ތެދުމަގަކީ ކޮބައިތޯ ވިސްނަމުން އަހަރެން ދިޔައީމެވެ. އަޅުކަން ކުރުމަށް ޙައްޤު އިލާހަކީ ކޮބައިތޯ ބަލަމުން ދިޔައީމެވެ. އަހަރެން ބޮޑުވަމުން އައީ ނަޞާރާ ދީނަށް އުޅޭ މީހުންގެ ގެއެއްގައެވެ. އަހަރެން ކިޔަވަމުން ދިޔައީ ވެސް ނަޞާރާއިންގެ ސްކޫލެއްގައެވެ. އަދި ވަރަށް ރަނގަޅަށް ބައިބުލް ވެސް ކިޔާ ދަސްކުރީމެވެ. އަހަރެންގެ ޅައުމުރުގައި ވެސް އެއްކައުވަންތަ އިލާހަކު ވާކަން ޤަބޫލް ކުރެވެއެވެ. ސަބަބަކީ ބުދުދީން އަދި ހިންދޫންގެ ދީން ފަދަ ތަފާތު ދީން ތަކުގެ މަޢުލޫމާތު ބަލާ ދިރާސާ ކޮށްފައި ވާތީއެވެ. ނަމަވެސް އެއިން އެއްވެސް ދީނަކުން ޙައްޤު ތެދުމަގެއް ނުފެނެއެވެ.
11 ސެޕްޓެމްބަރ 2001 ގެ ކުރިން ވެސް އަހަންނަށް ކުރެވުނު ތަފާތު ތަޖުރިބާ ތަކުގެ އަލީގައި އެއްކައުވަންތަ ޙައްޤު އިލާހަކު ވާކަން އަހަންނަށް ވަނީ ޔަޤީންވެފައެވެ. ނަމަވެސް އަހަންނަށް ވިސްނާ ވިސްނާ އެއްވެސް ގޮތަކުން އެ އިލާހަށް އަޅުކަން ކުރާނީ ކިހިނެއް ކަމެއް ނުވަތަ އެ އިލާހާއި ކައިރި ވާން ކުރާނީ ކޮންކަމެއް ކަމެއް އޭރަކު ނޭނގެއެވެ. އެއީ އަހަރެންގެ ވިސްނުން އޭރު ހުރި ގޮތެވެ. މިހިސާބަށް ދިޔައިރުވެސް އޭރު އިސްލާމްދީނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. އަހަންނަށް ހައިރާންކަން ލިބެއެވެ. އެއީ އަހަރެން ބޮޑުވަމުން އައި ދުވަސްވަރު އަހަންނާއެކު ޙަސަން، މަޙްމޫދު އަދި ސަމީރު ފަދަ މުސްލިމް ރައްޓެހިން ތިބީމައެވެ. ނަމަވެސް އޭރު އެމީހުންނަކީ މުސްލިމުން ކަމެއްވެސް ނުވަތަ އިސްލާމްދީނަކީ ކޮބައި ކަމެއްވެސް ނޭނގެއެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން ގޮސް 1999 އަހަރުގައި ފުރަތަމަ ފަހަރަށް އަހަންނަށް އިސްލާމްދީން ތަޢާރަފް ވެއްޖެއެވެ. އެއީ ނިއު ޖާޒީގައި ހުންނަ ސްޓީވަންސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖުގައި އަހަރެން ކިޔެވި ދުވަސްވަރު ދިމާވި މުސްލިމް ރަޙްމަތްތެރިއެއް ކަމުގައިވާ އަހްމަރު ޞިއްދީޤްގެ ފަރާތުންނެވެ. އޭނާ އަކީ އެދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އަހަންނާއި އަހްމަރު އެހާ ގާތް ދެއެކުވެރިންނަށް ވާން މެދުވެރިވީ ކޮލެޖްގައި ކެމިސްޓްރީ އިމްތިޙާން އޮތް ދުވަހެއްގައެވެ. އަހަރެން ދަސްކުރަން ޖެހޭ މިންވަރަށް ދަސްނުކުރާތީ އެދުވަހު ބިރުން އުޅެނިކޮށް އަޑު އިވުނީ އަހްމަރަށް ޓެސްޓްގައި އަންނަ ހުރިހާ ސުވާލު އެނގޭ ކަމަށެވެ. މިއަޑު ހަމަ އިވުމާ އެކީ އަހްމަރު އަހަންނާއި ރައްޓެހި ނޫންކަމުގައި ވިޔަސް އަހްމަރު ކައިރިޔަށް ގޮސް އެހީވުމަށް އެދުނީމެވެ. އެދުވަހު އޭނާ ދިން ޖަވާބަކީ ހަމަ އެކަނި ޓެސްޓުގެ ސުވާލުތަކުގެ ޖަވާބު އެކަންޏެއް ނޫނެވެ. މުޅި ޙަޔާތުގައި އަހަރެން ބޭނުންވި ހުރިހާ ސުވާލެއްގެ ޖަވާބެވެ.
