1432 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ލުމަށްޓަކައި އަހަންނަށާއި ޢާއިލާގެ މީހުންނަށް ގަމީހެއް ނޫނީ ޓީޝާޓެއް ގަތުމަށް ފިހާރަތަކަށް ޒިޔާރަތް ކޮށްލީމެވެ. ހުރިހާ ފިހާރައެއްގައި ހެން ހުރީ ހަމަ އެއް ޑިޒައިންތަކެއްގެ ގަމީހެވެ. އެއް ވައްތަރެއްގެ ޓީޝާޓު ތަކެކެވެ. މިހާރުގެ ގޮތުން ބުނަންޏާ ބޮޑުގުޅަ އެއްޗެއްސެވެ. ބޮޑު ގުޅަ ޓީޝާޓެއް ލާނީ މިޒަމާނުގައި ފަހެ ކާކު ހެއްޔެވެ. އެހެންނޫނީ މަޖީދީމަގުން ހިނގާލާއިރު ބައި ހަމަ ކޮށްލެވޭ ވަރުވާނެއެވެ.
ކަންމިހެން ހުރުމުން މާލޭގެ ނަން މަޝްހޫރު ވަންޕީސް އެއްޗެހި ވިއްކާ ފިހާރަތަކަށް ވަދެލީމެވެ. ރީތި ނަލަ ހެދުމާއި ގަމީސް ވެސް ހުއްޓެވެ. ފިހާރައިގައި ހުރި ކުއްޖެއްގެ ކައިރީ ވަންޕީސް ޓީޝާޓެއް ދައްކާލާށޭ ބުނުމުން މިއީ ޢީދު ޝިޕްމަންޓޭ ބުނެ ޓީޝާޓް ތަކެއް ދައްކާލިއެވެ. އެއްކޮޅުން ފެށިގެން އަތުރާފައި ހުރި ޓީޝާޓްތައް ބަލާ ނިމުނު އިރު އަހަންނަށް ހީވީ މިހުރެވެނީ ޔޫރަޕްގެ ޤައުމެއްގައި ނޫނީ އެމެރިކާގެ ސިޓީއެއްގައި ހެންނެވެ.
ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އުޅޭ ފަރުދުންނަށް ވިއްކުމަށްޓަކައި ގެނެސްފައި ހުރި ހެދުންތައް ފެނިފައި ހަމަ އާޝޯހްވެ އަންތަރީސް ވިއެވެ. ގިނަ ޓީޝާޓް ތަކުގައި ލިޔެފައިވާ ޢިބާރާތް ތަކާއި މަންޒަރު ތަކަކީ ޢީދު ނަމާދަށް ދާން ހެޔޮވާވަރުގެ އެއްޗެއްސެއް ނޫނެވެ. ޢާއިލާގެ މީހުންނަށް ދޭން ކެރޭ ވަރުގެ މެސެޖުތަކެއް ނޫނެވެ. ޔަޤީނުންވެސް އެއީ މުސްލިމުންނާއި ނުގުޅޭ 18+ މީހުންނަށް ތައްޔާރު ކޮށްފައިވާ އެއްޗެހިތަކެކެވެ. ކުޑަކުދިންނަށް އެކަށޭނަ ޢިބާރާތް ތަކެއްނޫނެވެ. މަގުމައްޗަކީ ހުރިހާ އުމުރު ފުރައަކަށް ހުޅުވާލެވިފައިވާ ތަނެކެވެ.
