ދިވެހި ފުލުހުންގެ މުއައްސަސާގެ ލީގަލް ޓީމާއި، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން އެގާރަ ޢިލްމުވެރިންވެގެން ތައްޔާރުކޮށް، ރާއްޖޭގެ ތިން އެޓާނީ ޖެނެރަލުން ބައްލަވައި ރުހުން ދެއްވުމަށްފަހު ގެޒެޓްކުރަން ފޮނުވުނު ދީނީ އެއްބައިވަންތަކަމާ ބެހޭ ޤަވާއިދުގައި ހިމެނިފައިނުވާ، އަދި ސައްތައިން ސައްތަ އިސްލާމީ މުޖްތަމަޢަކާ ނުގުޅޭ، އިނގިރޭސި ޤާނޫނުގައިވާ ބައެއް މާއްދާތައް ފަހުން އިތުރުކުރެވިފައިވާ ކަމަށާއި، ވަރަށް ނުރައްކާތެރި ބަދަލުތައް އެ ޤަވާޢިދަށް އިއްޔެ ގެޒެޓްކުރިއިރު ގެނެސްފައިވާ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.
އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޤަވާއިދު ގެޒެޓް ކުރެވިފައި ވަނީ އެ ޕާޓީގެ ޢިލްމުވެރިންގެ މަޝްވަރާއެއް ނެތި އެ ޤަވާޢިދު ގެޒެޓްގައި ޝާއިޢުކުރުމަށް އެއްބަސްވެނުލެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒަށް ދަންނަވާފައިވަނިކޮށް، އެ މަޖިލީހާއި އެއްވެސް ވަރެއްގެ މަޝްވަރާއެއް ކުރެއްވުމެއް ނެތި ކަމަށެވެ.
އެ ޤަވާއިދުގެ އަޞްލު ކުރިން ރައީސުލްޖުމްހޫރިއްޔާވެސް ބައްލަވައި ރުހުން ދެއްވާފައި ވަނިކޮށް، އޭގައި ޕޮލިސީ މައްސަލަތައް ހުރިކަމަށް ބުނެ ހިފަހައްޓައި ޤަވާޢިދުގެ އަޞްލާ ކުޅެލާފައިވާ ކަމަށް ޢަދާލަތުން ބުނެއެވެ. އަދި ބުނަނީ ޤަވާޢިދުގައި ހިމަނާފައިވާ ވަރަށް މުހިންމު އަސާސްތައް ވަނީ ޤަވާޢިދުން އުނިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ފައްޅި އެޅުން މަނާކުރާ މާއްދާއާއި، ދިވެހިރާއްޖޭގައި ދީނީ ވަޢުޘުބުނުމާއި ފަތުވާދިނުން އޮންނަންޖެހޭނީ ސުންނަތްޖަމާޢަތާ އެއްގޮތަށްކަން ލާޒިމު ކޮށްފައިވާ މާއްދާއާއި، ފަތުވާ ދިނުމުގައި ރިޢާޔަތްކުރަން ބަޔާންކޮށްފައިވާ ބައިނަލްއަޤުވާމީ ސުންނަތް ޖަމާޢަތުގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލިސްތައް އުނިކޮށްފައިވުމާއި ފުރައްސާރަކުރުން މަނާކަންކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައިވުމާއި އެޤަވާޢިދުގައި ސުންނަތް ޖަމާޢަތުގެ ޢަޤީދާ ފެތުރުމަށް ބާރުއަޅާފައިވާވުން އެއިން އުނިކޮށްފައިވުން ހިމެނޭ ކަމަށް ޢަދާލަތުން ހާމަކުރެއެވެ.
"މިކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ގެޒެޓްކުރެވިފައިވާ ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ޕާޓީގެ އެންމެހާ މެންބަރުން ބަރީއަވެގެންވާ ކަން ދިވެހިލޮބުވެތި ރައްޔިތުންނަށް ހާމަކޮށް އަންގަމެވެ." ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ސޮއިކުރައްވާ ޢަދާލަތުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
ޢަދާލަތުން ވަނީ އަޞްލު ޤަވާޢިދުން އުނިކޮށްފައިވާ ބައެއް މުހިންމު މާއްދާތައް ހާމަކޮށްފައެވެ.