އަހަންނާއި އަހްމަރުގެ ގުޅުން މިދުވަހަށް ފަހު ވަރަށް ބޮޑަށް ބަދަހިވެ ދެމީހުންގެ އެކުވެރިންނާއި އެކު ތަފާތު މައުޟޫއުތަކަށް ވާހަކަ ދެއްކެން ފަށައިފި އެވެ. މިގޮތުން ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ވާހަކަ އަދި ދީނީ ތަފާތު ވާހަކަތައް އެކަކު އަނެކަކަށް ޙިއްޞާ ކުރަމުން ދިޔައީމެވެ. ދީނީ ވާހަކައިގެ ތެރެއިން އަހަންނަކީ ނަޞާރާ އަކަށްވީމަ އަހަރެން ދިޔައީ އަހްމަރުގެ ކުރިމަތީގައި އަހަރެންގެ ދީނުގެ ދިފާޢުގައި ބަރާބަރަށް ވާހަކަ ދައްކަމުންނެވެ. އަދި ބައެއްކަހަލަ ސުވާލު ސީދާ އަހަންނަށް ރައްދުވެސް ކުރެއެވެ. އަހަރެންގެ ވާހަކައިގައި ވާ ހަމަނުޖެހޭ ކަންތައްތައް ދައްކަމުން އަހްމަރު އަހަންނާއި ބަހުސް ކުރަމުން ދިޔައެވެ.
ނަތީޖާ އަކަށްވީ އަހަރެން އިތުރަށް ބޯހާސްވެ ތެދުމަގު ހޯދަން ބޭނުން ވުމުގެ ޝައުޤު އުފެދުމެވެ. ހައިރާންވި ކަމަކީ އެންމެ 18 އަހަރުގެ މި ޒުވާނާ ދެމުން ދިޔަ ޖަވާބުތަކަކީ މީގެ ކުރިން ދުވަހަކުވެސް މީހަކު އަހަންނަށް ދީފައި ނުވާ ޖަވާބުތަކެކެވެ. އަދި އެޖަވާބުތައް ދޭލެއް ފުރިހަމަ ކަމުން އަހަންނަށް ފުރަތަމަ ފަހަރަށް އެއީ އޮއްޓަރު ހުރި ވާހަކަ ކަން އެނގިގެން ދިޔައެވެ. އަހަރެންގެ މުޅި ޟަމީރު އެކަމަކަށް ޝައުޤު އުފެދި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރު ކޮށްފިއެވެ.
