ނޯޓް:މިއީ ޢަބްދުﷲ ޞާދިޤުގެ "އިސްލާމީ ތާރީޚުން ތެދު ވާހަކަ" މިފޮތުން ނަގާފައިވާ ވާހަކައެކެވެ.
ވަރަށް ކުރީ ޒަމާނެއްގައި ވަރަށް ބޮޑު ޢިލްމުވެރިޔަކު މަސްޖިދުއްނަބަވީގެ ފެންޑާގައި އޭނާގެ ދަރިވަރުންނަށް ޙަދީޘް ކިޔަވައިދެއްވަމުންގެންދެވިއެވެ.މި މާތް މިސްކިތަކީ، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެން އެރަށުގައި އިމާރާތްކުރެއްވި މިސްކިތެކެވެ.
މި ވާހަކައިގައި މިނަންގަނެވުނު މާތް ޢިލްމުވެރިޔަކީ އިމާމް މާލިކުގެފާނެވެ.އެކަލޭގެފާނަށް މާތް ރަސްްކަލާނގެ ދެއްވާފައިވާ މަތިވެރި ދަރަޖައެއްގެ ސަބަބުން ނުހަނު ދުރުހިސާބުގެރށްރަށުނވެސް ކިޔަވާކުދިން އެކަލޭގެފާނުގެ އަރިހަށް ކިޔަވާން އާދެއެވެ. އައިސް ޙަދީޘް ޢިލްމު އުނގެނެއެވެ. އެކަލޭގެފާނު ލިޔުއްވި ޙަދީޘް ފޮތްތަކުގެ ތެރެއިން އެއްފޮތަކީ،"މުޢައްޠާ އިމާމުމާލިކު" މިއެވެ.މިފޮތަކީ ދީނުގެ ޢިލްމު ކިޔަވާ ކުދީން ކިޔަވަމުން ގެންދާ ފޮތެވެ.
އެއްދުވަހަކު އިމާމު މާލިކުގެފާނު މިގޮތަށް،ކުދީންނަށް ޙަދީޘް ކިޔަވައިދެއްވަމުން ގެންދަވަނިކޮށް، އެކަލޭގެފާނުގެ ހެދުންކޮޅުގެ ދަށުން އުނަގަނޑުފުޅު މަތިގައި ނަގުލަންދާއްޓެއް ކަށިޖަހައިފިއެވެ. ނަގުލަންދާށި ކަށިޖެހީމާ އެކަލޭގެފާނަށް ވަރަށް ތަދުފުޅުވިއެވެ. ނަމަވެސް ޙަދީޘަށް އިޙްތިރާމު ކުރެއްވުމުގެ ގޮތުން އެވަރުގަދަ ވޭނަށް ކެތްކުރެއްވިއެވެ.
ތިޔަކުދީންނަށްވެސް އެނގޭނެއެވެ.ޙަދިޘޭ މިކިޔެނީ ިތުރު އެކަލޭގެފާނުގެ ބަސްފުޅުތަކަށެވެ. އެއީ،އެކިވަގުތު ދެއްވާފައިހުރި ދީނީ އިރުޝާދުތަކަށެވެ.އެކަންވާގޮތަކީ، ވަކިކަމަކާ ބެހޭގޮތުން އެކަލޭގެފަނު އިރުޝާދު ދެއްވައިފާނެއެވެ.ނުވަތަ ބޭކަލަކު ކުރައްވާ ސުވާލަކަށް އެކަލޭގެފާނު ޖަވާބު ދެއްވައިފާނެއެވެ. މިފަދަ ކޮންމެ ވަގުތެއްގައިވެސް އަޞްޙާބު ބޭކަލުން އެ ބަސްފުޅުތައް ލިޔުއްވައި ހައްދަވައެވެ. ލިޔުއްވަން ދެނެވަޑައިނުގަންނަވާ ބޭކަލުން ރަނގަޅަށް ހަނދުމަފުޅު ކުރައްވަނީއެވެ. ޙަދޘޭ ކިޔެނީ، މި ލޮބުވެތި، ބަސްފުޅުތަކަށެވެ. ކީރިތި ޤުރުއާނުގެ ބޭރުން އަހަރެމެން ދީނުގެ ކަންތައްތައް އޮޅުންފިލުވަނީ، އެބަސްފުޅު ތަކުންނެވެ.