ބަދުއަޚްލާޤީ މައްސަލަތައް ޤައުމުގައި ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މިދަނޑިވަޅުގައި މިފަދަ މަންޒަރުތަކާއި ޢިބާރާތްތަކުން ޓީޝާޓް ތައް ލައިގެން މަގުމަތީ އިޝްތިހާރު ކުރުމަކީ މިފަދަ ޢަމަލުތަކަށް ހިތްވަރު ދިނުން ނޫންބާއެވެ. އެއްޖިންސުން ގުޅުން ހިންގުމަށް ބާރުދޭ ބަސްތައް އެކުލެވިގެންވާއިރު، އެންމެ ބޮޑަށް އަމާޒްކޮށްފައި ވަނީ ބަދުއަޚްލާޤީ ބަސްތަކުން އެކަންކަން އިޝްތިހާރު ކުރުމަށެވެ. ނަޖިހަށް ލޯބިކުރާ ވާހަކަ އާއި، ބަނގުރަލާއި މަސްތުވުމުން ހިތްއުފާވާ ކަމަށް ބުނެ އިޝްތިހާރު ކުރަމުން ދާއިރު، މާލޭ މަގުމަތިން ނޫނީ ރާއްޖޭގެ ކޮންމެވެސް ހިސާބަކުން މިމެސެޖްތައް ނުފެނި ނުދާނެއެވެ. އެ ހެދުންތަކަށް ޕްރިންޓް ކޮށްފައިވާ ތަސްވީރު ތަކަކީ އެވާހަކަ ދައްކަން ހެޔޮވާ ވަރަށް ވުރެ ނަޖިސް ތަކެއްޗެވެ. މުޑުދާރު މަންޒަރު ތަކެކެވެ. އައުރަ ނިވާނުވާ ހާލުގައި ތިބި ފަޤީރު ކުދިންތަކެކެވެ. ސޮލީބާއި ކިޔާނެމެއްނެތެވެ. މިވާހަކަތައް ދައްކާ ކޮޅުން ނުލާނެއެވެ. ޝައިޠާނާ މި ހުތުރު އެއްޗެހިތައް ރީތި ނަލަ އެއްޗެހި ކަމުގައި އެބައިމީހުންނަށް ދައްކައެވެ. އެކަތި ދޭއްޗެއް ނޫނެވެ. ޑިސްޕްލޭގެ 65% އަކީ މިބާވަތުގެ ސާމާނެވެ. ޤަބޫލުނުކުރައްވާ ނަމަ އަމިއްލައަށް ދުރުވެ ބައްލަވާށެވެ.
ފަހަރުގައި އެއީ މައްސަލައެއް ނޫނޭ ބައެއް ބޭފުޅުން ބުނެފާނެއެވެ. ނޫނެކެވެ. އެއީ ބޮޑު މައްސަލައެކެވެ. ޢީދު ނަމާދަށާއި ހުކުރަށް އަދި މިސްކިތަށް މިފަދަ ހެދުން ލައިގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އިސްލާމްދީނުގެ އަޞްލުތަކާއި ހަމަތަކާއި ތަޢާރަޒުވާ އެތައް ކަމެއް ހިމެނޭއިރު މައްސަލައެއް ނޫނޭ ބުނެ ދޫކޮށްލެވޭކަށް ނެތެވެ. މިހިރަ މިހިރަ ކަންކަމުން މުޅި ޤައުމަށް މީގެ އަސަރު ސީދާކޮށާއި ނުސީދާކޮށް ފޯރާނެއެވެ. ޤައުމު ފަސާދައަށް ހުޅުވާލެވޭނެއެވެ.
މިއެއްޗެހި އެތެރެކޮށް ވިއްކާ ފަރާތްތައް ބޭނުންވާ ގޮތަށް މި ޢިބާރާތްތަކާއި މަންޒަރުތައި ހިމަނާފައިވާކަން ފާހަނގަ ކުރެވެއެވެ. މިހެން މިދެންނެވީ ލެޓިނުންވެސް ބައެއް ޓީޝާޓް ތަކުގައި "ހަކުރުދެންޏާ ބޮޑުބޭބެ" މިފަދަ ޢިބާރާތްތައް ހިމަނާފައި ވުމުންނެވެ. މިއީ މިކަންކަމުގައި ހައްދު ފަހަނައަޅާ ދިއުމެވެ. މި ބަސްތައް ފެތުރެމުންދާނީ ހަމަ މިމުޖުތަމަޢުގެ ތެރޭގައެވެ. ލައިގެން އެނބުރޭނީ ހަމަ އެބޭފުޅުންގެ ދަރިންގެ ލޯމަތީގައެވެ. ކަންކަން ޙައްލު ނުވެގެން ހައްދުން ނެއްޓިގެންދާ މިދުވަސްވަރުގައި މިފަދަ ޓީޝާޓް ނުވަތަ ހެދުންތައް ބޭނުން ކޮށްގެން ވެސް ޤައުމަށް ބޭނުންތެރި ރަނގަޅު މެސެޖުތަކެއް ދިނުމަކީ ޤައުމަށް ފައިދާހުރި ގޮތެކެވެ. ބައެއް ވިޔަފާރިވެރިންގެ ޢަމަލުތައް މިހެން ހުއްޓަސް، އަނެއްބައި ފިހާރަތަކުން ތިމާވެއްޓާއި ރައްޓެހި ބަސްތަކާއި ތަސްވީރު ތަކާއި އެހެނިހެން ހެޔޮ ބަސްތައް އެކުލެވޭ ޓީޝާޓް ވިއްކަމުންދާކަން ފާހަނގަ ކުރެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...