
މިއަދު ހިރިޔާ ސްކޫލްގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ޝައިޚް ޢަލީ ޒާހިރު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ހަވީރު ނޫސް
ދީނީ ކަންކަމާއި ގާތްވުމަކީ ނަފްސާނީ ގޮތުން ލުއި ލިބޭނެ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިން ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެވެ.
މިދިޔަ ހުކުރު ދުވަހު ކ.ހުރާ އަށް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ނާޒިމް އާއި 4 ދަރިވަރަކު ނިޔާވި ހިތާމަވެރި ޙާދިޘާ އަށް ފަހު އެ ސްކޫލްގައި މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ނިޔާވި ޕްރިންސިޕަލަށާއި ކުދިންނަށް މިހާރު ކޮށްދެވެން އޮތް ކަމަކީ ހެޔޮ ދުޢާ ކުރުން ކަމަށެވެ. އެ ޙާދިޘާ އިން ވަރަށް ބޮޑު ޢިބްރަތެއް ލިބޭ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ޕްރިންސިޕަލް ޢަލީ ނާޒިމްގެ ހިތްވަރުން ފިލާވަޅު ލިބަގަނެ، އެ ނަމޫނާ ބަލަން ޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ސިފަކުރެއްވި ގޮތުގައި އެ ޙާދިޘާގައި ނިޔާވި ޕްރިންސިޕަލާއި ކުދިންނަކީ ޝަހީދުންނެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅެއްގެ އަލީގައި، ޝައިޚް ބަޔާން ކުރެއްވީ ތޯއޫން ބަލީގައި މަރުވާ މީހުންނާއި، ބަނޑުގެ ބައްޔެއްގައި މަރުވާ މީހުންނާއި، ޣަރަޤުވެގެން މަރުވާ މީހުންނާއި، އުސްތަނަކުން ވެއްޓި މަރުވާ މީހުންނާއި، ﷲ ގެ މަގުގައި ޖިހާދު ކުރަނިކޮށް މަރުވާ މީހުންނަކީ ޝަހީދުން ކަމަށެވެ.
މި އެސެމްބްލީގައި ބައިވެރިވި ބޭފުޅުން ވާހަކަދައްކަވަމުން ދިޔައިރު މުޅި ހޯލުތެރެއިން ރުއިމާއި ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އެސެމްބްލީގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ކައުންސެލަރުން ދަރިވަރުންނަށް ހިތްވަރުދީ އެހީތެރިވެފައި ވެއެވެ. ބައެއް ކުދިން ހޯލުން ބޭރަށް އަށިގަނޑުގައި ގެންގޮސް އެކަމަށް ޚާއްޞަ ކޮޓަރީގައި ފަރުވާ ދީފައި ވެއެވެ.
މި އެސެމްބްލީގައި އެހެން ބޭފުޅުން ދެއްކެވި ވާހަކައިގައި ހިތާމަވެރި ވަޤުތުތަކުގައި ޢަމަލުކުރަން ޖެހޭ ގޮތްތައް ކިޔާދެއްވިއެވެ. އަދި ދުނިޔޭގައި ދިމާވާ ހިތާމަވެރި ކަންކަމަށް ކެތްތެރިވުމަށް ނަސޭހަތްތެރިވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވިދާޅުވީ އެ ޙާދިޘާ އިން އެންމެން ވެސް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހިތާމަވެރި ކަމެއް ދިމާވިޔަސް ހިތްވަރާއި އަޒުމާއެކު ނުކުމެ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
މި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރ އާއި ފިނޭންސް މިނިސްޓަރ އަޙްމަދު އިނާޒް އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...