މިހިސާބަށް މިކަން ދިއުމުން އަހަރެންގެ އުމުރުން އެންމެ 15 ނުވަތަ 16 އަހަރުގެ ހަނދާންތަކެއް އާ ވެއްޖެއެވެ. އަހަރެން އެރޭ އުޑާއި ދިމާއަށް ބަލަން ހުރެ އަހަރެންގެ މުޅި ޓީޝާޓް ތެމެންދެން ރޮއެ އާދޭސް ކޮށް އަހަންނަށް ހައްޤު މަގު ދެއްކެވުމަށް އެދުނީމެވެ. މިއަދު އަހްމަރާއި ދިމާވެ އިސްލާމްދީނާއި ބެހޭ ގޮތުން ދަސްވި ދަސްވުމަކީ އެދުވަހު އަހަރެން ރޮއެފައި ކުރި ދުޢާ އިޖާބަ ކުރެއްވީ ކަމަށް ވެސް ހިތަށް އެރިއެވެ.
2000 ވަނަ އަހަރު އަހަރެންގެ ކިޔެވުން އެހެން ގޮތަކަށް ބަދަލުވުމާއެކު އަހްމަރާއި ބައްދަލުވުން ތަންކޮޅެއް މަދުވެއްޖެއެވެ. އަދި އެ ހޫނު މޫސުމަށް ފަހު، ހައި ސްކޫލް ޕްރޮގްރާމެއްގެ ޓިއުޓަރ ކައުންސެލަރެއްގެ ވަޒީފާ އަދާކުރަން އަހަރެން ފެށީމެވެ. އެ ދުވަސްވަރު އެހެން އަންހެން ކުދިންނާ ތަފާތު ދެ ކުދިންނާ ދިމާވިއެވެ. އޭރުގެ މުޖުތަމަޢުގެ މިންގަނޑުތަކާއި މުޅިން ތަފާތު ދެކުދިންނެވެ. ފެޝަންވެގެން އުޅުމާއި އަޑުގަދަ ކުރުން ފަދަ ކަންތަކެއް އެކުދިންގެ ކިބައިގައެއް ނެތެވެ. އެކުދިންގެ ކިބައިގައި ވަނީ މަޑުމާތިރިކަމާއި، ހަރުދަނާ ކަމާއި، ވަރަށް ރަނގަޅު އަޚްލާޤީ ރީތި ސިފަތަކެވެ. އަދި އެކުދިން ތިބެނީ ފުރިހަމަ އަށް ނިވާވާ ހެދުން އަޅައިގެންނެވެ. އެއީ ހިޖާބް ވެގެން ތިބި އަންހެން ކުދިންތަކަކާއި އަހަންނާއި ދިމާވި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެކުދިންން އެގޮތަށް ނިވާވެގެން ތިބުމާއި އެހާ ފުރިހަމަ އަދަބުވެރި ގޮތްތަކެއް ދަސްކުރީ ކޮންތަނަކުން ކަމާމެދު ހޯދުމުގެ ޝައުޤުވެރިކަން އަހަރެން ހިތުގައި އުފެދިއްޖެއެވެ.
އަހަންނާއި އަހްމަރު އާއި ދެމެދު ވާހަކަތައް ކުރިއަށް ދިޔަ އެއްވެސް އިރަކު މުސްލިމް އަންހެނުންނާއި ބެހޭގޮތުން ދަސްކުރާކަށް އަހަރެން ހަނދާނެއް ނުހުރެއެވެ. ވުމާއެކު މުސްލިމް އަންހެނުން އުޅެނީ ކިހިނެއް ކަމެއް ނުވަތަ އެމީހުން ހެދުން އަޅާ ގޮތަކީ ކޮބައި ކަމެއް އަހަންނަކަށް އެނގިފައެއް ނުވެއެވެ. އަހަރެން މިވާހަކަ ލިޔަމުން ދާއިރު މިހާރު ހިތަށް އަރައެވެ. އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން އިތުރަށް އުނގެނުމަށް ތަފާތު ގޮތްގޮތުން އެކި މަރުހަލާތަކުގައި ﷲ ޞުބުހާނަހޫ ވަތައާލާ އެކިމީސްމީހުން މެދުވެރިކުރެއްވިއެވެ. އެމީހުންގެ ފަރާތުން އިސްލާމްދީނާއި ބެހޭ ވަރަށް ގިނަ ކަންތައްތައް އަހަންނަށް ދަސްވިއެވެ. އެގޮތުން އިސްލާމްދީނުގައި އަންހެނުން ހިޖާބުވުމާއި، އަޚްލާޤީ ރީތި ސިފަތަކާއި، ކީރިތި ޤުރުއާނަށް ބާވާލެއްވި ދުވަހުން ފެށިގެން އެޤުރުއާނަށް އެއްވެސް ބަދަލެއް އައިސްފައި ނުވަނީ ކީއްވެގެން ކަން އެނގުނެވެ. އޭގެ އިތުރުން އިސްލާމަކަށް ވާނެ ގޮތާއި، ޝަހާދަތް ކިޔާނެ ގޮތް ވެސް ދަސްވިއެވެ.
