އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
އައިސީސީގެ މެމްބަރަކަށް ވުމުގެ މުޢާހަދާގައި ރާއްޖެއިން ސޮއިކޮށްފައި ވަނީ މިހާރު ނިއު ޔޯކްގައި ކުރިއަށްދާ އދ. ގެ 66 ވަނަ ބައްދަލުވުމުގެ ތެރޭގައެވެ. މިމުޢާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަޙްމަދު ނަސީމެވެ.
ދިވެހިރާއްޖެއަކީ އައިސީސީގައި ބައިވެރިވި ދުނިޔޭގެ 118 ވަނަ ޤައުމެވެ. އަދި އޭޝިޔާގެ 17 ވަނަ ވަނަ ގައުމެވެ. ދިވެހިރާއްޖެ އައިސީސީގައި ބައިވެރިވުން ތަންފީޒުވެގެން ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ
މި ކޯޓްގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 14 ޖޫން 2011 ގައެވެ.
މިނިންމުން ނިންމުމާއި ގުޅިގެން، 21 ޖޫން 2011 ގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާ ކުރެވިފައިވަނީ އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާގޮތަށް ކަމަށްވީއިރު ބައިނަލްއަޤްޥާމީ ކޯޓުތަކުގައި އެއްވެސް ޝަރުޢީ ޙައްދެއް، އިސްލާމީ އިސްތިޘްނާއެއް ނެތި ރާއްޖެއިން ބައިވެރިވާން ނިންމުމީ ދިވެހި ރާއްޖެއަށް ޣައިރު ދީނާއި ހުރިހާ ބާވަތެއްގެ ފަސާދައެއް ވެއްދުމަށް ހުޅުވާލި މަގެއް ކަމުގައެވެ. ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވަނީ ވަކި ދީނަކަށް އުޅެމުން ނުދާ ތިމާމެންނަށް އެއިރަކު ފެންނަ ރަނގަޅު ގޮތަކީ ޤާނޫނު ކަމުގައި ހަދައިގެން އުޅޭ އަޚްލާޤީގޮތުން ހަމައެއް ލަމައެއްނެތް، ޢަބުރުވެރިކަމެއް ވެސް ނޯންނަ ބައެއްގެ ދުސްތޫރުގެ މައްޗަށް އިސްލާމީ ޤައުމަކުން އިސްލާމުންގެ ޙުކުމް ހުށައެޅުމަށް ރުހި ބައިވެރިވުމަކީ ﷲ ގެ ޙުކުމް ދޫކޮށް ޠާޣޫތުގެ (ﷲ ފިޔަވައި އެހެން ފަރާތްތަކުގެ) ޙުކުމަށް މީސްތަކުންގެ ޙުކުމް ހުށައެޅުން ކަމަށެވެ. އަދި ޙާކިމުލް މުޠްލަޤް އަކީ އިންސާނުން ކަމުގައި ހެދުން ކަމަށާއި އެއީ އިންސާނުން ކުރެ ވެސް އެންމެ ގޮތްކުޑަ، ވިޔާނުދާ މީސްތަކުން ދިރިއުޅެމުން ގެންދާ މުޖްތަމަޢު ތަކުން ކަމަށެވެ.
"ޝައްކެއްނެތް މިއީ ކުރިމަގުގައި ރާއްޖެއަށް ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ޢަލާމާތެއް. އަދި މިއީ ޣައިރުދީންތަކަށް ރާއްޖޭގައި ޙިމާޔަތް ދިނުމަށްހެދި ވިއްސާރައެއް" ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވެއެވެ.
ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓެއް އޮތުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް އެ ކޯޓުގައި ބައިވެރިވެފައިވާ ޤައުމުތަކުން ދެކެނީ، ޤައުމުތަކުގެ ކޯޓުތަކުގެ އިހްތިސާސުން ބޭރުގައި ހިނގާ، ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް ހިމެނޭ ކަންކަން އެ ކޯޓަކުން ބެލެންޖެހޭނެ ކަމަށް ދުށުމެވެ. އެ ކޯޓުން ބަލަނީ އެންމެ ބޮޑެތި ޖަރީމާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ޤަތުލު އާއްމުތައް، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ކުށްތައް، ހަނގުރާމައިގެ ޖަރީމާތައް އަދި އެކި ޤައުމުތަކަށްދޭ އުދުވާނީ ހަމަލާތައް ފަދަ ކަންތައްތަކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...