إنا لله وإنا إليه راجعون. ހަމަކަށަވަރުން، އެއީ މި ދީބު ދުށް ބަޠަލެކެވެ. ދިވެހި ފަސްގަނޑު އޭނާއަށްޓަކައި ފަޚްރުވެރިވާނޭ ފަދަ ޚިދުމަތްތަކެއް އޭނާ ކޮށްދެއްވިކަމަށް މި ދީބު ހެކިވާނެއެވެ. މި ދީބުގެ ޞާލިޙުންގެ ހިތްތައް ރޮއްވާފައި އޭނާ އެވަނީ މާތް ﷲ ގެ ޙަޟްރަތަށް ދަތުރުކުރައްވާފައެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި، އަޅުގަނޑު މި ޛިކުރުކުރަމުންދާ ބަޠަލަކީ އަލްއަޚް ޢަލީ އާދަމް މަނިކުއެވެ. ނުވަތަ އަޅުގަނޑުމެން އެންމެންގެ ބަހުން، ސްމާޓް އަލިބެއެވެ.
އަލިބެ ބަލިވެ އުޅުވުމަށްފަހު، ސްރީލަންކާގައި ނިޔާވީ މިއަދުގެ ވަޤުތެއްގައެވެ. إنا لله وإنا إليه راجعون
އަލިބެއަކީ ދީނީ ޖޯޝު ހިނގާ ބަޔަކަށް އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެ ޝަޚްޞިއްޔަތެއްކަން ވެސް އެނގެއެވެ. ނަމަވެސް، އަލިބެގެ ވާހަކަ ކުރުގޮތަކަށް ބަޔާންކޮށްދޭނަމެވެ. އަލިބެއަކީ، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ ދީނީ ޖަމްޢިއްޔާކަމުގައިވާ މުސްލިމުންގެ ގުޅުމުގެ މުއައްސިސްއެވެ. ގާތްގަނޑަކަށް 30 އަހަރު ވަންދެން އަލިބެ ވަނީ މި ދީބުގައި އިސްލާމްދީނަށް ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، އަލިބެ ވަނީ ޖާނާއި މާލުން މި ދީނަށް ޚިދުމަތްކޮށްދެއްވާފައެވެ.
އަޅުގަނޑު އެންމެ ފުރަތަމަ އަލިބެއާ ބައްދަލުވީ އެކުވެރިއެއްގެ ފަރާތުންނެވެ. ދުވަސްވަރަކީ، އަޅުގަނޑުގެ އަންހެނުންނަށް ރާއްޖެއިން ބޭރަށް ކިޔަވަން ދާން ފުރުޞަތު ލިބުނު ދުވަސްކޮޅެވެ. އެހެންކަމުން، ބޭރަށް ދިއުމަށްޓަކައި އަދި އެކޮޅުގައި ހުރުމުގެ ކަންތައް ހަމަޖެއްސުމުގެ ގޮތުން ފުދޭ ވަރަކަށް މާލީ އެހީއަށް އަޅުގަނޑަށް ޖެހުނެވެ. އޭގެ ކުރިންވެސް އަލިބެއަކީ އަޅުގަނޑާ ބައްދަލު ނުވިއެއް ކަމަކު އަޅުގަނޑު އަހައި އުޅޭ ނަމެކެވެ. ދީނީ ޚިދުމަތްތެރިއެއްގެ ނަމުގައެވެ.
އަޅުގަނޑުގެ ވާހަކަ އަލިބެގެ އަރިހުގައި އެކުވެރިޔާ ނަންގަތެވެ. އަލިބެގެ ގެއަށް އައުމަށް އަޅުގަނޑަށް އަލިބެ ދަޢުވަތު ދެއްވިއެވެ. މިއީ އަލިބެއާ އަޅުގަނޑު ބައްދަލުވި ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރުންވެސް އަލިބެގެ އަޚްލާޤާއި ހެޔޮކަމާއި މުޢާމަލާތުގައި ހުރި ރީތިކަން އަޅުގަނޑަށް ފާހަގަވެގެން ދިޔައެވެ. މާތް މަތިވެރި އިންސާނެކެވެ. ދީންވެރި ތަޤްވާވެރިއެކެވެ. ދީނީ ޚިދުމަތްތެރިއެކެވެ. ދީނީ ބަޠަލެކެވެ. އަޅުގަނޑު ހީ ނުކުރާ ވަރުގެ މާލީ އެހީއެއް އަޅުގަނޑަށް ދެއްވިއެވެ. އަދި އަޅުގަނޑަށް އަލިބެގެ މޯބައިލް ނަންބަރު ދެއްވިއެވެ. މާއްކާގައި އުޅޭ އިރު އަލިބެއަށް ގުޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަޅުގަނޑުގެ ނަންބަރުވެސް ހޯއްދެވިއެވެ.