އަހަންނަކީ މި ބުނާ ހިޖާބު ވެގެން ތިބި ކުދިންގެ އެސިސްޓެންޓް ޓީޗަރު ކަމަށް ވިޔަސް އެކުދިން އަހަންނަށް ދަސްކޮށްދިން ހުރިހާ އެއްޗެއްގެ އަގުވަޒަން ކުރީމެވެ. އިސްލާމް ދީން ދަސްކުރަން ވެއްޖެއްޔާ އަހަންނަކީ އެކުދިންގެ ކިޔަމަންތެރި ދަރިވަރެވެ. އިސްލާމްދީނަށް އަހަރެންގެ ހިތުގައި އފެދިފައިވާ ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަމަކު އެހާ ހިސާބަށް ދިޔައިރު އިސްލާމް ވާކަށް އަހަރެން ނުވިސްނަމެވެ.
2000 ވަނަ އަހަރު ނިމި 2001 ވަނަ އަހަރު ފެށިއްޖެއެވެ. އޭރުވެސް އަހަރެން ޤަވާއިދުން އަހްމަރު ކައިރިން އިސްލާމްދީން ދަސްކުރުން ކުރިއަށް ގެންދިޔައީމެވެ. އެހެންނަމަވެސް ކޮލެޖްގެ ދިރިއުޅުމުގެ ވައްޓަފާޅީގައި އަހަރެން ވަނީ ޖެހިފައެވެ. އަދި އަހަރެންގެ ކުރީގެ ދިރިއުޅުމުގެ ގޮތްތައް ދޫކޮށްލާފައި ﷲ އަށް ކިޔަމަންތެރިވުމުގެ ދިރިއުޅުމަކަށް ދާން އޭރު ހިތެއް ނުބުނެއެވެ. އަހަރެން އުޅުނީ ޕާޓީތަކަށް ދިއުމާއި، ނެށުމާއި، ހިޕްހޮޕް އަދި ރެޕް މިއުޒިކް އަޑު އެހުމާއި، ރައްޓެހިންނާއެކު ބުރުޖެހުމުގައި މަޝްޢޫލުވެގެންނެވެ.
ހޫނު މޫސުމުގެ ޗުއްޓީގެ ކުރިން އެއްދުވަހަކު އަހަރެން އަހްމަރު އަތުން ޤުރުއާންގެ ކޮޕީއެއް އަތުލީމެވެ. އަހަރެން އޭރު މަސައްކަތް ކުރަނީ ނިއުޔޯކްގައެވެ. އަހަރެން ދަތުރުކުރާ ކޮންމެ ތަނަކަށް މުސްހަފު ގެންދަމެވެ. އަދި ވަޤުތު ލިބޭ ވަރަކުން ޤުރުއާން ކިޔަމުން ދިޔައީމެވެ. އެއްދުވަހަކަ ބަހުގައި ތަނަކަށް ދާން އެރީމެވެ. އަހަރެންގެ ކައިރީގައި އިން ބަހުގެ އިންޖިނިއަރަށް ޤުރުއާން މުސްހަފު ފެނުމުން އަހަރެން ގާތު ސުވާލުކުރިއެވެ. "ތީ މުސްލިމެއް ހެއްޔެވެ؟" އޯގާތެރިކަމާއެކު ޖަވާބުގައި އަހަރެން ބުނީމެވެ. "ނޫނެކެވެ. އެދީނާ ބެހޭ ގޮތުން ދަސްކުރަނީ އެވެ." އޭނާ ބުނީ އޭނަ އަކީ މުސްލިމެއް ކަމަށެވެ. އަދި އިސްލާމްދީނާއި ބޭހޭ ގޮތުން އެއްވެސް ސުވާލެއް އެފެދިފައިވާ ނަމަ ސުވާލު ކުރުމަށް އެދުނެވެ.
