މިފަހަކަށް އައިސް ކޮންމެ އަހަރަކު ރަމަޟާން މަސް ފެށުމުން ދިވެހި މީޑިއާ އިން ރައްޔިތުންނަށް ފާޑެއްގެ "ހާސަރު ބޮނޑިއެއް" ގެނެސްދެއެވެ. ކާރަކަށް އެރިޔަސް، މަގުމަތީ ހިނގާލިޔަސް ކޮންމެވެސް މީހެއްގެ ތުމުން މީގެން ކޮންމެވެސް ހާސަރެއް ނީވޭ އިރެއް މަދު ވާނެއެވެ. ކުރީގެ ލަވަކިއުންތެރިންގެ ހަނދާނުގައޭ ބުނެ ފެށި މިސަކަރާތް މިހާރު އެމީހުންގެ ހަނދާން ނައްތާލައިފިއެވެ. މަރުވެފައިވާ މީހުންގެ ލަވަތައް އާކޮށްކޮށްފައި ކިއުމުގެ ބަދަލުގައި، އެމީހުންނަށް ހެޔޮ ދުޢާއެއް ކުރިއްޔާ ވާނީ ފަހެ ކީއްހެއްޔެވެ. ހަނދާންތަކުގެ ނަމުގައި ޖަހާ މި ސަކަރާތަށް އެއްއަހަރުން އަނެއް އަހަރަށް ޒުވާނުންތަކެއް ދަނީ ވައްދަމުންނެވެ. އެންމެ ލަވައެއް ކިޔާލުމުން ދުނިޔޭގައި ނެތްވަރުގެ މަޝްހޫރު ބަޔަކަށް ވެދެއެވެ.
އަހަރެންނަށް ތަޞައްވުރު ކުރެވެނީ އަހަރެންގެ އަންހެނުންނަށް މިފަދަ ފުރުޞަތެއް ލިބިގެން އަހަރެން އުޅޭނެ ހާލެވެ. އަހަރެންގެ ހިތަށް އަރާފައިބާނެ ޚިޔާލު ތަކެވެ. އަދި އަހަރެން ތެޅޭނެ ތެޅުމެވެ. ލަވަ ފަރިތަކުރަން އެއް ގޮޅިން އަނެއް ގޮޅިއަށް އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ފޮނުވަންވީ ލޯބިވާ އަނބިމީހާ އެކަނި ބާއެވެ. ލަވަ ކިޔަން ދަސްކޮށްދިނުމަށާއި، ލަވަ ރެކޯޑުކުރަން އަދި ފައިހަމަ ކުރުންތައް ދަސްކޮށްދޭން ހިލޭ ފިރިހެނުންނާއި އަނބިމީހާ ޙަވާލު ކުރަންވީ ހުދު އަހަރެން ހެއްޔެވެ. އުފުލަންވީ އަހަރެންގެ ސައިކަލުގެ ފަހަތުގައި ހެއްޔެވެ. ބުނާހާ ތާކަށް ވައްޓާލަދީފައި ނިމުނީމާ ގުޅާށޭ ބުނަންވީ އަހަރެންގެ މި އަނގައިން ހެއްޔެވެ.
ލަވަކިއުމުގެ ޕްރެކްޓިސްގައި އަންހެނުން އެތައް ދުވަހެއްގެ މަސައްކަތްކުރުމަށް ފަހު އޭނަ އާއެކު ލަވަކިޔާ ބައިވެރިޔާ އާއެކީ ފޮޓޯ ޝޫޓް ކުރާއިރު އެތާ ޝޮކެއް ޖެހިފައި ހަމަ އަހަރެން ހުންނަންވީ ހެއްޔެވެ. އެ ދެމީހުން އަތްގުޅުވާލައިގެން ތިބޭ ތަނާއި، ބައިވެރިޔާގެ ކޮނޑުގައި އެލިގަނެގެން އަހަރެންގެ އަންހެނުން އޮންނަތަން ދެކެން އަހަރެންނަށް ކުޅަދާނަވާނެ ބާއެވެ. ފޮޓޯ ނެގުމަށްފަހު ޓީވީތަކުންނާއި ސީޑީ ޑީވީޑީގެ ކަވަރުތަކުންނާއި ބޮޑެތި ޕޯސްޓަރުތަކުންނާއި އިންޓަނެޓުން އަހަރެންގެ އަންހެނުން އެހެން ފިރިހެނަކާއެކު ގައިގޯޅިކޮށް އުޅޭ މަންޒަރު އަހަރެންގެ އެކުވެރިންނާއި އާލާދު އެންމެންނަށް ދައްކާފައި ބުނަންވީ އެއީ އަހަރެންދެކެ ލޯބިވާ އަހަރެންގެ އަނބިމީހާ ހެއްޔެވެ. މިހިރަ މިހިރަ ކަންކަމަށް އަހަރެންގެ ޟަމީރު ޤަބޫލުވާނެ ބާއެވެ.
