ދިއިސްލާމް ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ!

ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ!

ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

 

މާޒިލް ވަނީ އިންތިހާ އަށް ކަރުހިއްކައިގަނެފައެވެ. ނަމަވެސް ބޯނެ ފެންފޮދެއް ނެތެވެ. މާޒިލް ދިރިއުޅޭ ތަނުގައި ހުސްފުޅިއެއް އޮތެވެ. މާޒިލް އެފުޅީގެ މަތި ހުޅުވާލިއެވެ. އަދި އެފުޅިން އެންމެ ފެން ތިއްކެއްވެސް އަރުތެރެއަށް ދޭތޯ ފުޅީގައި ތުންޖަހާލިއެވެ. ނަމަވެސް.... އޭގައި އެންމެ ފެން ތިއްކެއްވެސް ނެތެވެ! މާޒިލްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ! ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ! ވިސްނާލައްވާށެވެ. މިއަދު ދުނިޔޭގެ އެތަން މިތަނުގައި ކާން ބޯން ނުލިބި ހާލުގައި ވޭނީ އުދާސްތަކުގައި އުޅެނީ ކިތައް ކިތައް އިންސާނުން ހެއްޔެވެ. އެވޭނުގައި ދުނިޔެ ދޫކޮށް ދަނީ ކިތައް ކިތައް އިންސާނުން ހެއްޔެވެ.

******************************

ޝާއިން އާއި އެކުވެރި ކުޑަކުދިންތަކެއް މަގުމަތީގައި ކުޅެމުން ދިޔައެވެ. ކުއްލިއަކަށް އެކުދިންތައް ސިއްސައިގެން ދިޔައީ ބަޑީގެ އަޑުފަށްގަނޑަށެވެ. އެ އަޑަކީ އެކުދިންނަށް އާ އަޑެއް ނޫނެވެ. އެކުދިންތައް ދުއްވައިގެންފިއެވެ. ރަޙުމެއްނެތް ކާފަރުންތައް އެކުދިންނާއި ދިމާކޮށްލައިފިއެވެ! އެކުދިން ހިފަހައްޓައިފިއެވެ! އެކުދިންގެ މައިންބަފައިން ރޮމުން އާދޭސް ކުރަމުން ގެންދިޔައެވެ! އެހެނަސް، އަނިޔާވެރި ގޮތުގައި އެކުދިން މަރާލީ އެކުދިންގެ މައިންބަފައިންގެ ކުރިމަތީގައެވެ! ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ! ވިސްނާލައްވާށެވެ. ރަޙުމެއްނެތް ކާފަރުންތައް މުސްލިމުންގެ ރަށްރަށަށް ވެރިވެގަނެ ދުވާލަކު ކިތައްކިތައް ކުޑަކުދިންނާއި ބޮޑެތި މީހުން މަރާލާ ހެއްޔެވެ. ކިތައްކިތައް ތަނުގައި، ކިތައްކިތައް ލާއިންސާނީ ޓެރަރިޒަމްގެ ޖަރީމާ ހިންގަމުން ދޭ ހެއްޔެވެ.

******************************

ޔަޝްޢަލް އަށް ދިމާވި ހިތާމަވެރި އެކްސިޑެންޓަކާއި ގުޅިގެން ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ކަނާތު ފައި ވަނީ ކަކުލުހުޅާއި ހިސާބުން ބުރިކޮށްލާފައެވެ! އެހެނަސް ޔަޝްޢަލްގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ޔަޝްޢަލް ކެތްތެރިކަމާއެކު ދިރިއުޅެމުން ދެއެވެ. ޔަޝްޢަލް ދަނީ މުޖުތަމަޢަށް ފައިދާ ހުރި ޒިންމާދާރު ވަޒީފާ އެއްގައި މަސައްކަތް ކުރަމުންނެވެ. ޔަޝްޢަލް ވިސްނަމުން ދިޔައެވެ. އޭނަގެ އެއް ފައި އުނި ވިޔަސް، ﷲ އޭނަ އަށް ދެއްވި ގުނާ ޢަދަދު ނުކުރެވޭ ނިޢުމަތްތަކުގެ މަތިންނެވެ. އަދި އޭނަ އަށް ދިމާވެފައިވާ ހާލަށްވުރެ މާބޮޑު ކަންތައްތައް ދިރިއުޅުމުގައި ދިމާވެފައި ތިބި މީހުން ދުނިޔޭގައި ވަރަށް ގިނައެވެ. އެ ޚިޔާލުތަކުން އޭނަގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ! ޔަޝްޢަލް އަށް ދެއްވާފައިވާ ނިޢުމަތްތަކަށް އަބަދުވެސް ﷲ އަށް ހަމްދާއި ޝުކުރުކުރެއެވެ. އަދި ﷲ އަށް ކިޔަމަންތެރިވެ އަދާކޮށް ބަރާބަރަށް އަޅުކަންތައް އަދާކުރެއެވެ.