އެގޮތުން "ދީނީ ތަޤްރީރު ކުރުމުގެ ހުއްދަ ދޫކުރުމުގެ ޝަރުޠުތައް" ބަޔާންކުރާ މާއްދާ 15 ގެ (ށ) ގެ 1 ގައި ބުނާ "ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން" އުނިކޮށްފައިވާ ކަމަށާއި، މާއްދާ 19 ގެ (ހ) ގައިވާ "ދިވެހިރާއްޖޭގައި ދީނީ ކަންކަމުގެ ޙުކުމްތައް ބަޔާން ކުރަންވާނީ ސުންނަތް ޖަމާޢަތާ އެއްގޮތަށެވެ" އުނިކޮށްފައިވާ ކަމަށް ޢަދާލަތުން ބުނެއެވެ.
ޢަދާލަތުން ބުނާގޮތުގައި މާއްދާ 25 ގެ (ހ) ގައިވާ "ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ބިނާތައް ނުވަތަ އަޅުކަންކުރާތަންތަން ހެދުން ނުވަތަ ބިނާކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަޅުކަންކުރުމަށް ނުވަތަނަ އެހެންދީނަކަށް އަޅުކަންކުރާތަނަކަށް ނުވަތަ އެހެންދީނަކަށް ނިސްބަތްވާތަނަކަށް ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަމުންދާ ޢިމާރާތެއް ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ." މިނުކުތާ ވަނީ އުނިކޮށްފައެވެ. އަދި އެމާއްދާގެ (ށ) ގައިވާ "ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ދީނީ ޝިޢާރެއްކަމަށް ބެލެވޭ އެއްވެސް އެއްޗެއް އުފެއްދުމާއި ވިއްކުމަކީ މަނާކަމެކެވެ." މިނުކުތާ ވެސް އުނިކޮށްފައިވާ ކަމަށެވެ.
މާއްދާ 28 ގެ (ހ) ގައިވާ "ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން އެމީހުން އަޅުކަންކުރަން ގެންގުޅޭތަކެތި ޢާއްމުތަންތާގައި ބެހެއްޓުމާއި އެނޫންގޮތްގޮތުން ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމީ މަނާކަމެކެވެ." މި ނުކުތާގެ ޞީޣާ އެހެން ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، (ށ) ގައިވާ "ދިވެހިރާއްޖޭގައި ކިޔަވައިދޭ ރާއްޖެއިން ބޭރުގެ މުސްލިމް ނޫން ޓީޗަރުންނާއި އެހެނިހެން މީހުން، އެމީހަކު ކިޔަވައިދޭ ސިލަބަހުގެ އިތުރުން، ސްކޫލުތަކުގައި ވެސް އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ދީނެއްގެ ވާހަކައެއް ދައްކައި ހެދުމަކީ މަނާކަމެކެވެ." މި ނުކުތާ އުނިކޮށްފައިވާ ކަމަށް ޢަދާލަތުން ހާމަކޮށްފައި ވެއެވެ.
އަދި ބުނެފައި ވަނީ މާއްދާ 29 (ހ) ގައިވާ "ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މާތްﷲ އަށް ނުވަތަ ކީރިތި ރަސޫލާ އަށް ނުވަތަ އެކަލޭގެފާނުގެ ޞަޙާބީއަކަށް ނުވަތަ ކީރިތި ޤުރްއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް ދެއްކުން ނުވަތަ އަޑުފެތުރުމަކީ މަނާކަމެކެވެ." މި ނުކުތާގެ ޞީޣާ ބަދަލުކޮށް އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމާއްދާގެ (ށ) ގައި އެފަދަ ކަމެއް އިންޓަނެޓް ވެބްސައިޓް ނުވަތަ ބްލޮގް ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތެއް މެދުވެރިކޮށް ޝާއިޢުކުރުމަކީ މަނާކަމެއް ކަން ބަޔާންކުރެވިފައި ވީނަމަވެސް ގެޒެޓްކުރި އިރު އެނުކުތާ ވެސް އުނިކޮށްފައިވާ ކަމަށް ޢަދާލަތުން ބުނެއެވެ.
ޢަދާލަތުން ބުނާގޮތުގައި ޢިލްމުވެރިންގެ މަޖްލީހުން މިކަމާއި ބެހޭގޮތުން ނޫސްބަޔާން ނެރެފައިވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ގޮތުން ހެދި ޤަވާޢިދުގެ އަޞްލަށް ބަލައި، މިހާރު ނެރެފައިވާ ޤަވާޢިދާ އަޅާކިޔައި ދިރާސާކުރުމަށް ފަހުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...