ރައީސް އޮފީހުގައި އަހަރަކަށްވުރެ ގިނަ ދުވަސްވުމަށްފަހު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު މިއަދު އެ އޮފީހުން ގެޒެޓްކޮށްފިއެވެ.
އެ ޤަވާއިދުގެ ތަޢާރަފްގައި ބުނަނީ އެއީ ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ތަންފީޛު ކުރުމަށްޓަކައި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާއިދެއް ކަމަށެވެ.
ޖުމްލަ 12 މާއްދާ ހިމެނޭ ގޮތަށް ހަދާފައިވާ އެ ޤަވާއިދުގައި ވާގޮތުގައި ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ. އެގޮތުން އެ މިނިސްޓްރީން ޤަބޫލުކުރާ ޔުނިވަރސިޓީ، ކޮލެޖް، މަރުކަޒަކުން އިސްލާމްދީނުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ، ނުވަތަ އެއަށްވުރެ މަތިން ސެޓްފިކެޓް ޙާޞިލްކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ކީރިތި ޤުރުއާނުގައި އަދި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންވެގެންވާ ކަމަކާއި ޚިލާފަށް ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އިސްލާމްދީން ދިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިޢާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމަޢެއްގައި ޢާންމުކޮށް ގެންގުޅުމާއި، އެ އެއްޗެއްގެ މައްޗަށް މީސްތަކުން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުމަކީ ޤަވާއިދުގެ ދަށުން މަނާކަމެކެވެ.
މީގެ އިތުރުން މިޤަވާއިދުގެ ދަށުން، މާތް ﷲ އަށް ނުވަތަ އެކަލާނގެ ރަސޫލުންނަށާއި ނަބީބޭކަލުންނަށް ރައްދުވާނޭ ގޮތަށް ހުތުރު އެއްޗެތި ބުނުމާއި، އެ ކަލާނގެ އާއި ރަސޫލުންނާއި ނަބިއްޔުންގެ ޤަދަރާއި ލޯބި ކުޑަވާނޭ ފަދަ ކަންކަމާއި އެފަރާތްތަކާ ނިޞްބަތްކުރުމަށް ވާހަކަދެއްކުމާއި، ކުރެހުން ކުރެހުމާއި، އެނޫންވެސް ގޮތަކަށް އެފަދަ ޝުޢޫރު ފާޅުކޮށް ހެދުމަކީ މަނާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭޢ ފަދަ ޕްރޮގްރާމްތައް ޓެލެކާސްޓް ކުރުމާއި ބްރޯޑްކާސްޓް ކުރުމާއި ޝާއިޢު ކުރުމަކީ މަނާކަމެކެވެ.
"ދިވެހިރާއްޖޭގެ ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކުން ނުވަތަ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނުވަތަ މީޑިއާގެ އެކި އުފެއްދުންތައް އުފައްދާ އެއްވެސް ފަރާތަކުން މާތް ﷲ އަށް ނުވަތަ ކީރިތީ ރަސޫލާ އަށްނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް އުފައްދައިގެން ދެއްކުމާއި، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކައި، އެކަންކަމުގެ އަޑުފެތުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ލިޔެކިޔުންތަކާއި ކުރެހުންތަކާއި، އިޝްތިހާރުތަކާއި، އިސްލާމްދީން ނޫން ދީންތަކުގެ ދީނީ ޕްރޮގްރާމްތައް ދެއްކުމާއި ފޮނުވުމާއި ގެންގުޅުމަކީ މަނާކަމެކެވެ." ޤަވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައި ވެއެވެ.
މި ޤަވާއިދާ ޚިލާފަށް އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމާއި ދީނީ ތަޤްރީރުކުރުމާއި ވަޢްޡު ބުނުމާއި އެހެންދީންތަކުގެ ޝިޢާރުތައް ދިވެހިރާއްޖޭގައި ފާޅުކޮށްހެދުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކުށެއް ކޮށްފި މީހަކަށް ޤާނޫނު ނަންބަރު 6/94 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ދެވޭނެ ކަމަށް ޤަވާއިދުގައި ބުނެއެވެ. އަދި އެމީހަކީ ބިދޭސީ އަކު ނަމަ އެމީހަކު ރާއްޖެއިން ފޮނުވާލުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ޙަވާލުކުރެވޭނެ ކަމަށް ޤަވާއިދުގައި ބުނެއެވެ.
މީގެ އެއް އަހަރާއި ހަތަރު މަސް ކުރިން އިސްލާމިކް މިނިސްޓްރީ ތައްޔާރުކޮށް ރައީސް އޮފީހަށް ގެޒެޓްކުރުމަށް މި ޤަވާއިދު ފޮނުވުމުން ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ވިދާޅުވެފައެވެ. ޑރ.މަޖީދު މިފަދައިން ވިދާޅުވެފައި ވަނީ ޤަވަޢިދު މުރާޖަޢާކޮށް، އެންމެ ފަހު ބަސް ހޯދަން ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމާއި ގުޅިގެންނެވެ. ނަމަވެސް ޤަވާއިދަށް ސަރުކާރުން ގެނެސްފައިވާ ބަދަލެއް ޑރ. މަޖީދު ވިދާޅުވެފައެއް ނުވެއެވެ. އަދި ފަހުން މި ޤަވާއިދު މުރާޖަޢާކުރުމަށް ފަހު އަނބުރާ ރައީސް އޮފީހަށް ފޮނުވި އިރު އުނިކޮށްފައި ހުރި އެއްޗެހި އިތުރުކޮށްފައި ވާ ކަމަށް ޑރ. މަޖީދު ވިދާޅުވެފައިވެއެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު ވިދާޅުވުމަށް

ކޮމެންޓް (0)
ލޯޑް ކުރަމުން...