ވިސްނާލައްވާށެވެ. ދުނިޔެ މަތީގައި ތަފާތު ޙާދިޘާތައް ދިމާވެ ހަށިގަނަޑުގެ ގުނަވަންތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވަނީ ކިތައްކިތައް މީހުންނަށް ހެއްޔެވެ. ތަފާތު ބަލިބަލީގައި ވޭނާއި ކެކުޅުމުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރަމުން ދަނީ ކިތައްކިތައް މީހުން  ހެއްޔެވެ.

******************************

ފާތިމާގެ އުމުރުން 50 އަހަރެވެ. ފާތިމާ އަށް ލިބިފައިވާ ދެ ދަރިން ބޮޑުވެއްޖެ އެވެ. އެމީހުން ދަނީ ސަރުކާރުގެ މަތީ މަޤާމްތަކުގައި ވަޒީފާ ޢަދާކުރަމުންނެވެ. ނަމަވެސް..... ފާތިމާ މިއަދު ދަނީ ހިތާމަ ކުރަމުންނެވެ. ފާތިމާ ދިރިއުޅެނީ އޭނަގެ ދަރިން ޒަމާނީ ފެންވަރަށް ހަދާދީފައިވާ ގެއެއް ގައެވެ. އެކަނިމައި އެކަންޏެވެ. ފާތިމާގެ ފިރިމީހާ ވަނީ މީގެ 5 އަހަރު ކުރިން ނިޔާވެފައެވެ. ފާތިމާގެ ދަރިންގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބެ އެވެ. އެދަރިން ފާތިމާގެ ޙާލު ބަލައެއް ނުލައެވެ. ބައްދަލުކޮށްލަން އެންމެ ފަހުން އައީ މީގެ އަހަރެއް ކުރިންނެވެ. ފާތިމާގެ ހިތަށް އަރަމުން ދިޔައެވެ. ދަރިފުޅުމެން މަންމަ ދެކެލަން އަންނާނީ ކޮންއިރަކު ހެއްޔެވެ؟ އެދަރިފުޅުމެން އައިސް "މަންމާ" އޭ ކިޔާ ލޯބިން ގޮވާލާނީ ކޮންއިރަކު ހެއްޔެވެ؟ "މަންމާއެވެ. ކުރެވުނު ކަންތައްތަކަށާއި، ބުނެވުނު ބަސްތަކަށް އަޅުގަނޑުމެންނަށް މަޢާފްކުރާށެވެ." މިފަދައިން ބުނުމަށް އެކުދިން ފާތިމާގެ ކައިރިއަށް އަންނާނެ ނަމަ ކިހާ ރަނގަޅުވީހެވެ. އޭރުން މިމަންމަ މަޢާފްކުރާނަމެވެ. ފާތިމާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ކެތެއް ނުވިއެވެ! ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަން ފެށިއެވެ!

ވިސްނާލައްވާށެވެ. ދަރިން ލޯތްބާއި އޯގާތެރިކަމާއެކު ގެންގުޅެ ބޮޑުކުރުމުން، އެދަރިންގެ ފަރާތުން އެއްވެސް އަޅާލުމެއް ނެތި މިފަދައިން އުޅެނީ ކިތައްކިތައް މަންމައިންނާއި ބައްޕައިން ހެއްޔެވެ.

