ވެރިމީހާ އެއްދުވަހަކު ވަރަށް ބޮޑަށް ބަނޑުހައިވެ، އެވަގުތު ތައްޔާރުވެފައި ހުރި ކާއެއްޗެއް ގެނައުމަށް އެންގިއެވެ. ރޯފިލުވައިފައިވާ ބަށިތަކެއް ތައްޓަކަށް އަޅައިގެން ގެނެސް ވެރިޔާގެ އަރިހުގައި ބަހައްޓައިފިއެވެ. ވަގުތުން ފަރިއްކުޅުއްވަން ފެއްޓެވިއެވެ. ވަރަށް މީރު ކެއުމެއްގެ ގޮތުގައެވެ. އަދި އަރިހުގައި ތިބި ދަރުބާރުވެހީންނަށް ވިދާޅުވިއެވެ.
"ބައްޓަކީވެސް ހާދަ މީރު އެއްޗެކެވެ. ވަރަށް ރަހަ މީރެވެ."
އެހިނދުގައި ދަރުބާރުވެހީންގެ ތެރެއިން މީހަކު ކޮޅަށް ތެދުވެ، ވެރިޔާގެ ބަހަށް ތާއީދުކޮށް ބަށީގެ މީރު ކަމާއި އޭގެ ފައިދާގެ ބޮޑުކަން ވަރަށް ބޮޑަށް ބަޔާންކޮށް ބައްޓަށް ތަޢުރީފުކޮށްފި އެވެ. އެވާހަކަ ދެއްކިތާ މާގިނައިރެއް ނުވަނީސް ވެރިޔާގެ ބަނޑުހައިކަން ފިލައިފިއެވެ.
އިރުކޮޅަކުން ވެރިޔާގެ ބަނޑު ފުފި، އުނދަގޫވާން ފަށައިފި އެވެ. ހުސްބަނޑާހުރެ ބަނޑުފުރޭ ވަރަށް ހުސްބަށި ކެއުމުން ބަނޑުގައި ހަމަނުޖެހުމެއް ހިނގީކަމުގައި ވެދާނެވެ. ކޮންމެއަކަސް ވީ އުނދަގުލުގެ ބޮޑުކަމުން ވިދާޅުވިއެވެ.
"ބައްޓަކީ ކާންވާ ވަރުގެ އެއްޗެއް ނޫނެވެ. އުނދަގޫދޭ އެއްޗެކެވެ."
އަނެއްކާ ވެސް އެއްކަލަ މީހާ ތެދުވެ، ބައްޓަށް މަލާމާތްކުރި އެވެ. ބައްޓަކީ ބަނޑުގައި ވައި އުފައްދައި ބަނޑު ފުއްޕާ އަދި އެނޫން ވެސް އުނދަގޫދޭ އެއްޗެއް ކަމާއި ވެރިޔާ ތިޔަ ވިދާޅުވީ ހަމަ ތެދުފުޅެއް ކަމުގައި ދަންނަވައިފި އެވެ.
ރަސްގެފާނު ހައިރާން ވެގެން އޭނާގެ ގާތުގައި ބުންޏެވެ.
"އޭ މިހަރަ މީހާ އެވެ. އެއް ފަހަރު ތިޔަ ދުލުން ބަށީގެ މީރު ކަމާއި އޭގެ ފައިދާ އާއި ބެހޭ ގޮތުން ވާހަކަ ދެއްކައިފި އެވެ. މިހާރު ބަށީގެ ގެއްލުމާއި އޭގެ ނުބައި ކަމުގެ ވާހަކަ ތިޔަދައްކަނީ އެވެ. ކަލޭގެ ތިޔަ ހުރީ ބައްޓާ އެއްކޮޅަށް ހޭ؟ ނޫނީ ދެކޮޅަށް ހެއްޔެވެ؟ ކަލޭ ދެކޭ ގޮތަކީ ކޮބައި ހެއްޔެވެ؟"
އަހަރެމެންގެ މުޖްތަމަޢުގައި މިހާރު ސިޔާސީ، އިޖްތިމާޢީ، ދީނީ ވިސްނުން ބަލައިގަތުމުގައި މިހާރު ކަން އޮތް ގޮތަކީ އެއީ އެވެ. މުޖްތަމަޢުގެ ގިނަ މީހުންނަކީ ވެރިޔާގެ ބަސްކޮޅާ ވިއްދައިގެން ބައްޓަށް ތަޢުރީފް ކޮށްފައި މަލާމާތްކުރި މީހާ ފަދައިން އެހެން މީހުން ދަމާ ގޮވެލިފަތި ދަމާ އެދުރުންނެވެ.
