވެ.

އިޒްރޭލުގެ ޒަޔަނިސްޓުންނާއި ދިވެހި ސަރުކާރުން ގުޅުން ބަދަހިކުރާތީ އެކަމާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން އެކިފަހަރު މަތިން މުޒާހަރާ ކޮށްފައި ވެއެވެ. އަދި މިމަހުގެ ތެރޭގައި ދަނޑުވެރިކަން ކުރުމުގެ ބަހަނާގައި ސަރުކާރުން ރާއްޖެ ގެނައުމަށް ހަމަޖެއްސި އިޒްރޭލުގެ ޒަޔަނިސްޓުންގެ ވަފްދާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަޑުއުފުލަން ފަށާފައި ވަނިކޮށް، އެ ދަތުރު މިހާރު ވަނީ ސަރުކާރުން ކެންސަލްކޮށްފައވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.