******************************

މި ދުނިޔެ އަކީ އިމްތިހާނުގެ ގޮވައްޗެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ އިންސާނަކަށް ވެސް އުފާވެރި ކަންތައްތައް ދިމާވާ ފަދައިން ހިތާމަވެރި ކަންތައްތައް ވެސް ދިމާވެއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އާދެއެވެ. ފަސޭހަ ކަންތައްތަކާއި ދަތި ކަންތައްތައް ދިމާވެއެވެ. އެމީހެއްގެ ދިރިއުޅުމުގައި މިފަދައިން ކަންތައްތައް ދިމާނުވާ، އެއްވެސް ބައްޕަ އެއް ނުވަތަ މަންމަ އެއް ނުވަތަ ޢާއިލާ މެމްބަރެއް ނުވަތަ ރަޙްމަތްތެރި އަކާ ދިމާވި ހެއްޔެވެ؟

އިސްލާމްދީނުގައި ވަނީ މާޔޫސް ނުވުމަށާއި، ދިރިއުޅުމުގެ މަތިން ފޫހިނުވުމަށް އިރުޝާދު ދެއްވާފައެވެ. އިސްލާމްދީން އިރުޝާދު ދެއްވަނީ ކެތްތެރިވުމަށެވެ. މިންވަރަށް އީމާންވުމަށެވެ. ހިތާމަވެރި ކަންތައްތަކާއި ދަތި ކަންތައްތައް ދިމާވާއިރުވެސް ﷲ ގެ މަތިން ހަނދުމަކޮށް އެކަލާނގެ އަށް ޚުޝޫޢަތްތެރިވެ ނަމާދު ކޮށް ދުޢާ ދެންނެވުމަށެވެ. އިސްލާމީ އަޤީދާގައި ޘާބިތުވުމަށެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަށް އީމާން ވުމަކީ އުފާވެރިކަމާއި ބާއްޖަވެރިކަމުގެ އަޞްލެވެ. މާތް ﷲ އަށް އީމާންވުމެއް އަދި އެކަލާނގެ އަށް ތަޤްވާވެރިވުމެއް ނެތް ދިރިއުޅުމެއްގައި އެއްވެސް އުފާވެރިކަމެއް ހިތްހަމަޖެހުމެއް ނުވެއެވެ." ޤުރުއާނާއި ޙަދީޘާއި މިފަދަ ބަސްފުޅުތަކުން އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެއެވެ.

އެއްގޮތަކަށް ވެސް އެފަދަ ކަމެއް ދިމާވުމުން ﷲ އަށް އުރެދޭފަދަ ޢަމަލުތައް ކޮށްގެން އިންސާނާ އަކަށް ހަމަޖެހުމެއް ނުލިބޭނެ އެވެ. މިއުޒިކް އަޑުއެހުމާއި ފާޑުފާޑުގެ ފިލްމު ބެލުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރަލާއި މަސްތުވާތަކެތި ބޭނުންކުރުމާއި، ޑިސްކޯ އާއި ޕާޓީ އާއި ޝޯތަކަށް ދިއުން ފަދަ ކަންތައްތަކުން އިންސާނާ އަށް ޙަޤީޤަތުގައި ލިބެނީ އިތުރު ނުތަނަވަސް ކަމެވެ. ޣާފިލް ކަމުގެ ތެރޭގައި މިފަދަ ނުބައި ކަންތައްތަކުގައި ހަޔާތުގެ އަގުހުރި ވަޤުތުތައް ދުއްވާލަންވީ ކީއްވެގެން ހެއްޔެވެ؟

ދެރަވާންވީ ހެޔޮ ޢަމަލެއް ކުރުމަށް ފުރުޞަތު ލިބި އެފުރުޞަތު ދޫކޮށްލެވުނު ކަމަށްޓަކަވެ. އަދި ފާފަ އަކަށް އަރައިގަނެވުނު ކަމަށްޓަކައެވެ.

ﷲ ގެ ޙަޟްރަތަށް ތަޢުބާވެ ރުޖޫޢަވަމާ ހިނގާށެވެ. ޙަޔާތުގެ ދުވަސްތައް އެކަލާނގެ އަށް ކިޔަމަންތެރިކަމާއެކު ވޭތުކުރުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. ދުނިޔެ މަތީގައި ދިމާވަމުންދާ އެކި ކަންތައްތަކުން ޢިބްރަތް ޙާޞިލް ކުރަމާ ހިނގާށެވެ. ޣާފިލް ކަމުގެ ނިދިން ހޭލަމާ ހިނގާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.