ކޮންމެ މީހެއްގެ ނުވަތަ ގިނަ މީހުންގެ ޢަޤީދާ އަކީ މަގޭ ޕާޓީ އަކީ ރަންގަނޑެކެވެ. ހެޔޮ ވަނީ އެ ޕާޓީގަ އެވެ. މޮޅު ގޮތް އެނގޭނީ އަހަރެންގެ އެދުރަށެވެ. ޖަމާޢަތަށެވެ. ޕާޓީއަށެވެ. ޕާޓީ ރަނގަޅޭ ބުނާ ކަންތައް ރަނގަޅު ވާނެ އެވެ. ގޯހޭ ބުނާ ކަންތައް ގޯސްވާނެ އެވެ.
ހަމަ މިގޮތަށް، ގިނަ މީހުންގެ ކަންކަން ރަނގަޅު ކުރަން ގެންގުޅޭ މިންގަނޑަކީ މުޖްތަމަޢުގައި ދަރަޖަ އުފުލިފައިވާ މީހަކު އެކަމެއް ރަނގަޅު ކުރުމެވެ. ނޫނީ ގޯސްކުރުމެވެ. ނުވަތަ ބޮސް ވަކި ކަމެއް ރަނގަޅު ކުރުމެވެ. ނުވަތަ ގޯސް ކަމުގައި ކަނޑައެޅުމެވެ. ނޫނީ ގިނަ ބަޔަކު އެކަމެއް ވަކި ގޮތަކަށް ސިފަކުރުމެވެ. ނުވަތަ ގާތް ކަމުގެ ސަބަބުން ނޫނީ ކޮންމެވެސް އިޙުސާންތެރިކަމެއް ތިމާއަށް ކޮށްދީފައިވާ ފަރާތަކުން ކަމެއް ގޯސް ކަމުގައި ނުވަތަ ރަނގަޅު ކަމުގައި ބުނުމުން އެފަރާތުން ދުށް ގޮތަށް އެކަން ސިފަކުރުން ޙައްޤު ވެގެންވާ ކަމުގައި ދެކޭ މީހުންނެވެ.
އިޖްތިމާޢީ، ސިޔާސީ ކަމެއްގައި ގިނަ މީހުންގެ އަމިއްލަ ވިސްނުމެއް ހަރުދަނާ މައުޤިފެއް ނޯވެއެވެ. ގިނަ މީހުންނަކީ ޕާޓީގެ އަޅުންނެވެ. ވެރިންގެ ފަސްބައިގައި އެލިގެން ތިބޭ މީހުންނެވެ. ނޫނީ ގިނަ މީހުން ދެކޭ ގޮތަށް ތަބާވެ އެމީހުން ކަންކުރާ ގޮތަށް ކުރާ މީހުންނެވެ. ނޫންނަމަ ތިމާ ޤަބޫލުކުރާ ޝަޚްޞިއްޔަތުގެ ބަހުގައި ހިފައި ބަގުޑިބައްދައިގެން ދުވާ މީހުންނެވެ. އަދި ކީއްކުރަންތޯ އެވެ. ދީނީ ކަންތަކުގައިވެސް އަޞްލު ކަން އޮތް ގޮތާއި މެދު ވިސްނާލުމެއް ނެތި، އެކަން ދިރާސާ ކުރުމެއް ނެތި، އެހެން މީހުންނަށް ކަނު ތަޤުލީދު ކުރާ މީހުން އަހަރެމެންގެ މުޖްތަމަޢުގައި މަދެއް ނޫނެވެ.