ފައިހަމަކުރުމާއި މިކްސިންގް އާއި ލަވަ ކިއުމާއި ހުރިހާ ފަރިތަކުރުމަކަށް ފަހު ދެން އަންނަނީ "ބޮޑު ރޭ" އެވެ. އެރޭގެ ޙަފްލާ އަށް އަހަރެންގެ އެކުވެރިންނާއި އަހަރެންގެ ޢާއިލާ އާއި އަނބިމީހާގެ މަންމަ އާއި ބައްޕަ އާއި އޭނާގެ ރައްޓެހިންނާއި އާލާދު އެންމެން ގޮވައިގެން ލަވައިގެ ރެކޯޑިންގް އަށް ދާ ރެއެވެ. އެބުނާ ބޮޑު ރެއެވެ. ދިއުމުގެ ކުރިން އަހަރެންގެ ސައިކަލުގައި އަހަރެންގެ ދޮންކަނބުލޮ ގޮވައިގެން މޭކަޕް ކުރަންވެސް ދާންޖެހޭނީ ނިކަމެތި އަހަރެންނެވެ. ކޮންމެވެސް މޮޅު މީހަކު ޑިޒައިން ކޮށް ނިންމާލާފައި ހުންނަ ހެދުމާއި އެކު މޭކަޕްކޮށް ނިންމާލާއިރު، އެކަނބުލޭގެ ކޮކާލެއްހެން ނޫނީ ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްހެން ހުއްޓަސް އަހަރެން ބުނަންވީ ހަމަ "ވޮނޑަރފުލް" ނުވަތަ "އޯ ސަޅި" މިހެން ހެއްޔެވެ.
އެހެދުމަކީ އައުރަ ނިވާ ނުވާ ޙާލަތެއްގައި އެކަނބުލޭގެ ހަށިގަނޑުގެ ވަނާތައް ކަޝްފުވާ ގޮތަށް ހުރި ހެދުމަކަށް ވިޔަސް މަށަށް އޯކޭ ހެއްޔެވެ. ނޫނީ ގައިގެ ހަންގަނޑުގައި ދަވާދުލީމާ ހުންނަ ގޮތަށް ހުއްޓަސް ހަމަ އޯކޭ ހެއްޔެވެ. ގައިގެ ބައްޓަން ހުރިގޮތަށް ހުރެފައި ކުލަ ބަދަލުވިޔަސް މަށަށް ހަމަ އޯކޭ ބާއެވެ. ބުރުގާވެސް ކަރުގައި އޮޅާލާ ކޮންމެވެސް މޮޅު ވައްތަރެއް ޖައްސާލާފައެވެ. މިހިރަ މިހިރަ ކަންކަމަކީ ހުވަފެނުންވެސް ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ.
އަހަރެންގެ ލޯބިވާ އަނބިމީހާ އާއި އޭނާ އާއި އެއްކޮށް ލަވަކިޔާ ބައިވެރިޔާ އަތާއި އަތް ޖޯޑުކޮށްލައިގެން ސްޓޭޖަށް އަރާ ބަނޑިބަނޑި ލައްވާއިރު އަހަރެން އިންނަންވީ ދެފަރާތުގައި އަހަރެންގެ މަންމަ އާއި ބައްޕަ ބައިންދައިގެން އެއީ އަހަރެންގެ އަނބިމީހާއޭ ބުނެ ފަޚުރު ވެރިވެފައި ހެއްޔެވެ.