މިހާރު ބައެއްފަހަރު އަހަރެންގެ އެދެމެވެ. އޭނައާ ބައްދަލުވުމަށެވެ. އަދި "އަހަންނަކީ މިހާރު މުސްލިމެކެވެ" މިހެން ބުނުމަށެވެ. އޭރުން އޭނާ ވަރަށް އުފާވާނެ ކަން ޔަޤީނެވެ. އަހަރެން މުޅި ހޫނު މޫސުމުގައި ނިއުޔޯކް ސިޓީ އަށް މަސައްކަތަށް ދާ ދަތުރުމަތީ އަދި އެނބުރި އަންނަ ދަތުރުމަތީގައި ޤުރުއާން ކިޔަން އާދަ ވެއްޖެއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ޤުރުއާނުން ލިބުނު މަޢުލޫމާތުތަކުގެ ސަބަބުން އަހަންނަށް ވަރަށް އަސަރުކޮށްފިއެވެ. ޤުރުއާނުން ކިޔާ ކޮންމެ އާޔަތަކުން ވެސް އަހަރެންގެ ހިތަށް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ. އަހަރެންގެ ފަރާތުން އިސްލާމްދީން އެދެނީ ކޮންކަމެއް ކަން އަހަންނަށް އެނގިއްޖެއެވެ. ނަމަވެސް، އޭރު އަދި އަހަރެން އިސްލާމްދީނަށް އެކީއެކައްޗަކަށް ވަނުމަށް ރޫހާނީގޮތުން އަދި ނަފްސާނީގޮތުން ތައްޔާރެއް ނޫނެވެ. ދުވަސް ކޮޅަކަށް ޤުރުއާން ކިޔެވުން ހުއްޓާލާ ދުނިޔެވީ އެހެން ކަންތައްތަކާއި ވިސްނަން ފެށީމެވެ.
އަހަރެން ކޮލެޖްގައި ކިޔެވުމުގެ 3 ވަނަ އަހަރެވެ. އެއީ 2001 ވަނަ އަހަރެވެ. ކަންތައްތައް ދިޔައީ ހަމަ ކުރިއެކޭވެސް އެއްގޮތަކަށެވެ. ކޮލެޖްގެ ފުރަތަމަ ދެ ހަފްތާ ދިޔައީ ޕާޓީ ހަރަކާތްތަކާއި، އޮރިއެންޓޭޝަނާއި، ބުރުޖެހުމާއި، ދަތުރު ދިއުމާއި، އެފަދަ ކަންތަކުގައެވެ.
(ނުނިމޭ)
_____________
* ނޯޓް: މިވާހަކަ އަކީ އެމެރިކާގެ ޒުވާނަކު އޭނާ އިސްލާމްވާން މެދުވެރިވީ ސަބަބު ކިޔައިދީ އޭނާ އިނގިރޭސި ބަހުން ލިޔެ، 8 ސެޕްޓެމްބަރ 2011 ގައި ޝާއިޢު ކޮށްފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާގެ ފުރަތަމަ ބައެވެ.
ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!
_____________
ތަރުޖަމާ މުރާޖަޢާ ކުރީ : ޙަސަން ޝިޔާޒް
ކޮމެންޓް (0)
ލޯޑް ކުރަމުން...