ނަމަވެސް، އިސްލާމްދީނަކީ ކަނު ތަޤުލީދު މަނާކުރާ ދީނެކެވެ. އަދި އެއީ ވިސްނާ ފިކުރު ކުރުމަށާއި ޚަބަރެއް ލިބުމުން އެކަން ތަޙްޤީޤުކޮށް ބަލާފައި ރަނގަޅު ޚަބަރެއް ނަމަ ޤަބޫލުކުރަން އަންގާ ދީނެވެ. މީހަކު ހެދިހާ ގޮތެއް ހަދައިގެން ވަކި ގޮތެއް މަވްޤިފެއް ނެތި އުޅުމީ އެދީން މަނާކުރާ ކަމެކެވެ.
ކީރިތިރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުން إِمَّعَة އިން ކަމުގައި ނުވާ ހުށިކަމެވެ! (އެފަދަ ބަޔަކަށް ތިޔަބައިމީހުން ވެގެން ހިނގައްޖެނަމަ) ތިޔަބައިމީހުން ބުނާނެވެ. މީސްތަކުން އިޙްސާންތެރިވެއްޖެ ނަމަ އަހަރެމެން ވެސް އިޙްސާންތެރިވާނީ އެވެ. އަދި އެބައިމީހުން އަނިޔާވެރިވެއްޖެ ނަމަ އަހަރެމެން ވެސް އަނިޔާވެރިވާނީ އެވެ. (މިހެން ނުވާށެވެ!) އެކަމަކު މީސްތަކުން އިޙްސާންތެރިވެއްޖެ ނަމަ ތިޔަބައިމީހުން ވެސް އިޙްސާންތެރި ވުމަށާއި އަދި ގޯސްކޮށްފި ނަމަ ފަހެ، ތިޔަބައިމީހުން އަނިޔާވެރި ނުވުމަށް ތިޔަބައިމީހުން ނަފްސުގެ މައްޗަށް ލާޒިމް ކުރާށެވެ." (*1)
މި މާނައިން ދޭހަކޮށްދެނީ ބަޔަކު މީހުން ކަމެއް ރަނގަޅަށް ކޮށްފި ނަމަ ތިމާ ވެސް އެކަން ކުރުމެވެ. ނަމަވެސް އެބައިމީހުން ގޯސް ކަމެއް ކުޅަނަމަ ތިބާ އެކަމުން ދުރުވެ ރަނގަޅު ކަންތައް ކުރުމަށް ނަފްސަށް ބާރުއެޅުމެވެ.
ޙަދީޘްފުޅުގައި ސިފަކުރާ އިންމަޢާ އިންނަކީ އަމިއްލަ ރައުޔެއް ނެތް މީހުންނެވެ. ޢަޒުމުގައި ނިކަމެތި އެހެން މީހުންގެ ރައުޔަށް ތަބާވާ މީހުންނެވެ. ކަމެއްގައި ސާބިތުކަމެއް ނެތި އުޅޭ މީހުންނެވެ.
މިއަދު ކަނާތު ފިޔައިގެ މީހުންގެ ވިސްނުމާ އެކުގަ އެވެ. މާދަމާ ވާތު ފިޔައިގެ މީހުންނާ އެކުގަ އެވެ. ޖެހިގެން އަންނަ ދުވަހު ވަކި ފަރާތަކަށް ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އެއް ކަމެއްގައި ހެނދުނު ހުރީ ރީނދޫ ކުލައާ އެކުގަ އެވެ. ހަވީރު ހުރީ ނޫކުލަ އާއެކުގަ އެވެ. ރޭވި އިރު ހުރީ ފެހި ކުލައާ އެކުގަ އެވެ. އެއްވެސް ހަރުދަނާ ކަމެއް ނެތެވެ. ގޮތެއް ނެތެވެ. ވައިފަހި ވާނޭހެން އެނބުރެމުންދާ ވަހުތާނެއް ފަދައެވެ.
ތަފާތު ކުލަތަކަށް ބަދަލު ވުމާއި ބޮޑު މީހާގެ ބަހަށް ހެއްލުމަކީ އިންސާނުންގެ ތެރެއިން ފެންނަ ގޯސް އާދައެކެވެ. އިންސާނާގެ ނަފްސަކީ ތަޤުލީދުގެ އަސަރު ފަސޭހައިން ކުރާ އެއްޗެއްގެ ގޮތުގައި ފާހަގަ ވެފައި ވެއެވެ. މިހެންވެ، އިބްނު ޤުތައިބާ ވިދާޅުވެފައި ވެއެވެ.
