
1432 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަނގަކުރުމަށް ތާޖުއްދީން ސްކޫލްގައި ޒުވާނުން ބޭއްވި ޙަރަކާތުގެ ތެރެއިން – ފޮޓޯ : އިބްރާހީމް އަޝްވާޤް / ދިއިސްލާމް
ޖަމްޢިއްޔަތުއްސަލަފާއި ޒުވާން ކުދިންކޮޅެއް އިސްނަގައިގެން 1432 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަނގަކުރުމަށްޓަކައި އިއްޔެ ހެނދުނު ޢީދު ނަމާދަށް ފަހު ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
ތާޖުއްދީން ސްކޫލްގައި އޮތް މި ޙަރަކާތުގައި ބޮނޑިބަތްކެއުމާއި ކުޅިވަރުކުޅުމުގެ ޙަރަކާތްތައް ކުރިއަށް ގޮސްފައިވެއެވެ. މިޙަރަކާތުގައި ގިނަ ޢަދަދެއްގެ އަޚުންނާއި އުޚުތުން އަދި ކުޑަކުދިން ބައިވެރިވެ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެ ޢީދުގެ ތަހުނިޔާ ކިޔާފައިވެއެވެ.
އަދި ރާއްޖޭގެ ބައެއް ޝައިޚުން ވެސް ބައިވެރިވެލެއްވިއެވެ. އެގޮތުން ބައިވެރެވެލެއްވި ޝައިޚުންގެ ތެރޭގައި ޝައިޚް ޙަސަން މޫސާ ފިކުރީ، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޝައިޚް އަޙްމަދު ސަމީރު، ޝައިޚް އިބްރާހީމް ފަރީދު އަދި ޝައިޚް އަޒްމަތު ޖަމީލް ހިމެނިވަޑައިގަންނަވައެވެ.
މި ޙަރަކާތުގައި ބައިވެރިވެލެއްވި އަޚަކު ބުނީ މި ޙަރަކާތް އިންތިޒާމް ކުރިވެފައިވާ ގޮތް ވަރަށް ފުރިހަމަ ކަމަށާއި، އުފާވެރި ވަޤުތުކޮޅެއް ހޭދަކުރެވުނު ކަމަށެވެ. މި ޙަރަކާތް ނިންމާލާފައި ވަނީ 10:30 ހާއިރު އެވެ.
މިދިޔަ އަހަރުގެ ފިޠުރު ޢީދުގައި ވެސް މިފަދަ ޙަރަކާތެއް ސަލަފް އާއި ޒުވާނުން ގުޅިގެން ބާއްވާފައިވެއެވެ. އެފަހަރުގެ ޙަރަކާތުގައި ވެސް ބައެއް ޝައިޚުން ބައިވެރިވެލައްވާފައި ވެއެވެ. އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ޝައިޚް ޖައުފަރު ފާއިޒްގެ ދައުވަތުގެ މައިދާނުގެ ދުވަސްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ޝެއިހްއަށް ކުރިން ކުރިމަތިވި ދުއްތުރާތަކާއި ސައުދީ އާއި ރަޝިޔާގައި ދައުވަތު ފެތުރުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައްވަނީ ކިޔައިދެއްވާފައިވެއެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...