އިޒްރޭލުގެ ފްލައިޓް ރާއްޖެ އައުން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.
"ދިއިސްލާމް" އޮންލައިން ނޫހާއި ދިވެހި ޒުވާނުންކޮޅެއް އިސްނަގައިގެން މަސްޖިދުލް އަޤްޞާ އާއި ފަލަޞްޠީނުގެ މައްސަލަ އަށް ޚާއްޞަކޮށްގެން "އަލްއަޤްޞާ ފޯރަމް 2011" މިނަމުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒްގެ ހޯލުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުރޫފް ވިދާޅުވީ ޒަޔަނިސްޓުންގެ އަނިޔާވެރިކަން ދިވެހި ރައްޔިތުން ދަނެގަންނަން ޖެހޭ ކަމަށާއި ފަލަސްޠީނަށް ހަދަމުންދާ ގޮތް ދިވެހިރާއްޖެ އަށް ވެސް ހަދާފާނެ ކަމަށެވެ. މައުރޫފް ވިދާޅުވީ އިޒްރޭލުގެ ސަރުކާރުގައި ޒަޔަނިސްޓުން ނޫން އެހެން ބައެއް ނުތިބޭނެ ކަމަށާއި އިޒްރޭލުގެ މިލިޓަރީ ފޯސް އަކީ ހަތަރު ވަނަ އަށް ދުނިޔޭގައި މިހާރު އޮތް އެންމެ ބާރުގަދަ ފޯސް ކަމަށެވެ. އެހެންވުމާއެކު ރާއްޖެ އަށް އިޒްރޭލްގެ ފްލައިޓްތައް ޖައްސާ ޑޮކްޓަރުންގެ ނަމުގައި އިޒްރޭލުގެ ޒަޔަނިސްޓުން އައުމާއި މެދު ދިވެހި ރައްޔިތުން ވިސްނަން ނުޖެހޭތޯ މައުރޫފް ސުވާލުކުރެއެވިއެވެ.
"ޒަޔަނިސްޓުންގެ ފަލްސަފާ" މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން ޑރ. މައުރޫފް ވިދާޅުވީ ޒަޔަނިސްޓުންނަށް މީހެއްގެ ފަރާތުން ޝައްކުވާ ކަމެއް ފެނިއްޖެނަމަ ފުރަތަމަ އެމީހަކު މަރާލާނީ ކަމަށާއި ވެގެން އުޅޭގޮތެއް އަހާނީ އޭގެ ފަހުން ކަމަށެވެ. މައުރޫފްގެ ވާހަކަފުޅުގައި ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ފޭރުނު ގޮތުގެ މައްޗަށް ތާރީޚީ ގޮތުން ބައްލަވާލެއްވިއެވެ. އަދި ޒަޔަނިސްޓުންގެ އަނިޔާވެރިކަމުން ފަލަޞްޠީނުގެ ދަނޑުބިންތައް ފޭރި، އިޤްޠިޞާދު ހަލާކުކޮށްލައި ފަލަސްޠީނުގެ މުސްލިމުންނަށް ފެނާއި ބޭސް ފަދަ އަސާސީ ބޭނުންތައް ލިބޭނެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ޒަޔަނިސްޓުން ބޭނުން ވަނީ މަސްޖިދުލް އަޤްޞާ ވައްޓާލާފައި އެތަނުގައި ފައްޅި އަޅަން ކަމަށާއި އެގޮތުން 1970 ވަނަ އަހަރުން ފެށިގެން އެތަނުގެ އަޑިން ކޮންނަން ފަށާފައިވާ ކަމަށާއި އެކަމަށްޓަކައި ޕްލޭންތައް ހަދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އަޤްޞާ މިސްކިތުގެ ފައުންޑޭޝަން ނިކަމެތިވެފައިވާ ކަމަށް ފަލަޞްޠީނުގެ އިދާރާތަކުން ހާމަކުރާ ކަމަށާއި އިޒްރޭލުން އެތަނުގެ އަޑީގައި އެއްޗެއް ގޮއްވާލުމަށްވެސް ރާވާފައިވާ ކަމަށެވެ. އަދި އިޒްރޭލްގެ އަނިޔާވެރި ޢަމަލުތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަން ދިނުމަށާއި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމުގެ މަސައްކަތް ބައިނަލްއަޤްޥާމީ މުޖުތަމަޢުން ކުރިއަށް ގެންދާތީ އެކަމަށް ހުރަސްއެޅުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
ޑރ. މައުރޫފްގެ އިތުރުން "އަލްއަޤްޞާ" މި މައުޟޫއަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަފުޅު ދެއްކެވއެވެ. ފޯރަމްގެ ބައިވެރިންގެ ޝުޢޫރުތައް ފާޅު ކުރުމާއި ބައިވެރިންގެ ސުވާލުތަކަށް ޑރ. މައުރޫފް އާއި ޝައިޚް ޝަހީމް ޖަވާބު ދެއްވިއެވެ.
"ދިއިސްލާމް" ގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޯރަމްގެ މަޤްޞަދަކީ މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަޤްޞާ އާއި އެތާނގެ ވަށައިގެންވާ ފަލަޞްތީނުގެ ބިންތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ ޚަބަރުތައް ކޮންމެވެސް ސިފައެއްގައި ދިވެހި އިސްލާމީ އުއްމަތަށް ގެނެސްދީ ހޭލުންތެރިކަން އިތުރު ކުރުވުމެވެ.
މިފޯރަމް ފެށުމުގެ ގޮތުން ފަލަޞްޠީނު މުސްލިމުންގެ ޙާލަތު އަދި އިޒްރާއީލްގެ އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. މީގެ އިތުރުން ފޯރަމްގެ ބައިވެރިންގެ ޝުޢޫރުތައް ފާޅު ކުރުމާއި ބައިވެރިންގެ ސުވާލުތަކަށް ޑރ. މައުރޫފް އާއި ޝައިޚް ޝަހީމް ޖަވާބު ދެއްވިއެވެ. މި ފޯރަމް ނިންމާލާފައި ވަނީ ދުނިޔޭގެ މަޝްހޫރު ޤާރީ އެއްކަމަށްވާ ޝައިޚް މިޝާރީ ރަޝީދު އަލްއަފާސީގެ ދުޢާއެއްގެ ދިވެހި ބަހުން ސަބްޓައިޓަލް ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުންނެވެ.
___________
ފޮޓޯ : އަޝްވާޤް އިބްރާހީމް - ދިއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...