"މީސްތަކުންގެ މިސާލަކީ ދޫނި ބައިގަނޑު ތަކެއްގެ މިސާލެވެ. އެސޮރުމެންގެ އެއް ބައިގަނޑު އަނެއް ބައިގަނޑަށް ތަބާވެއެވެ. ނަބީކަން ޚަތިމު ކުރެވިފައި ވާއިރު ވެސް ނަބީކަމުގެ ދަޢުވާ ކުރާ މީހަކު ނޫނީ ރުބޫބިއްޔަތުގެ ދަޢުވާ ކުރާ މީހަކު އެބައިމީހުންގެ ތެރެއިން ފާޅުވިޔަސް އެއިން ކޮންމެ ގޮވާލުމަކަށް ތަބާވާނެ ބަޔަކު ވާނެއެވެ."
ސިޔާސީ މައިދާނުގައި މިއަދު ވަނީ ވިސްނުމެއް ފިކުރެއް ނެތި ހުޅަނގުގެ ޑިމޮކްރަސީ އަށް ގޮވާލާ މީހުންނަށް މަރުދޭ މީހުންނެވެ. މަދަނީ ވެރިކަމާއި ދީނީ ވެރިކަމާއި ޖުމްހޫރީ ޢަލްމާނީ ވެރިކަމަށް ގޮވާލެވެމުންދާ ދުވަސްވަރެއްގައި މިއިން ކޮންމެ ބަޔަކަށް ވެސް ތަބާވާ ބަޔަކު ވާނެ އެވެ. އިޤްތިޞާދީ މައިދާނުގައި ކެޕިޓަލިޒަމް އަށް އިޖްތިމާޢީ ވިސްނުމުގައި ސެކިއުލަރިޒަމަށް ގޮވާލާ މީހުންގެ ބަހަށް ބޯލަނބައި އެއީ މޮޅުގޮތް ކަމުގައި ދެކޭ މީހުންނެވެ. ހުޅަނގުން ދެކޭ އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން އަކުރުން އަކުރަށް ފިލިން ފިއްޔަށް ހަމަ ހަމަ ކުރުމަށް ހުޅަނގުން ގޮވާލުމާ އެކު އެކަމަށް ހޭވައްލާތައްޔާރޭ ބުނާ މީހުންނެވެ.
ބަހުސެއް ނެތި ތެދުކޮށް ޤަބޫލުކުރަންވީ ކަންތައްތައް ސާފުކޮށް އިސްލާމްދީނުގައި އެނގެން އެބައޮތެވެ. އިސްލާމްދީނަކީ އެންމެ ފުރިހަމަ ފިކުރީ މުދާ އޮތް ދީން ކަމުގައި ވާއިރު އެ ދީނުގައި ސާބިތު ވެފައިވާ ކަންތައްތަކާމެދު ދެބަސްވުމުގެ ޖާގައެއް ނެތެވެ. ނަމަވެސް، އެ ބައިނަލްއަޤްވާމީ ރިސާލަތުގައި ކޮންމެ ތަނެއްގައި، ކޮންމެ ޒަމާނެއްގައި، ކޮންމެ ބަޔަކު ތަންފީޒު ކުރުން އިސްލާމީ ހަމައިގެ މަތިން ގެންދިއުމަށްޓަކައި ވިސްނާ ފިކުރު ކުރުމަށް ޖާގަ ދީފައިވާ ކަންކަން ހުރި އިރު އެފަދަ ކަމަކާ ގުޅޭ ކަމެއްގައި އުފުލޭ އަޑެއް އެހާ ލުއި ގޮތަކަށް މުޅިން ޤަބޫލުކުރުމަކީ ބުއްދިވެރި ގޮތަކަށް ވާނެ ބާވައެވެ.
________
(*1) މިއީ އަލްއިމާމް ތިރުމިޛީ ރިވާކުރެއްވި ޙަދީޘެއްގެ މާނަ އެވެ. މިއީ އަލްއިމާމް ތިރުމިޛީ ޙަސަން ދަރަޖަ ދެއްވާފައިވާ ޙަދީޘެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...