މައްކާގައި އަޅުގަނޑު ހުރި އިރުވެސް އަލިބެ އަޅުގަނޑަށް ގުޅާ ޙާލު ބައްލަވައި ހެއްދެވިއެވެ. އަލިބެގެ ޚުލުޤަކީ އަޅުގަނޑުގެ ހިތުން ފިލައި ނުދާނެ މަތިވެރި ޚުލުޤެކެވެ. އަލިބެގެ ހިތް ހެޔޮ ކަމަކީ ހަނދާނުން ނުނެތޭނެފަދަ ހެޔޮކަމެކެވެ.
މިއީ އަޅުގަނޑުގެ ތަޖުރިބާއެކެވެ. އެހެންކަމުން، އަލިބެ ނިޔާވިކަމުގެ ޚަބަރު ވެގެންދިޔައީ އަޅުގަނޑުގެ ލޮލުން ކަރުނަ ހިލުނު ޚަބަރަކަށެވެ. ހިތުގައި ރިހުމެއް އުފައްދާލި ޚަބަރަކަށެވެ. މިއީ އަޅުގަނޑުގެ އެކަނި ހާލު ކަމުގައި އަޅުގަނޑު ނުދެކެމެވެ. އަލިބެ ދަންނަ ދީނަށް ލޯބި ކުރާ އެންމެން ހިތުގައި މި ވޭން އަޅާނެއެވެ. މި ދީބުގެ ޞާލިޙުންނާއި ދީނަށް ލޯބިކުރާ އެންމެން އަލިބެއަށް ހެޔޮ ދުޢާ ކުރާނެ ކަމީ ކަށަވަރުކަމެކެވެ. މިއީ އަލިބެއަށްޓަކައި ދުނިޔެވީ ބުޝްރާއެކެވެ. އަލިބެއަކީ ޞާލިޙް ތަޤްވާވެރިއެއްކަމުގެ ދުނިޔެވީ ޢަލާމާތެކެވެ.
އޭ ހައްދަވާ ބޮޑުކުރެއްވި ﷲ، އިބަ އިލާހުގެ އަޅާ އިބަ އިލާހުގެ ދީނަށް ޚިދުމަތް ކުރުމަށްފަހު އެ ވަނީ އިބަ އިލާހުގެ ޙަޟްރަތަށް ރުޖޫޢަވެފައެވެ. އިބަ ﷲ އީ، ޞާލިޙް ތަޤްވާވެރިންގެ ޙިސާބު އެންމެ ފުރިހަމަ ގޮތުގައި އެއްވެސް އުނި ކަމެއްގެ ނެތް ގޮތުގައި ދެއްވާ އިލާހެވެ. އިބަ ﷲ އީ، މުޙްސިނުންގެ ޢަމަލުތައް ބޭކާރު ނުރައްވާނެކަމަށް ވަޢުދުވެ ވޮޑިގެންވާ އިލާހެވެ. އިބަ ﷲ އީ ގިނަ ގިނައިން ފާފަ ފުއްސަވާ، ރަޙްމަތް ލައްވާ އިލާހެވެ. އެ އަޅާގެ ފާފަ ފުއްސަވާ، އިބަ ﷲ ގެ ރަޙްމަތް އެ އަޅާއަށް ލައްވާފާދޭއެވެ. އަދި އެ އަޅާއަކީ ޞިއްދީޤުންނާއި، ޞާލިޙުންނާއި، ޝަހީދުންނާއި ނަބީބޭކަލުންނާއެކު ސުވަރުގޭގައި ވާނޭ އަޅަކު ކަމުގައި ލައްވާފާދޭއެވެ. އާމީން!

















އާމީން،
ޢަލިބެއަކީ ކިޔަވާކުދިންނަށް ވަރަށް ދީލަތި ބޭފުޅެއް. އެދުނު ކަމެއް ކޮށްދެއްވުމަށް އަބަދުވެސް ހުންނަވަނީ ތައްޔާރަށް. ޢަލިބެއަށް މާތް ﷲ ހެޔޮ ދަރުމަ ދެއްވާށި.
މި ހެޔޮ ބަސްކޮޅަށް ޓަކާއި ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިފަދަ އަޅުންގެ ޛިކުރާއަކީ ނަފްސު ފަނާވެ ދިއުމަކުން އެނަފްސުގެ ޛިކްރާއަކަށް ނިމުން އޮތްކަމެއް ނޫންކަން ޅެންބަހުރުވައިން ހާމަކޮށް ދީފައިވެއެވެ. އެހެންކަމުން އަޅުގަނޑުގެ އެދެނީ ކޮންމެ ރައްޔިތަކުވެސް އަލިބެ ފަދަ އިންސާނަކަށް ވުމުގެ ޢަޒުމުގައި ދުނިޔެވީ ޙަޔާތް ވޭތުކުރުމަށް ހަމައެޔާއެކުގައި ޢަލިބެގެ ފުރާނަޔަށް މާތްﷲގެ ހެޔޮރަޙްމަތް މިންވަރުކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކޮށް ދެއްވުން.