ކޮންމެއަކަސް ނަގުލަންދާށި އެއްފަހަރު ކަށިޖަހައި، އަނެއްފަހަރުވެސް އުނަގަނޑުފުޅު މަތީގައި ކަށިޖަހައިފިއެވެ. ނަމަވެސް މާލިކުގެފާނު ދެންވެސް ހަމައެއްވެސް ކަހަލަ ކަންބޮޑުވެ ވަޑައިގަތުމެއް، ނުވަތަ ދަތިފުޅުވާ ކަމެއް ބޭރަކައް ފާޅެއްނުކުރައްވައެވެ. ނަމަވެސް ވީ ތަދުފުޅުުންނާއި ނަގާ ދިލަފުޅުން މޫނުފުޅުގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. މިކަން އަރިހުގައި ތިބި ކުދިންނައްވެސް އެނގޭވަރުވިއެވެ.
މިހާލުކޮޅުގައި އިންނަވައިގެން، އެކަލޭގެފާނު ކުދިންނައް ފިލާވަޅު ނަންގަވައި ނިންމަވައި ދެއްވިއެވެ. ނިމިވަޑައިގަތުމުން، ކިޔަވާ ކުއްޖަކު ގާތުގައި ވިދާޅުވިއެވެ. އަހަރެންގެ މިހެދުން ހިއްލާލާފައި، އަހަރެންގެ އުނަގަނޑު މަތީގައި މިއުޅެނީ ކޮންއެއްޗެއްތޯ ނިކަން ބަލާލަދީ ބަލާށެވެ.
ކިޔަވާ ކުއްޖާ، އެހެދުން އުފުއްލާލިއިރު، އެތާގައި އޮތީ ބޮޑު ނަގުލަންދާއްޓެކެވެ. އެތަންތާކައް ކަށިޖަހާފައި ހުއްޓެވެ. ހަމައެވަގުތު އޭތި މަރާލައިފިއެވެ. ދެން ކިޔަވާ ކުދިން އިމާމު އަރިހުގައި ދެންނެވިއެވެ.
"މާތް ސާހިބާއެވެ! އެހާ އުނދަގޫފުޅާއިއެކުގައި ކަލޭގެފާނު ފިލާވަޅު ކުރިޔަށް ގެންދަވައިފީމުއެވެ. އަޅުގަނޑުމެން ގާތުގައި އެވާހަކަ ވިދާޅުވިނަމަ، އެނަގުލަންދާށި ވަގުތުން މަރާލީމުހެވެ."
އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަންނަށްވީ އުނދަގުލުގެ ސަބަބުން ތިޔަހެން ހެދިނަމަ، ފިލާވަޅު ޖެހޭނީ، މެދުކަނޑާލާށެވެ. އެހެން ހެދުމުން ތިޔަކުދިންނަށް ގެއްލުންވާނެއެވެ. އެކަން އެއްކިބައިގައި އޮއްވާ ތެދުވެރި އިސްލާމެއް ހިތުގައި ކީރިތި رسول الله صلي الله عليه وسلم ގެ ޙަދީޘާއިމެދު އޮންނަންވީ އިޙްތިރާމާއި ޤަދަރުވެސް އޭގެ ސަބަބުން ކުޑަވެގެންދާނެއެވެ.
سبحان الله! މިހުންނެވީ އިޚްލާސްތެރި ޢިލްމުވެރިން رسول الله صلي الله عليه وسلم ގެ ޙަދީޘަށް އިޙްތިރާމު ކުރެއްވިވަރެވެ.އެކަމުން މިހާރު ގެ މީހުން އެކަލޭގެފާނުގެ ޙަދީޘަށް ހަދަނީ ބޭނުންގޮތެކެވެ.މާނަ ކުރަނީވެސް ތިމާމެން ހިތުހުރިގޮތަކަށެވެ.ހަވާނަފުސަށް ތަބާވެހުރެ ޙަދީޘްތައް އޮޅުވާލަނީއެވެ. ޔާ! ރައްބު! އެފަދަ މީހުން ކިބައިން އަޅަމެން ސަލާމަތްކުރައްވާށި! އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...