އެމަންޖެ ލަވަ ކިޔާލެއް ކިހާ ނަލަ ހެއްޔޭ ކިހާ ސަޅިކޮށް ނަށާލާ ބަނޑިބަނޑި ލައްވާލާ ހެއްޔޭ ބުނެ އަހަރެންގެ ގިރުވާން ކޮޅަށް ޖަހަންވީ ހެއްޔެވެ. ލަވަކިޔާ ބައިވެރިޔާ އާއި އަންހެނުން ސްޓޭޖްމަތީ އޮޅުލައިގަނެގެން ނުނެއްޓިގެން އުޅޭއިރު އަތްޖަހާލަ ޖަހާލަ އަހަރެން ހަމަ އިންނަންވީ ހެއްޔެވެ. ލޯބިވާ އަނބިމީހާ އެހެން ފިރެހެނެއް ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނެ އޭނައާއި ދިމާއަށް ކަތިނަޒަރަކުން ބަލަމުން އޭނަ އާއި ދިމާއަށް އަތުން އިޝާރާތްކުރަމުން ލަވައިގެ ބައިވެރިޔާ އާއި ނުލާ ނޫޅެވޭނެޔޭ ބުނެ މިބާވަތުގެ ހާސަރުތަށް ދަމާއިރު އަހަރެން ހެވިފައި ހުރެ ބުނަންވީ އެއީ ޅެން ހެދި މީހާގެ މައްސަލަ އެކޭ ހެއްޔެވެ. ޅެންވެރިޔާ ހެދިގޮތަކަށް އެކަނބުލޭގެ ކިޔާލީ އޭ ބުނަންވީ ހެއްޔެވެ. ލަވަކިޔާ ނިންމާލާފައި އެދެމީހުން އަތް ގުޅުވާލައިގެން ތިބެ ސްޓޭޖުން ފައިބައިގެން އައީމާ އަހަރެން އެއަތުގައި ހިފައިގެން ގޮވައިގެން ގެއަށް ދާންވީ ހެއްޔެވެ. ގެއަށް ގޮސް ގޭގެ އަހުލު ވެރިން ކައިރީ ބުނަންވީ އަހަރެންގެ އަނހެނުން އޮބިނޯވެއެވެ. މިފަހަރުގެ ޝޯގައި ކީ ލަވަ ފެންވަރުގެ ލަވައަކަށް ވާނެއެވެ. ޗާޓްތަކުގެ އެއްވަނަވެސް ކާލާނެކަން ޔަޤީނެވެ. އަދި ވީޑިއޯ ވެސް އޮބި ނޯންނާނެއޭ ހަމަ އަހަރެން ބުނަންވީ ހެއްޔެވެ.
ޓީވީއިން ޝޯ ދައްކާރޭ އަހަރެންގެ ރައްޓެހިންނާއި އާލާދު އެންމެންނަށް މެސެޖް ކޮށްފައި މިރޭގެ ޝޯގައި އަހަރެންގެ އަހަންހެނުން ލަވަކިޔާނޭ ބުނަން ވީ ހެއްޔެވެ. ޝޯ ދައްކާރޭ ޝޯ ބަލަން އެންމެންނަށް އިޢުލާން ވެސް ކުރަންވީ ޙުދު މި ނިކަމެތި އަހަރެން ހެއްޔެވެ. މިއީ އަހަރެންގެ އަންހެނުންގެ ފުރަތަމަ ލަވަ ކަމުން ފޭސްބުކްގައި އަންހެނުންގެ ފޭން ޕޭޖެއް ހުޅުވަންވީ އަހަރެންގެ ފޭސްބުކް އައިޑީން ހެއްޔެވެ. މި ޕޭޖަށް ލައިކް ހޯދަން މަސައްކަތް ކުރަންވީ ވެސް އަހަރެން ހެއްޔެވެ. ލޯބި ލޯބި އަނބިކަނބުލޭގެ ނަލަ ނަލަ ފޮޓޯތައް ދުވަހުން ދުވަހަށް މަހުން މަހަށް އަޕްލޯޑް ކުރަންވީ މަގޭ ކޮމްޕިއުޓަރުން ހެއްޔެވެ.
އަހަރެންގެ އަންހެނުންނަކީ ގެވެހި އަންބެކެވެ. ވަޒީފާއަށް ނުފޮނުވާ ގޭގައި ހުންނަނީ އަންހެނުން ލައްވާ ބޭރުގައި މަސައްކަތް ކުރުވަން ބޭނުން ނުވާތީ އާއި ޢާއިލާގެ ކަންކަން ބެލެހެއްޓުމަށެވެ. ދުވާލުދާ ހަތަރު ދަމު ބޮލާއި ކަނދުރާ ފިއްސައިގެން ހޯދާ ފައިސާ ރައްކާކޮށްފައިވާ ތިޖޫރީގެ ތަޅުދަނޑި އެކަނބުލޭގެ އާއި ޙަވާލުކޮށްފައި ބާއްވަނީ ކުރެވޭ އިތުބާރެއްގެ ބޮޑު ކަމުންނާއި ޔަޤީން ކަމުންނެވެ. ވަޒީފާ އަށް ނުފޮނުވާ ލަވަ ކިޔައިގެންނާއި ހިލޭ ފިރިހެނުންގެ ކުރިމަތީ ބަނޑިބަނޑި ލައްވައިގެން ލިބޭ ފައިސާ ގެނެސް އެ ތިޖޫރިއަށް ލައިގެން އެ ފައިސާގެ ބޭނުން އަހަރެން ހަމަ ކުރަންވީ ހެއްޔެވެ. އަހަރެންގެ އަންހެނުންގެ ބައްޕަ އަހަރެންނާއި އެކަނބުލޭގެ ޙަވާލުކުރީ އެފަދަ ހަޑި މަސައްކަތް އެކަނބުލޭގެ ލައްވާ ކުރުވާނެކަން އެނގިހުރެ ބާއެވެ.
ނުނެކެވެ. އަހަންނަކަށް މިބުނި އެއްކަމެއްވެސް ނުކުރެވޭނެއެވެ. އެމަންޒަރުތައް ބަލަން އަހަރެންގެ ލަގޮނޑިއަށް ކެތެއް ނުވާނެއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަށް އަހަރެންގެ އަންހެނުން ހިލޭ ފިރިހެނަކާއެކު ނަށާ މަންޒަރު ދައްކާކަށް ހަމަ ލާހިކެއް ނޫނެވެ. މާތްﷲ ގެ އިރާދަފުޅުން އެކަނބުލޭގެ ފުށުން އަހަންނަށް ދެއްވަން ހުރި ދަރިންނަށް އެ މަންޒަރުތައް ދައްކާކަށް ނުކެރޭނެއެވެ. އަހަރެންގެ ދަރިއަކު ކައިރީ ބުނަން ވީ ހެއްޔެވެ. ދަރިފުޅުގެ މަންމަ ނަށާފައިވާ ލަވައެއް ބަލާލަމާ ބަހީއެވެ. އެމަންޒަރު ފެނިއްޖެ ނަމަ އެދަރިވެސް ލަދުން އިސްޖަހާލަން މަޖުބޫރު ވާނެއެވެ.
އަހަރެންގެ އަންހެނުން މިފަދަ ފާހިޝް ޢަމަލުތަކުގައި ބައިވެރިކޮށް އެކަނބުލޭގެ ފަހަތުގައި އަތްޖަހާކަށް ނުހުރެވޭނެއެވެ. އެކަނބުލޭގެ އަށް މާތް ﷲ ދެއްވާފައިވާ ރީތިކަމާއި ނަލަކަން ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައާއި ދުނިޔޭގެ މަޝްހޫރުކަމަށް ނުވިއްކާނަމަވެ. އެކަނބުލޭގެ ފަރާތުން ނަފާ ހޯދަންވީ އެކަނބުލޭގެއަށް މާތް ﷲ ދެއްވާފައިވާ ރީތި އަޑާއި ރީތި ސިފަތައް ނުއަގުގައި ނީލަމަށް ލާ ވިއްކާލައިގެން ހެއްޔެވެ. ނޫނެކެވެ. އެއީ ކުޑައަގަކަށް ވިއްކާލެވޭ ވަރުގެ އެއްޗެއް ނޫނެވެ. އެއީ އެއަށްވުރެ އަގު ބޮޑު ޖަވާހިރެކެވެ. އަހަރެން މާތް ﷲ ގެ ކޯފާއަށް ބިރުގަނެއެވެ. މާތް ﷲ އަހަރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...